މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު
މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު
ހައި އެޗީވާސް ސްކޮލާޝިޕް ދޭ މިންގަނޑު އަބަދު އެއްވަރެއްގައި ހިފަހައްޓާފައި އޮތުމަކީ ދަރިވަރުން ކުރިއަރަން އޮތް މަގު ބަންދުވާނެ ކަމެއް ކަމަށާއި، އެ މިންގަނޑު މަތިކުރުމުން ދަރިވަރުންނަށް ވާނެ ގެއްލުމެއް ނުފެންނަ ކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިއުއޭ) ގެ ސީއީއޯ މަރިޔަމް ފިޒާނާ ރަޝީދު އިއްޔެ ވިދާޅުވެއްޖެއެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އާދީއްތަ ދުވަހުގެ ރޭ އާންމުކުރި އައު އުސޫލުގައިވާ ގޮތުން، ހައި އެޗީވާސް ސްކޮލާޝިޕް ދެން ލިބޭނީ އޭ ލެވެލް އިމްތިހާނުގައި މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ހޯދާ ދަރިވަރުންނަށެވެ. މި ބަދަލާ ގުޅިގެން ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. ޢާއިޝަތު ޢަލީ ވަނީ މިއީ ބޭއިންސާފު ނިންމުމެއް ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

އެކަމާގުޅިގެން، ޑރ. ޢާއިޝަތު ޢަލީގެ ވާހަކަތަކަށް ރައްދުދެއްވަމުން ފިޒާނާ ވިދާޅުވީ، ވަނަ ހޯދަން މަސައްކަތްކުރާ ދަރިވަރުން އަބަދުވެސް ބަލާނީ އެންމެ މަތީ ނަތީޖާ ހޯދުމަށް ކަމަށެވެ. އަދި އަބަދު ކަންކަން އެއް މިންގަނޑެއްގައި ހިފަހައްޓައިފައި އޮވެއްޖެނަމަ ކުދިން ކުރިއަރަން މަގު ބަންދުވާނެ ކަމަށާއި، އަބަދުވެސް ތިބޭނީ އެއް ލެވަލެއްގައި ކަމަށް ފިޒާނާ ވިދާޅުވިއެވެ.

"އޭގެ ބަދަލުގައި ސްޓޭންޑާޑް އިތުރަށް ހައިކުރީމަ އެކަމަށް ކުދިން އިތުރަށް މަސައްކަތްކޮށް ކުދިންނަށް އިތުރަށް ކުރިއެރުން ލިބޭނެ." ފިޒާނާ ވިދާޅުވިއެވެ.

ނަމަވެސް ޑރ. ޢާއިޝަތު ޢަލީ ވިދާޅުވެފައިވަނީ، ދަރިވަރުން ކުރިއަށްދާން އިޚުތިޔާރުކޮށްފައިވާ ދާއިރާއާ ގުޅުމެއް ނެތް މާއްދާތަކެއްގެ ސަބަބުން ސްކޮލާޝިޕްގެ ފުރުސަތު ހަނިވުމަކީ ދަރިވަރުންގެ ހައްގަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

އައު އުސޫލު ބުނާގޮތުން ހައި އެޗީވާސް ސްކޮލާޝިޕް ލިބޭނީ އޭ ލެވެލްގެ 3 މާއްދާއާއި، އެޗްއެސްސީ އިސްލާމް އަދި ދިވެހި ހިމެނޭހެން ޖުމްލަ 5 މާއްދާގެ ތެރެއިން މަދުވެގެން އެއް މާއްދާއިން 'އޭ ސްޓާ' ލިބުމުންނެވެ. އަދި އަނެއް 4 މާއްދާއިން ދަށްވެގެން 'އޭ' ގްރޭޑް ލިބުމުންނެވެ.

މީގެ އިތުރުން ޢަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ވެސް މި އުސޫލަށް ވަނީ ބަދަލު ގެނެސްފައެވެ. ކުރިން ޝަހާދާ ސާނަވިއްޔާގެ ހުރިހާ މާއްދާއަކުން 'އޭ' ހޯދުމުން ސްކޮލާޝިޕް ލިބުނު ނަމަވެސް، މިހާރު އެ ދަރިވަރުން ވެސް ސްޓްރީމް މާއްދާތަކާއި ދިވެހި ހިމެނޭހެން އެއް މާއްދާއިން 'އޭ ސްޓާ' އަދި ބާކީ މާއްދާތަކުން 'އޭ' ފާސް ހޯދަން ޖެހޭނެއެވެ.

މި ނިންމުމަކީ ތައުލީމީ ފެންވަރު މަތިކޮށް، ދަރިވަރުން އިތުރަށް ހިތްވަރުލައި މަސައްކަތް ކުރުވުމަށް ގެނައި ބަދަލެއް ކަމަށް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު