ބޮލީވުޑު އެންމެ ކާމިޔާބު ތަރިންގެ ތެރޭގައި ކުރީސަފުގައި އެންމެ މަޤުބޫލު ތަރިންގެ ތެރޭގައި ހިމެނޭ އެންމެ ޑިމާންޑް ބޮޑު އަކްޝޭ ކުމާރުގެ ކާމިޔާބީގެ އެންމެ ބޮޑު ސިއްރަކީ ކަމަށް މާހިރުންގެ ނަޒަރުގައި ބަފާބެ، ސްޕަސްޓަރ ރާޖޭޝް ކަންނާގެ ކެރިއަރުގައި މިސްރާބު އޮޅުނު ކަންތައްތައް ވަރަށް ރަނގަޅަށް އެނގި، ނުކުރަންވީ ކަންތައްތަކާއި ކުރަންވީ ކަންތައްތައް އޭނާއަށް އޮޅުންފިލާފައިވާތީ އެވެ.

އަކްޝޭ ކުމާރުވެސް ބުނާ ގޮތުގައި އޭނާގެ ފިލްމީ ކެރިއަރުގައިވެސް އަދި ދިރިއުޅުމުގައިވެސް ކާމިޔާބީގެ ފަހަތުގައިވަނީ ބަފާގެ ފަރާތުން ލިބެމުންއައި އަގުހުރި ފިލާވަޅުތަކެވެ. އެގޮތުން އަކްޝޭ ހާމަކުރިގޮތުގައި ބަފާބެ ރާޖޭޝް ކަންނާގެ ކެރިއަރުގައި ތަޖުރިބާ ކުރި ކަންތައްތައް ވަރަށް ރަގަޅަށް އެނގި، ކުރަންވީ ކަންތައްތަކާއި ނުކުރަންވީ ކަންތައްތައް ބަފާބެގެ ފަރާތުން އޭނާ އަށްވަނީ ވަރަށް ރަނގަޅަށް އޮޅުންފިލާފައެވެ.

ނާކާމިޔާބީއަށް ފުންކޮށް ބެލުމަކީ ދިގު މުއްދަތުގެ ކާމިޔާބީއަށް ބޭނުންވާ ރައްކާތެރިކަމާއި ހަގީގަތާ ކުރިމަތިލުމުގެ ގާބިލުކަން އިތުރުކޮށްދޭ ކަމެއްކަން މާހިރުން ފާހަގަކުރެއެވެ.

ކާމިޔާބީގެ ވާހަކަތަކުގައި އާންމުކޮށް އަލިއަޅުވާލަނީ ކުރަންވީ ކަންތައްތަކުގެ މައްޗަށެވެ. އެއީ ރަނގަޅު އާދަތަކާއި، ސައްހަ ނިންމުންތަކާއި، ރަނގަޅު ނުފޫޒުތަކެވެ. ނަމަވެސް، އަމިއްލަ ނުވަތަ އެހެން މީހުންގެ ގޯސްތަކުން ދަސްކުރުމަކީ ވެސް އެހާމެ މުހިންމު، އެކަމަކު މާ ގިނައިން ދެކެވޭ ވާހަކައެއް ނޫނެވެ. އަކްޝޭ ކުމާރު ވަނީ އޭނާގެ ކެރިއަރަށާއި ދިރިއުޅުމަށް ނުފޫޒު ފޯރުވި މީހުންނާ ބެހޭގޮތުން ވާހަކަ ދައްކަމުން މިކަމަށް އިޝާރާތްކޮށްފައެވެ.

އިންޑިއާ ޓުޑޭއަށް ދިން އިންޓަވިއުއެއްގައި އޭނާ ބުނެފައިވަނީ އަމީތާބް ބައްޗަން، ސަންޖީވް ކުމާރު އަދި މަހްމޫދު ފަދަ ތަރިންނަކީ އޭނާއަށް ހިތްވަރު ލިބުނު ފަރާތްތައް ކަމަށެވެ. އިންޑިއާގެ ސިނަމާގައި އެންމެ ވަރުގަދަ ސުޕަސްޓާރުގެ ގޮތުގައި ބެލެވޭ އޭނާގެ ބަފާބެ، ރާޖޭޝް ކަންނާގެ ނަން އެ ލިސްޓުގައި ނުހިމެނީ ކީއްވެގެންތޯ ސުވާލުކުރުމުން އަކްޝޭ ދިނީ ތެދުވެރި ޖަވާބެކެވެ. "އަހަރެންގެ ބަފާބެގެ ފަރާތުން އަހަންނަށް ވަރަށް ގިނަ ކަންތައްތައް ދަސްވި. ނުކުރަންވީ ކަންތައްތައް އަހަންނަށް އެނގުނީ ބަފާގެ ކިބައިން. ބަފާބެ އަހަރެން ގާތުގައި ބައިންދައިގެން އޭނާގެ ކެރިއަރުގައި ހެދުނު ގޯސްތަކުގެ ވާހަކަ ކިޔައިދޭނެ. އޭނާއަކީ އިންޑިއާ ދުށް އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ސުޕަސްޓާރު،" އަކްޝޭ ބުންޏެވެ.

އަކްޝޭ ކުޑައިރުގެ ހަނދާން އާކުރަމުން އިތުރަށް ބުނެފައިވާގޮތުގައި އެ އާއިލާގެ މެންބަރަކަށް ވުމުގެ މާ ކުރިން، އޭނާ ކުޑައިރު ރާޖޭޝް ކަންނާއަށް ވަރަށް ބޮޑަށް ސަޕޯޓް ކުރިއެވެ. "އަހަރެންގެ އުމުރުން 7-8 އަހަރުގައި ބައްޕައާއެކު ކާޓާ ރޯޑުން ދާއިރު، ރާޖޭޝް ކަންނާގެ ގެ 'އާޝިރުވާދު' ކުރިމަތީގައި މަޑުކޮށްލަން. ބައްޕަ އަހަރެން ކޮނޑަށް ލައިގެން އޭނާގެ ފެނިލުމެއް ވޭތޯ ބަލަން މަޑުކޮށްގެން ހުރޭ. މިއީ ތަގުދީރުގެ ނިންމުން. އޭނާގެ ދަރިފުޅަކީ އަހަރެންގެ އަނބިމީހާއަށް ވެދާނެ ކަމަކަށް ދުވަހަކުވެސް ހިއެއް ނުކުރަން." އަކްޝޭގެ މި ވާހަކަތަކުން އެނގެނީ ހިތްވަރު ލިބުމަކީ ހަމައެކަނި ތައުރީފު ކުރުން ނޫން ކަމާއި، ނާކާމިޔާބީއާ ބެހޭގޮތުން ކުރެވޭ ތެދުވެރި މަޝްވަރާތަކަކީ ވެސް މުހިންމު ފިލާވަޅުތަކެއް ކަމެވެ.

ނާކާމިޔާބީއަށް ބެލުމަކީ ކާމިޔާބީއަށް ބެލުމަށްވުރެ މުހިންމު ކަމަކަށް ވަނީ ކީއްވެ؟

ކައުންސެލިންގ ސައިކޮލޮޖިސްޓް އަތުލް ރާޖް ބުނާ ގޮތުގައި، އަޅުގަނޑުމެންގެ މުޖުތަމައުގައި ކާމިޔާބީއަކީ ވަރަށް ރީތިކޮށް ބައްޓަންކޮށްފައިވާ ވާހަކައެކެވެ. އޭގައި އޮންނާނީ ހުނަރާއި، ނަސީބާއި، ތަގުދީރުގެ ވާހަކައެވެ. ނަމަވެސް އެ މަގުގައި ކުރިމަތިވާ ހަލަބޮލިކަން އޮންނަނީ ފޮރުވިފައެވެ. "ނާކާމިޔާބީއަކީ އެއްކޮށް ހަލަބޮލިކަން. އޭގެން ދައްކައިދެނީ ނިންމުންތައް ގޯސްވުމާއި، ބޮޑާކަމާއި، އަދި އަޚުލާގީ މިންގަނޑުތައް ގެއްލިގެން ދާ ގޮތް،" އޭނާ ކިޔައިދިނެވެ.

ރާޖޭޝް ކަންނާ ފަދަ ބޭފުޅެއްގެ ކާމިޔާބީ ފަނޑުވެގެން ދިއުމުން ލިބޭ ފިލާވަޅަކީ ހަމައެކަނި ފަލްސަފާއެއް ނޫނެވެ؛ އެއީ އަމަލީ ގޮތުން ފެންނަން އޮތް ހަގީގަތެކެވެ. އިންސާނާގެ ސިކުނޑި މިފަދަ ވާހަކަތައް ބޮޑަށް ހަނދާން ހުންނަނީ އޭގައި އިހުސާސްތަކާއި ބިރުވެރިކަމެއް އެކުލެވޭތީއެވެ. "މީހަކަށް ހަމައެކަނި ދުރުން ތައުރީފު ކުރުމުގެ ބަދަލުގައި، 'އަހަންނަށް މިކަން ގޯސްވެދާނެ ތަނަކީ ކޮބައިބާ؟' މި ސުވާލު އަމިއްލަ ނަފްސާ ކުރެވެން ފަށާ. މިއީ ނަފްސާނީ ގޮތުން ވަރަށް ބާރުގަދަ ސުވާލެއް. މީގެ ސަބަބުން ރައްކާތެރިކަމާއި، ހަގީގަތަށް ބަލައިގެން ކަންކަން ކުރުމުގެ ސިފަ އަށަގަނޭ. ނާކާމިޔާބީއިން ކިޔައިދެނީ ހަމައެކަނި ހާސިލުކުރަންވީ ކަންކަމެއް ނޫން، އެކަމަކު ސަލާމަތްވާންވީ ކަންކަން ވެސް މެ،" އަތުލް ރާޖް ފާހަގަކުރިއެވެ.

ނިންމުންތައް ނިންމުމާއި، ނުރައްކަލާ ކުރިމަތިލުމާއި، އަމިއްލަ ނަފްސަށް ހޭލުންތެރިވުން މުހިއްމުކަން

މީހަކު އޭނާގެ ކުށްތަކުގެ ވާހަކަ އެއްވެސް ފޮރުވުމެއް ނެތި ކިޔައިދިނުމުން، އެ ވާހަކަ އަޑުއަހާ މީހާއަށް ކުރާ އަސަރު ތަފާތެވެ. އަތުލް ރާޖް ބުނާ ގޮތުގައި، އެއީ ހަމައެކަނި ނަސޭހަތެއް ނޫނެވެ؛ އެއީ ކަމެއް ކުރުމުން ނުކުތް ނަތީޖާ އަމިއްލަ ލޮލުން ދުށުމެވެ. މީގެ ސަބަބުން ކަންކަން ނިންމުމުގައި ހަމަބިމަށް ފައިތިލަ ސާބިތުވެއެވެ. އޭރުން ހަމައެކަނި ފެންނަ އުންމީދުތަކަށް ބަލާ ފުންމާލުމުގެ ބަދަލުގައި، ގޯސްވެދާނެ ކަންކަމަށް ވެސް ވިސްނާނެއެވެ. މިއީ ރިސްކު ނެގުމަށް އޮތް ހުރަހެއް ނޫނެވެ، ނަމަވެސް ރިސްކު ނަގާއިރު ބުއްދިވެރިކަމާއެކު އެކަން ކުރުމަށް ލިބޭ ބާރެކެވެ.

މީގެ އިތުރުން މިކަމަކީ އަމިއްލަ ނަފްސަށް އޮންނަ ހޭލުންތެރިކަން ވެސް އިތުރުވެގެންދާ ކަމަކެވެ. އަމިއްލަ ކިބައިގައި ހުންނަ ނޭދެވޭ ސިފަތައް، މާބޮޑަށް އިތުބާރު ބޮޑުވުމާއި، އަބަދު އެހެން މީހުންގެ ރުހުން ބޭނުންވުން ފަދަ ކަންކަން ފާހަގަކުރަން ފަސޭހަވެއެވެ. މިފަދަ ފިލާވަޅުތަކަކީ ތިއަރީއެއްގެ ބަދަލުގައި ތަޖުރިބާގެ އަލީގައި ލިބޭ އެއްޗަކަށް ވާތީ، އެކަންކަން ހަނދާނުގައި ހަރުލާފައި ހުރެއެވެ. އަދި އަމިއްލަ އުނިސިފަތައް ގަބޫލުކުރާ މީހުންގެ ވާހަކަތައް ގަބޫލުކުރަން މީހުންނަށް މާ ފަސޭހަވެއެވެ.

އަމަލީ ތަޖުރިބާ ލިބުމުން ކާމިޔާބީއާ މެދު ދެކޭ ގޮތް ބަދަލުވަނީ ކިހިނެއް؟

ޒުވާން ދުވަސްވަރު ކާމިޔާބީ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ. އަތުލް ރާޖް ބުނާ ގޮތުގައި، އަމީތާބް ބައްޗަން ފަދަ މީހެއްގެ ފެނުމާއި، އަޑާއި، ކެރިސްމާ ފެނުމުން އެއީ ފުރިހަމަ މަންޒަރެއް ކަމަށް ހީވެއެވެ. ނަމަވެސް ދުވަސްތައް ފާއިތުވެ، ތަޖުރިބާ ލިބުމުން އެ ފަރުދާ ކެހިގެންދެއެވެ. އެ މަންޒަރުގެ ފަހަތުގައިވާ ބުރަ މަސައްކަތާއި، އަދަބާއި، އަދި ނާކާމިޔާބީއާ ކުރިމަތިލައި އަލުން ތެދުވި ގޮތް ފެންނަން ފަށައެވެ. ކާމިޔާބީއަކީ އެއްވެސް މަސައްކަތަކާ ނުލާ ލިބޭ އެއްޗެއްގެ ބަދަލުގައި، ވަކި ތަރުތީބަކުން ކުރާ މަސައްކަތަކަށް ވެގެންދެއެވެ.

އޭރުން މީހަކަށް ތައުރީފު ކުރެވެނީ ހަމައެކަނި އޭނާގެ ދިރިއުޅުން ބޭނުންވާތީއެއް ނޫނެވެ؛ އެ މަގާމުގައި ދެމިހުރުމަށްޓަކައި އޭނާ ވީ ގުރުބާނީތައް ވަޒަންކުރެވޭތީއެވެ. މިއީ މީހާ އިތުރަށް ފައްކާކޮށްދޭ ކަމެކެވެ. އެއީ ހަމައެކަނި ފެންނަ މަންޒަރެއްގެ ފަހަތުން ދުވުމުގެ ބަދަލުގައި، އެ މަންޒަރުގެ ހަގީގަތާ ކުރިމަތިލާން ތިމާ ތައްޔާރުތޯ އަމިއްލައަށް ވަޒަންކުރަން ފެށުމެވެ.



ކިޔުންތެރިންގެ ހިޔާލު