ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު
ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމާ ގުޅޭގޮތުން މިއަދު ނެގުނު ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއިން ހާމަވެގެންދަނީ ގައުމުގެ މުސްތަގުބަލު ބައްޓަންކުރުމުގެ ފުރިހަމަ ބާރު އޮތީ ރައްޔިތުންގެ އަތްމަތީގައި ކަން ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު އަލްއުސްތާޛު ޙުސްނުއްސުޢޫދު ވިދާޅުވެއްޖެއެވެ.

ސުޢޫދު މިހެން ވިދާޅުވީ، ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނެގި ވޯޓުގެ ވަގުތީ ނަތީޖާއިން ސަރުކާރުގެ ހުށަހެޅުމަށް ރައްޔިތުން ބޮޑުތަނުން "ނޫނެކޭ" ބުނެފައިވާ ކަމަށް ވޯޓުގެ ނަތީޖާއިން ސާފުވަމުންދާ ދަނޑިވަޅެއްގައެވެ. މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސުޢޫދު ވަނީ ދިވެހި ރައްޔިތުންނަށް މަރުޙަބާ ދަންނަވާފައެވެ.

ސުޢޫދު ވިދާޅުވީ، ގާނޫނުއަސާސީއަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މެދުގައި ނެގުނު މި ވޯޓުގެ ނަތީޖާއަކީ ދިވެހި ރައްޔިތުންނަށް ލިބުނު ކާމިޔާބީއެއް ކަމަށެވެ. ރައްޔިތުންގެ ނިންމުންތަކަކީ ކުރިން އަންދާޒާކުރަން ދަތި ކަންތައްތަކެއްކަން މި ނަތީޖާއިން ސާފުވެގެންދާ ކަމަށާއި، ގައުމު ކުރިއަށްދާނެ މަގު ކަނޑައެޅުމުގެ އެންމެ އިސް ބާރަކީ ރައްޔިތުންކަން މިއަދު ސާބިތުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.



މި ރެފަރަންޑަމްއާ ގުޅޭގޮތުން މީގެ ކުރިން ވާހަކަދައްކަވަމުން ސުޢޫދު ވަނީ ދެ އިންތިޚާބު އެއްކޮށްލުމުގެ ނުރައްކަލާ މެދު އިންޒާރު ދެއްވާފައެވެ. އެގޮތުން، ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމުން ސަރުކާރު އިންތިހާއަށް ބާރުގަދަވެ، ދައުލަތުގެ ބާރުތައް ވަކިވެފައި އޮތުމުގެ އުސޫލަށް ބުރޫއަރައި، ގާނޫނުއަސާސީގެ ބާރު ކެނޑިގެންދާނެ ކަމުގެ ބިރު އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، މިފަދަ ބަދަލެއް ގެނައުމުން ރައްޔިތުންގެ ތަރައްގީއަށްޓަކައި ސަރުކާރުގައި ޑިމާންޑުކުރުމަށް އޮންނަ ފުރުސަތުތައް ހަނިވެގެންދާނެ ކަމަށާއި، އޭގެ ސަބަބުން ދުރުރާސްތާގައި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށްވެސް ސުޢޫދު ކުރިން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް