ދައުލަތުގެ މީޑިއާ (ޕީއެސްއެމް) އިން ވަކި ފަރާތަކަށް ބުރަވެ، ސިޔާސީ ކެމްޕެއިންތަކުގައި ބައިވެރިވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެންބަރު އިލްހާމް އަޙްމަދު ސަރުކާރަށާއި ޕީއެސްއެމްއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އިލްހާމް މިފަދައިން ފާޑުވިދާޅުވީ، ސަރުކާރު ހިންގާ ޕީއެންސީގެ ސިޔާސީ ހަރަކާތްތަކާއި ކެމްޕެއިން ޕީއެސްއެމްއިން ބޮޑުތަނުން އިސްތިހާރު ކުރަމުންދާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އިލްހާމް ވިދާޅުވީ، ޕީއެސްއެމް އަކީ ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ ދައުލަތުގެ ބަޖެޓުން ހިންގާ މުއައްސަސާއަކަށް ވާއިރު، ވަކި ކޮޅަކަށް ޖެހިގެން މަސައްކަތް ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ޚަބަރުތަކާއި ޕްރޮގްރާމްތަކުގައި ދެފަރާތުގެ ބަސް ނުގެނެވޭނަމަ، އެ ކުރެވެނީ ކުށެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

އިލްހާމް އިތުރަށް ސުވާލު އުފައްދަވަމުން ވިދާޅުވީ، އަމިއްލަ މީޑިއާތައް ރެގިއުލޭޓް ކުރުމަށްޓަކައި ގާނޫނުތަކުގެ ބޭނުންކޮށް، ދެފަރާތުގެ ބަސް ގެނައުމަށް މަޖުބޫރުކޮށް، ބޮޑެތި ބަޔާންތައް ނެރެމުންދާއިރު، ދައުލަތުގެ ބަޖެޓުން ހިންގާ ޕީއެސްއެމްއަށް ގާނޫނީ ހުދޫދުތަކުގެ ތެރޭގައި އުޅެން ނުޖެހެނީތޯއެވެ؟

އަމިއްލަ ފަރާތްތަކުން ހިންގާ މީޑިއާތަކުން ކަމެއްވާއިރަށް ބިރުދެއްކުމުގެ ގޮތުން ބަޔާންތައް ނެރެ، މާފަށް އެދުމަށް ބުނާއިރު، ޕީއެސްއެމް މިކަންކަމުން އިސްތިސްނާވާންޖެހޭ ސަބަބެއް އޮވެގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ މީޑިއާގެ އަމަލުތައް ހުރި ގޮތާމެދު ހިތްހަމަނުޖެހުން ފާޅުކުރައްވަމުން އިލްހާމް ވިދާޅުވީ "އެހާ ޗީޕް (ދަށް ފަންތީގެ) އަމަލުތައް ހިންގުމަކީ ކަމަކުދާނެ ކަމެއް ނޫން" ކަމަށެވެ.

ޕީއެސްއެމްގެ މިނިވަންކަމާއި މުސްތަގިއްލުކަމާ މެދު ސިޔާސީ އެކި ފަރާތްތަކުންނާއި އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވަކިން ހާއްސަކޮށް، އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރު ކޮޅަށް ކެމްޕެއިން ކުރުމަކީ ޑިމޮކްރެޓިކް އުސޫލުތަކާ ޚިލާފު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު