ކްރިމިނަލް ކޯޓު
ކްރިމިނަލް ކޯޓު
މީހެއްގެ ކަރުގައި އޮތް ފަށެއް ފޭރިގަތް މައްސަލައަކާ ގުޅިގެން ހައްޔަރުކުރި މީހަކު 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ހއ. ދިއްދޫ، ޝަރުމީނާ މަންޒިލް، މުހައްމަދު އަރީފް އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި އޭނާ ހައްޔަރުކޮށްފައިވަނީ ސްރީލަންކާ ރައްޔިތެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މައްސަލައެއްގައެވެ.

މުހައްމަދު އަރީފްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ފޭރުމުގެ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށް ބުނެ ތުހުމަތުތަކަށް އިންކާރުކޮށްފައެވެ. ނަމަވެސް، ފުލުހުން ކޯޓުގައި ބުނެފައިވަނީ އޭނާއަކީ މީގެ ކުރިންވެސް ކުށުގެ ރެކޯޑް އޮތް މީހެއް ކަމަށެވެ.

މި މައްސަލައިގައި ހުށަހަޅާފައިވާ ހެކިތަކަށާއި، އޭނާއަކީ ކުށުގެ ރެކޯޑް އޮތް މީހަކަށް ވާތީ، މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ބަލައި ކޯޓުން ވަނީ އޭނާ 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު