ޒަކާތް ބެހުން
ޒަކާތް ބެހުން
މޯލްޑިވްސް ޒަކާތު ހައުސްއިން، 1447 ވަނަ އަހަރުގެ ރަމަޟާން މަހުގެ ފިޠުރު ޒަކާތް، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމައިފިއެވެ.

ޒަކާތު ހައުސް އިން ބުނެފައިވަނީ، މި އަހަރުގެ ފިޠުރު ޒަކާތް ލިބުމުގެ ޝަރުޠު ހަމަވާ މީހުންނަށް ބޮލަކަށް 6،000 ދިވެހި ރުފިޔާ ޖެހިފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ތާރީޚުގައި ވެސް މިހާތަނަށް ހަމަހަމަކޮށް ފިޠުރު ޒަކާތް ބެހުމުގައި، ބޮލަކަށް އެންމެ ގިނަ އަދަދަކަށް ފައިސާ ބެހި ފަހަރެވެ. ޒަކާތް ލިބުނު ފަރާތްތަކުގެ ތެރޭގައި، ޒަކާތް ޙައްޤުވާ ކެޓަގަރީތަކުގެ ދަށުން ހިމެނުނު 62 ފަޤީރު ޔަތީމު ކުދިން ވެސް ހިމެނޭ ކަމަށް ޒަކާތު ހައުސްއިން މަޢުލޫމާތު ދެއެވެ.

ޒަކާތު ހައުސްއިން ބުނީ، މި އަހަރު ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް ޖުމުލަ 14 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. މިއީ ފިޠުރު ޒަކާތުގެ ގޮތުގައި އެންމެ ގިނައިން ފައިސާ ލިބިފައިވާ އަހަރެވެ. މީގެ ތެރެއިން ފަޤީރުންނާއި މިސްކީނުންނަށް ބެހުމަށް ކަނޑައަޅައިފައިވަނީ ޖުމުލަ 13،896،000 (ތޭރަ މިލިއަން އަށްލައްކަ ނުވަދިހަ ހަހާސް) ދިވެހި ރުފިޔާއެވެ.

މި އަހަރުގެ ޒަކާތް ބަލައިގަތުމުގައި ޒަމާނީ ޑިޖިޓަލް ވަސީލަތްތަކުގެ ބޭނުން ވަނީ ވަރަށް ފުޅާދާއިރާއެއްގައި ހިފާފައެވެ. އެގޮތުން، ފަސޭހަކަމާ އެކު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި ހަތް އޮންލައިން ޕްލެޓްފޯމެއް ބޭނުންކޮށްފައިވެއެވެ. އަދި އޮންލައިންކޮށް ޒަކާތް ދައްކަން އުނދަގޫ ފަރާތްތަކަށް ޚާއްޞަކޮށް، ރަށްރަށުގެ ކައުންސިލުތަކުން ނަގުދު ފައިސާއިން ބަލައިގަންނަ ޒަކާތުގެ ފައިސާ ޖަމާކުރުމަށް ޓަކައި ޚާއްޞަ އޮންލައިން ޕޯޓަލެއް ވެސް ޒަކާތު ހައުސްއިން ވަނީ ތަޢާރުފުކޮށްފައެވެ.

މީގެ އިތުރުން، މާލެ ސަރަޙައްދުގައި ދިރިއުޅޭ ފަރާތްތަކަށް އިސްލާމީ މަރުކަޒުގެ ހޯލުގައި ނަގުދު ފައިސާއާއި ކޭޝް ކާޑު މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސައިދީފައިވެއެވެ. އަދި އާދަކާދައިގެ މަތިން ގޮވާމުން ޒަކާތް ބަލައިގަތުމާއި ބެހުމުގެ މަސައްކަތް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޒަކާތު ހައުސްއިން ބުނީ، ޑިޖިޓަލް ނިޒާމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ސަބަބުން، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ދުވަހުން ދުވަހަށް މޮނިޓަރ ކުރެވި، ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ފަޤީރުންނާއި މިސްކީނުންނަށް ހަމަހަމަކަމާ އެކު ފައިސާ ބެހުމަށް ބޮޑު މަގުފަހިކަމެއް ލިބިގެންދިޔަ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު