މިދިޔަ ޖަނަވަރީ މަހާ އަޅައިބަލާއިރު، ނިމިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރިޕޯޓުކޮށްފައިވާ އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތައް ފާހަގަކުރެވޭ މިންވަރަކަށް މަދުވެފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފުލުހުންގެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެކި ބާވަތުގެ ޖުމްލަ 948 މައްސަލަ މިދިޔަ މަހު އެ އިދާރާއަށް ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ދަށްވުމެއް އައިސްފައިވަނީ މަގުމަތީގެ އެކްސިޑެންޓުތަކާއި ވައްކަމުގެ މައްސަލަތަކަށެވެ.

އެގޮތުން، މިދިޔަ ފެބްރުއަރީ މަހު ރިޕޯޓުކޮށްފައިވަނީ 250 އެކްސިޑެންޓެވެ. މިއީ ޖަނަވަރީ މަހާ އަޅައިބަލާއިރު 54 އެކްސިޑެންޓުގެ ދަށްވުމެކެވެ. ޖަނަވަރީ މަހު އެންމެ ގިނައިން ރިޕޯޓުކުރި ވައްކަމުގެ މައްސަލަތަކަށް ބަލާއިރު، އެ މަހު 310 މައްސަލަ ހުށަހެޅި ނަމަވެސް، ފެބްރުއަރީ މަހު މި އަދަދު ވަނީ 247 އަށް ތިރިވެފައެވެ.

ފުލުހުންނަށް ހުށަހެޅުނު އެހެނިހެން މައްސަލަތަކުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅޭ 169 މައްސަލައާއި، ތަކެތި ގެއްލިގެން ރިޕޯޓުކުރި 80 މައްސަލަ އާއި، މާރާމާރީ ހިންގުމުގެ 64 މައްސަލަ އާއި، މުދަލަށް ގެއްލުން ދިނުމުގެ 52 މައްސަލަ ހިމެނެއެވެ.

މިދިޔަ މަހު އެކްސިޑެންޓުތައް މަދުވި ނަމަވެސް، މިހާރު ހިނގަމުންދާ ރަމަޟާން މަހުގެ ފުރަތަމަ ހަފުތާގައި މާލެ ސަރަހައްދުގައި އެކްސިޑެންޓުތައް ހިނގި މިންވަރު ވަނީ ކަންބޮޑުވާ މިންވަރަށް އިތުރުވެފައެވެ. ފުލުހުން ހާމަކުރި ގޮތުގައި ރޯދަމަހުގެ ފުރަތަމަ ހަފުތާގައި އެކަނިވެސް 90 އެކްސިޑެންޓު ވަނީ ހިނގާފައެވެ.

މިކަމާ ގުޅިގެން، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި، އުޅަނދު ދުއްވާ ފަރާތްތަކުން ބާރު މިނުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަމާލުވެ ތިބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު