ހެލްތު މިނިސްޓަރ-
ހެލްތު މިނިސްޓަރ-
ކާންދޭން ބޭނުންކުރާ ފީޑިން ޓިއުބު ލިބުން ލަސްވެ، ހާލު ދެރަވެގެން އިއްޔެ ނިޔާވި މ. ޗީޒް، އިބްރާހީމް އަޛާން ސުހައިލްގެ މަރުގެ މައްސަލަ ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން ބަލަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އަޛާން އަކީ އުފަންވީއްސުރެ "ސެރެބްރަލް ޕަލްސީ" ބަލި ތަހައްމަލު ކުރަމުންދިޔަ ކުއްޖެކެވެ. އޭނާއަށް ކާންބޯން ދިނުމަށް ބޭނުންކުރަނީ ބަނޑަށް ލައްވާފައިވާ ޕެގް ޓިއުބެކެވެ. މިއީ އެ ކުއްޖާގެ ހަށިގަނޑަށް ކެއިންބުއިން އެތެރެކުރެވޭ ހަމައެކަނި މަގެވެ.

މި ހާދިސާއާ ގުޅިގެން އަޛާންގެ މަންމަ ފޭސްބުކްގައި ހިއްސާކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އަޛާންއަށް ބޭނުންވާ އައު ޕެގް ޓިއުބެއް ހޯދުމަށް މިދިޔަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން އެސްޓީއޯ މެދުވެރިކޮށް އޯޑަރު ދީފައިވެއެވެ. ނަމަވެސް އަށް މަސް ދުވަސް ވެގެންދިޔައިރުވެސް އެ ޓިއުބު ލިބިފައެއް ނުވެއެވެ.

އަޛާންގެ މަންމަ ބުނެފައިވާ ގޮތުގައި، ޓިއުބުގެ މައުލޫމާތު ސާފުކުރުމަށް އެތައް ފަހަރަކު އެސްޓީއޯ ހުޅުމާލެ ފާމަސީއަށް ދިޔުމުން، އެންސްޕާއިން އެކަން އެޕްރޫވް ނުކުރާކަމުގެ ޖަވާބު ލިބިފައިވެއެވެ. މިކަމާ ގުޅިގެން އޭނާ ވަނީ ސަރުކާރުގެ އިދާރާތަކާ ސުވާލު އުފައްދާފައެވެ.

"މިއީ މި ކުއްޖާގެ ކެއިންބުއިން އެތެރެވާ ހަމައެކަނި މަގު. އެސްޓީއޯއިން މިހާ ދުވަސްވީއިރު މި ޖަވާބު ނުދެވި އޮތީ ކީއްވެގެންތޯ؟ އަދި އެންސްޕާއިން މިއީ އެޕްރޫވް ނުކޮށްދެވޭނެ އެއްޗަކަށް ވާންޖެހޭ ސަބަބަކީ ކޮބައިތޯ؟" އަޛާންގެ މަންމަގެ ޕޯސްޓުގައި ސުވާލުކޮށްފައިވެއެވެ.

އަޛާން ނިޔާވީ އިއްޔެގެ ވަގުތެއްގައެވެ. މައުލޫމާތު ލިބިފައިވާ ގޮތުން އައު ޕެގް ޓިއުބް ލިބުނުއިރު އަޛާންގެ ހާލު މާބޮޑަށް ގޯސްވެފައިވުމުގެ ސަބަބުން އެ ލެއްވޭގޮތް ނުވީއެވެ.

މި ހިތާމަވެރި ހާދިސާއާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ވަނީ އަމާޒުވެފައެވެ. ހާއްސަކޮށް ސިއްހީ ނިޒާމުގެ ތެރެއިން މިފަދަ ނާޒުކު ހާލަތްތަކުގައި ހުންނަ ކުދިންނަށް ބޭނުންވާ ތަކެތި ހޯދުމުގައި ހުރި ހުރަސްތަކާ މެދު ގިނަބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ ކަމަށާއި، މިކަމުގައި އިހުމާލެއް އޮތްތޯ ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު