ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިން-
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ވިސާގެ މުއްދަތު އިތުރުކުރުމުގައި މިހާރު ކުރިމަތިވާ ގޮންޖެހުންތަކަށް ނިމުމެއް ގެނެސް، އަންނަ އެޕްރީލް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ލުއިފަސޭހަ އިންތިޒާމްތަކެއް ތަޢާރަފްކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަން އިޢުލާނުކުރެއްވީ، މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ ފަތުރުވެރިކަމަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ ޚާއްޞަ ކޮމިޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓޫރިޒަމް މިނިސްޓަރ ތާރިޤު އިބްރާހިމްއެވެ. މިނިސްޓަރ ވިދާޅުވީ، މޯލްޑިވްސް އިމިގްރޭޝަނާ ގުޅިގެން މި ޚިދުމަތް އަވަސް އަދި ފަސޭހަ ކުރުމުގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށެވެ.

މިހާރު ފަތުރުވެރިންނަށް ދޫކުރާ 30 ދުވަހުގެ ވިސާގެ މުއްދަތު އިތުރުކުރަން ބޭނުންވާ ފަރާތްތަކަށް އައު އިންތިޒާމުގެ ދަށުން ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެ ކަމަށް މިނިސްޓަރ ތާރިޤު ވަނީ ވިދާޅުވެފައެވެ.

"ކުރީގަ އޮންނަ ދިގު މުއްދަތު އަދި ހުށަހަޅަންޖެހޭ ބައިވަރު ޑޮކިއުމަންޓްސްތައް ހުށަނާޅާ، އެބޭފުޅުންގެ އޮންލައިން ޕްލެޓުފޯމުން، ވިސާ ފޮޓޯ އެޕްލައިކޮށް، ފައިސާ ދެއްކީމަ، 48 ގަޑިއިރުތެރޭގައި ވިސާ އެކްސްޓެންޑުކުރެވިގެންދާނެ،" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މި ނިންމުމަކީ މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ދަށްވަމުންދާތީ، އެކަމަށް ދެމެހެއްޓެނިވި ޙައްލެއް ހޯދުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ރާއްޖެ އަންނަ ފަތުރުވެރިންގެ 30 އިންސައްތައަކީ މެދުއިރުމަތީގެ އެއާލައިންތަކުން ދަތުރުކުރާ ފަރާތްތަކަށް ވުމާއެކު، މިފަދަ ދަނޑިވަޅެއްގައި ފަތުރުވެރިކަން ކުރިއެރުވުމަށް އައު މަގުތަކެއް ހޯދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމުގައި މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، ދުނިޔޭގެ ބާޒާރުގައި މިހާރު އިތުރުވަމުން އަންނަ 'ޑިޖިޓަލް ނޯމަޑްސް' ނުވަތަ ރިމޯޓްކޮށް މަސައްކަތްކުރާ ފަރާތްތަކަށާއި، ކޮންޓެންޓް ކްރިއޭޓަރުންނަށް ޚާއްޞަ ވިސާތަކެއް ތަޢާރަފްކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް މިނިސްޓަރ ހާމަކުރެއްވިއެވެ.

މި ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ގެސްޓްހައުސް ވިޔަފާރިތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ގަބޫލު ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް