މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ)
ރައްޔިތުންގެ މަޖިލިސް އުވާލުމުގެ ގާނޫނީ ބާރު ސަރުކާރަށް ނެތުމުގެ ސަބަބުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ މަޖިލީހުގެ ބާރު ކަނޑުވާލުމަށްޓަކައި އެ މުއައްސަސާ "ކުރުގަޅުވާލާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ކުރީގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެއެވެ.

ބޮންޑާ މިހެން ވިދާޅުވީ ރާއްޖޭގެ މީޑިއާއަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރާއްޖޭގެ މައި ދެ އިންތިހާބު ކަމަށްވާ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ ރިފަރަންޑަމް ވޯޓާ ގުޅޭގޮތުން ވާހަކަދައްކަވަމުންނެވެ.

އޭނާ ވިދާޅުވި ގޮތުގައި، އަވަސް އަރުވާލައިގެން ގާނޫނުތަކަށް ބަދަލު ގެނެސްގެން ދެ އިންތިހާބު އެއްކޮށްލުމަށް ނަގާ ވޯޓަކީ ރައީސް މުއިއްޒުގެ ސަރުކާރުން ރައްޔިތުންގެ ބާރު ކަނޑުވާލުމަށް ކުރާ ކަމެކެވެ. ރައްޔިތުންގެ ބާރު ފެށެނީ އެކި ދާއިރާތަކުން މަންދޫބުން ހޮވައިގެން މަޖިލީހަށް ފޮނުވުމުން ކަމަށާއި، އެ މެންބަރުންގެ މައިގަނޑު ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުވުން ކަމުގައި ބޮންޑާ ފާހަގަކުރެއްވިއެވެ.

ސަރުކާރު ޖަވާބުދާރީ ކުރުވާ ރައްޔިތުންގެ މަޖިލީހަކީ "ޑިކްޓޭޓަރުން" ނުވަތަ ހުދުމުހުތާރު ވެރިން ވަރަށް ބިރުގަންނަ ތަނެއް ކަމަށް ބޮންޑާ ސިފަކުރެއްވިއެވެ. އޭނާ ވިދާޅުވީ ރާއްޖެއިން ކުރިންވެސް މިފަދަ ވެރިކަމެއް ތަޖުރިބާކޮށްފައިވާ ކަމަށާއި، އޭރު ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރާ މީހުން ޖަލަށްލައި އަނދަގޮނޑި ޖަހާފައިވާ ކަމަށެވެ. މިހާރުގެ ހާލަތަށް ބަލާއިރު، ރައީސް މުއިއްޒު ވަނީ މަޖިލީހުގެ ވަކިވަކި މެންބަރުންގެ އަނގަ ބަންދުކޮށް، ސުޕްރީމް ކޯޓުގެ ބާރުވެސް ކަނޑުވާލާފައި ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ބޮންޑާ އިތުރަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލިސް މިހާރު މަސައްކަތް ކުރަނީ "ކުޑައެއް ހުޅުވާ ލައްޕާ ބީދައިން" ކަމަށެވެ. އަދި އެ ކުޑަ ހުޅުވުމާއި ލެއްޕުމުގެ ފުރިހަމަ ކޮންޓްރޯލް އޮތީ ރައީސް މުއިއްޒުގެ އަތްޕުޅުގައި އޮންނަ ބަޓަނަކުން ކަމަށް އޭނާ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން މަޖިލީހުގެ މިނިވަންކަން ގެއްލިފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.

ވާހަކަ ނިންމާލަމުން ބޮންޑާ ވަނީ، ސަރުކާރުން ރައްޔިތުންގެ "ކަނު ބަނދެގެން" ނަގަން އުޅޭ މި ވޯޓުގައި ހުރިހާ ރައްޔިތުންވެސް ބޮޑުތަނުން "ނޫނެކޭ" ބުނުމަށް ގޮވާލާފައެވެ. އޭނާ ދެކޭގޮތުގައި މިއީ ހުދުމުހުތާރު ވެރިން ބާރުތައް މުށުތެރެއަށް ޖަމާކުރުމަށް ކުރާ މަސައްކަތުގެ ބައެކެވެ.



ކިޔުންތެރިންގެ ހިޔާލު