ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އިންތިހާބުތަކާ ހެދީ އަދި ޑިމޮކްރެސީގެ ނިޒާމާ ހެދީ އުނދަގޫވެގެން އުޅުއްވަނީ، ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެނައުމަށް ކުރެވުނު އެއްވެސް މަސައްކަތެއްގައި އެ މަނިކުފާނުގެ އެއްވެސް ހިއްސާއެއް ނެތުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ފުވައްމުލަކު ސިޓީގައި އިދިކޮޅު އެމްޑީޕީން ބޭއްވި 'ހޭވައްލާ ތައްޔާރު' ޖަލްސާގައި ވާހަކަދައްކަވަމުން މީކާއިލް ވިދާޅުވީ، 2026 އޭޕްރިލް 4 ވާ ހޮނިހިރު ދުވަހު ބާއްވާ އިންތިހާބަށް ތައްޔާރުވަމުންދާއިރު، ސަރުކާރާއި ސަރުކާރުގެ ކެނޑިޑޭޓުންގެ ފަރާތުން އެންމެ ގަދައަށް އިވެނީ އިންތިހާބުތައް ގިނަވެގެންނާއި ޑިމޮކްރެޓިކް ނިޒާމުގެ ސަބަބުން އުނދަގޫވާ ވާހަކަ ކަމަށެވެ.

މީކާއިލް ވިދާޅުވީ، ރައީސް މުއިއްޒަށް އިންތިހާބުތަކާއި ޑިމޮކްރެސީގެ ނިޒާމު "އުނދަގުލަކަށް" ވެގެން އުޅެނީ، ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް ކުރި ބުރަ އިސްލާހީ މަސައްކަތުގައި އެ މަނިކުފާނުގެ އެއްވެސް ހިއްސާއެއް ނެތުމުން ކަމަށެވެ. "އެމަނިކުފާނުގެ ހިއްސާއަކީ ސުމެއް،" މީކާއިލް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަދައްކަވަމުން މީކާއިލް ވަނީ ރާއްޖެއަށް ޑިމޮކްރެސީ ގެނައުމަށް އެމްޑީޕީގެ މެންބަރުންނާއި އިސްލާހީ ހަރަކާތުގެ ބައިވެރިން ކުރި ހިތްދަތި ތަޖުރިބާކުގެ ހަނދާން އާކޮށްދެއްވާފައެވެ. އެގޮތުން 2003 ވަނަ އަހަރު ޖަލުގައި މަރާލި އީވާން ނަސީމާއި، 2007 ވަނަ އަހަރު މަރާލި ހުސައިން ސޮލާހުގެ މަރުގެ އިތުރުން، 2012 ވަނަ އަހަރު ވެރިކަން ބަދަލުވި ގޮތާއި 2021 ވަނަ އަހަރުގެ މޭ 6 ގެ ބޮމުގެ ހަމަލާއަކީ ފަސޭހަ ކަންކަން ނޫންކަމަށް އޭނާ ވިދާޅުވިއެވެ. އަދި 18 އަހަރުން މަތީގެ ޒުވާނުންނަށް ވޯޓުލުމުގެ ހައްގު ހޯދުމާއި، ދެފުށް ފެންނަ އިންތިހާބީ ނިޒާމެއް ގާއިމުކުރީ އެތައް ބައެއްގެ ގުރުބާނީންކަން އޭނާ ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒުގެ ސިޔާސީ ހަޔާތަށް ފާޑުވިދާޅުވަމުން މީކާއިލް ވިދާޅުވީ، އެ މަނިކުފާނަށް އެނގިވަޑައިގަންނަވާ ހަމައެކަނި ޑިމޮކްރެސީއަކީ "އޮޕޮޗުނިޒަމް" ނުވަތަ ފެން އޮތް ކޮޅަކަށް ދިއުން ކަމަށެވެ. އަދާލަތު ޕާޓީން ފެށިގެން އެމްޑީއޭ، ޕީޕީއެމް އަދި މިހާރު ޕީއެންސީގައި ހުންނެވިއިރު، އެ މަނިކުފާނު މަސައްކަތް ކުރައްވަނީ "ހިހޫތަނުން ކޮޅު ގޮހޮރަށް ކެއުމުގެ" އުސޫލުން ކަމަށް މީކާއިލް ތުހުމަތު ކުރެއްވިއެވެ.

އިންތިހާބުތަކަށް ކުރާ ހޭދަ ބޮޑުވެގެން ސަރުކާރުން ޝަކުވާ ކުރާތީ އެކަމަށްވެސް މީކާއިލް ވަނީ ވަރަށް ބޮޑަށް ރައްދު ދެއްވާފައެވެ. އޭނާ ވިދާޅުވީ، 50 މިލިއަން ރުފިޔާގެ އިންތިހާބެއް ބާއްވަން ދަތިވެގެން އުޅޭއިރު، ދައުލަތުގެ ކޮންޓިންޖެންސީ ބަޖެޓުން 560 މިލިއަން ރުފިޔާ ހޭދަކޮށްގެން ދެ ޑްރޯން ގަނެފައިވާ ކަމަށެވެ. އެ ފައިސާއިން ކުރިއަށް އޮތް 35 އަހަރުގެ އިންތިހާބުތައް ބޭއްވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ރައީސްގެ ދެމަފިރިކަނބަލުން ދަތުރުފަތުރަށް 290 މިލިއަން ރުފިޔާ ހޭދަކުރެއްވުމާއި، ފަޅުރަށްރަށުގައި ކުނި ހޮވަން ޑެޕިއުޓީ މިނިސްޓަރުން އައްޔަނުކުރައްވާފައިވާއިރު، ރައްޔިތުންގެ ގާތަށް ވޯޓު ހޯދަން ދާންޖެހޭ ޖެހުމަކީ ހަރަދު ބޮޑު ކަމެއްގެ ގޮތުގައި ސިފަކުރާތީ މީކާއިލް ވަނީ އެކަމާ މެދު ސުވާލު އުފައްދަވާފައެވެ. "ލަދެއް ނުގަނޭތޯ ރައްޔިތުން ގާތަށް ދާންޖެހޭ ޖެހުމަށް ހަރަދުބޮޑޭ ބުނަން" ރައީސް މުއިއްޒަށް އަމާޒުކުރައްވައި މީކާއިލް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު