ވިލިމާލޭ "ފުނަވާ" ސަރަޙައްދު
ވިލިމާލޭ "ފުނަވާ" ސަރަޙައްދު
ވިލިމާލޭގައި އަޅަން ނިންމާފައިވާ 300 ފުލެޓު، އެ ރަށުގެ ދުވަސްވީ ގަސްތައް ގިނަ "ފުނަވާ" ސަރަހައްދު ނޫން އެހެން ދިމާލަކަށް ބަދަލުކުރުމަށް ތިމާވެށި ޙިމާޔަތްކުރަން މަސައްކަތްކުރާ ފަރާތްތަކުން ގޮވާލަން ފަށައިފިއެވެ.

މި ކަމަށް ގޮވާލަމުންދާ ފަރާތްތަކުން ބުނެފައިވަނީ މާލެ ސަރަހައްދުގައި މިހާރު އޮތް އެންމެ ދުވަސްވީ އަދި އެންމެ ގިނަ ގަސްތައް ހުރި އެއް ސަރަހައްދު އޮތީ ވިލިމާލޭގައި ކަމަށެވެ. އެހެންކަމުން ފުނަވާ ސަރަހައްދު ހިމާޔަތްކުރަންޖެހޭ ކަމަށް އެފަރާތްތަކުން ވަނީ ބުނެފައެވެ.

އެގޮތުން ހީޓް ފިޓްނެސްގެ ސީއީއޯ ޢާއިޝަތު ޝިފާނާ ވަޖީހު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވިލިމާލޭ ރައްޔިތުން މިހާރު އަޑުއުފުލަންވީ ފުލެޓުތައް އިމާރާތްކުރާ ސަރަހައްދު ބަދަލުކުރުމަށް ކަމަށެވެ. އަދި ރާއްޖޭގެ ރައްޔިތުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ބޯހިޔާވަހިކަން ނެތުން ކަމުގައިވިޔަސް، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިގުދެމިގެންދާ ހައްލެއް ހޯދުމުގެ ބަދަލުގައި ވަގުތީ ކުދި ހައްލުތަކެއް ގެނައުމަށްކަން އޭނާ ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ޝިފާނާ ވިދާޅުވީ، އެކި ނަންނަމުގައި ފުލެޓުތައް އިމާރާތްކުރަމުން ދާއިރު، ދުޅަހެޔޮ ދިރިއުޅުމަކަށް ބޭނުންވާ ސާފު ވެށި ދަނީ ނެތެމުން ކަމަށެވެ.

"ހިނގާލާނެ، ހެލިފެލިވެ އުޅޭނެ، އަދި ނޭވާލާނެ ޖާގައެއް ނެތިއްޔާ، ދުޅަހެޔޮ ދިރިއުޅުމެއް މީހަކަށް އުޅެވޭނީ ކިހިނެއް؟" އޭނާ ސުވާލު އުފެއްދެވިއެވެ. އަދި ތިމާވެށި ނެތެމުން ދިއުމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރާނީ ކުޑަކުދިންނަށް ކަމަށާއި، ގުދުރަތީ މާހައުލާ ދުރުވުމުގެ ސަބަބުން ޒުވާން އުމުރުގައި ހަކުރުބަލި ފަދަ ބަލިތައް ޖެހޭ މީހުން އިތުރުވަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ޝިފާނާ މިހެން ވިދާޅުވެފައިވާއިރު، ވިލިމާލޭގެ "ފުނަވާ" ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހު ވަނީ އިހުތިޖާޖެއް ވެސް ބާއްވާފައެވެ. މި އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި އަޙްމަދު މުޙައްމަދު ބުނީ، ވިލިމާލޭގައި ގަސް ނެތް ހުސް ބިންތައް އެބަހުރި ކަމަށާއި، ގަސް ގިނަ ސަރަހައްދެއްގައި ފުލެޓު އަޅަން ނިންމި ސަބަބު ސާފުކުރަން ބޭނުންވާ ކަމަށެވެ. އަދި ގެ އެޅުނަސް ފުނަވާ ނުލިބޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ވިލިމާލޭގެ ފުލެޓުތައް ގަސް ނެތް ސަރަހައްދަކަށް ބަދަލުކުރަން ގޮވާލާފައިވާއިރު، ސަރުކާރުން ވިލިމާލޭގައި ހިންގާ މި މަޝްރޫއަކީ 17 ފަންގިފިލާގެ ތިން ޓަވަރު ހިމެނޭހެން 300 ފުލެޓު ތަރައްގީކުރުމުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އަޅަނީ 900 އަކަފޫޓުގެ ތިން ކޮޓަރީގެ އެޕާޓްމަންޓްތަކެވެ. މި މަސައްކަތް 2028 ވަނަ އަހަރުގެ މެދުތެރޭގައި ނިންމާލެވޭނެ ކަމަށް ބީއެމްއެލްއިން ލަފާކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު