އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު
ރިފެރެންޑަމް ވޯޓު ސަރުކާރަށް ކާމިޔާބުވެއްޖެނަމަ، ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ސަރުކާރުން ކުރާ ކަންކަން އިތުރަށް ގޯސްވެގެންދާނެ ކަމަށާއި، އެހެންކަމުން މި ވޯޓަށް ރައްޔިތުން "ނޫނެކޭ" ބުނަންޖެހޭ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

"ނޫނެކޭ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އަމްރު ވިދާޅުވީ، އިންތިޚާބުތައް އެއްކޮށްލުމަށް ބާއްވާ މި ރިފެރެންޑަމްގައި ސަރުކާރުން ހަގީގީ ސަބަބުތައް އޮޅުވާލާފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ރައްޔިތުންނަށް ލިބޭނެ އެއްވެސް ފަސޭހައެއް ސަރުކާރަށް ބުނެދެވިފައި ނުވާ ކަމަށެވެ.

އަމްރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުން ރައްޔިތުންގެ ހުރިހާ ސަމާލުކަމެއް ދާނީ ރިޔާސީ އިންތިޚާބަށެވެ. މީގެ ނަތީޖާއެއްގެ ގޮތުން ދައުލަތުގެ ބާރުތައް މަސްއުނިވެ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮންނަ މަޖިލީހުގެ މިނިވަންކަން ގެއްލިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިހާރުވެސް މަޖިލީހުގެ ސުޕަ މެޖޯރިޓީ ސަރުކާރަށް އޮތުމުން ރައްޔިތުންގެ ހައްގުގައި ސަރުކާރު ޖަވާބުދާރީ ނުކުރެވޭކަން ފާހަގަކުރައްވައި، އަމްރު ވިދާޅުވީ މި ބަދަލާއެކު މަޖިލީހުގެ އަސްލު ބޭނުން މުޅިން ކެނޑިގެންދާނެ ކަމަށެވެ.

މީގެ އިތުރުން، މިނިވަން މުއައްސަސާތައް ޖަވާބުދާރީ ކުރުވުމުގައި މަޖިލީހުގެ ދައުރު ވަރަށް ބޮޑު ނަމަވެސް، މިއަދު އެ ބާރު ފެންނަން ނެތް ކަމަށް އަމްރު ވިދާޅުވިއެވެ. ރައްޔިތުންނާ ގުޅުންހުރި މުހިންމު ކަންކަމުގައި ސަރުކާރުން ނިންމާ ނިންމުންތަކާ މެދު ސުވާލުކުރުމުގެ ފުރުސަތު ހަނިވަމުންދާ ކަމަށާއި، ރިފެރެންޑަމް ކާމިޔާބުވެއްޖެނަމަ މި މައްސަލަތައް އިތުރަށް ބޮޑުވެ، ރައްޔިތުންގެ ހައްގުތަކަށް އުނިކަން ލިބޭނެތީ އެ ވޯޓަށް ނޫނެކޭ ބުނުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު