ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒުގެ ފަރާތުންނާއި މި ސަރުކާރުގެ ފަރާތުން ފެންނަމުންދިޔައީ، އިންތިޚާބާ ދިމާކޮށް ވެވަޑައިގެން ވައުދުތަކާ މުޅިން ހިލާފުވަމުން ދިޔަ ތަނެވެ. ގައުމުގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރާނެ ކަމަށް ވިދާޅުވި ނަމަވެސް، ފެނިގެން ދިޔައީ ތަނެއް ދޮރެއް ބެލުމެއްނެތި ސިޔާސީ ވަޒީފާތަކަށް މީހުން ނަގައި، ދައުލަތުގެ ބަޖެޓަށް ބޮޑު ބުރައެއް ޖެއްސި ތަނެވެ. އަގު ތިރި ކުރާނެ ކަމަށް ބުނި ޑޮލަރުގެ އަގު މިއިން ޒަމާނަކުވެސް މަތިނުވާހާ މިންވަރަށް އުފުލި، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ އަތްނުފޯރާ ފަށަށް ގޮސްފައެވެ. މީގެ ސަބަބުން ތަކެތީގެ އަގު އިންތިހާއަށް އުފުލި، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ވަނީ ދަށްވެފައެވެ. އާންމު ރައްޔިތުންނަށް ލިބޭ މުސާރައިން މަސް ނިމޭއިރު ދެކޮޅު ނުޖެހި، އަސާސީ ބޭނުންތައް ފުއްދުމަށް ވަނީ ނުކުޅެދިފައެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތީ ފަނޑިޔާރުގެއަށް އަތްނުބާނާނެ ކަމުގެ ވައުދާ އެކުގައެވެ. ނަމަވެސް އަމަލީ ގޮތުން ފެނިގެން ދިޔައީ ފަނޑިޔާރުގެ އެމަނިކުފާނުގެ އަތްމުށަށް ލައި، އޭސީސީ ފަދަ މިނިވަން ހުރިހާ މުއައްސަސާތަކެއްގެ ބާރު ކަނޑުވާލައި، ސަރުކާރުގެ ނުފޫޒުގެ ދަށަށް ގެނައި ތަނެވެ. ސަރުކާރުގެ ތެރޭގައި ކޮރަޕްޝަން އިންތިހާއަށް ގިނަވީނަމަވެސް، އެއަކާމެދު އެއްވެސް މުއައްސަސާއަކުން ފިޔަވަޅެއް އަޅާތަނެއް ނުފެނެއެވެ. މިއީ ރައްޔިތުންގެ މެދުގައި ސަރުކާރަށް އޮތް އިތުބާރު މުޅިން ފުނޑުފުނޑުވެގެން ދިޔަ އެއް ސަބަބެވެ.
ރައީސް މުއިއްޒު ވެރިކަމަށް އައީ އިންތިޚާބަށް ކަޑަ ނުޖަހާނެ ކަމުގެ ވައުދާވެސް އެކުގައެވެ. ނަމަވެސް މި ފަހުން ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ އިތުރުން ރެފަރަންޑަމް ވޯޓުގެ ކެމްޕޭނުގައި ފެނިގެން ދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. ސަރުކާރުގެ ކުންފުނިތަކުން ދިޔައީ އިންތިޚާބަށް ކަޑަ ޖެހުމުގެ ގޮތުން އެތައް ވަޒީފާތަކެއް ބަހަމުންނެވެ. މި ފާއިތުވީ ދުވަސްތަކުގައި ރައްޔިތުންނަށް ކަމެއް ކޮށްދެވިފައި ނުވީނަމަވެސް، އިންތިޚާބާ ދިމާކޮށް އެތައް މަޝްރޫއުތަކެއް ފެއްޓެވުމަކީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުމުގެ އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ. މީގެ އިތުރުން ޕީއެންސީގެ ކެނޑިޑޭޓުން އެކި ގޮތްގޮތުން މީހުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތުތައް ވެސް ވަނީ ފެންމަތިވެފައެވެ.
އިއްޔެ ބޭއްވި ވާދަވެރި ތިން އިންތިޚާބުގައި ރައްޔިތުން ވަނީ ސަރުކާރާ މެދު އޮތް ނުރުހުން ވޯޓުން ދައްކާފައެވެ. ސަރުކާރާ މެދު ރައްޔިތުން 'ފެޑްއަޕް' ވެފައިވާ މިންވަރު ވޯޓުގެ ނަތީޖާއިން ވަރަށް ސާފެވެ. އިންތިޚާބުތަކުގެ ވަގުތީ ނަތީޖާ ދައްކާގޮތުގައި ސަރުކާރަށް ވަނީ ގިނަ ގޮނޑިތަކެއް ގެއްލި، ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހިފައެވެ. މިއީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން ބުނި ވަރުގަދަ "ނޫނެކޭ" އެކެވެ.
އިސްތިއުފާގެ ގޮވާލުންތަކުން ގައުމު ގުގުމަނީ
އިންތިޚާބުގެ ނަތީޖާއާއެކު ސިޔާސީ މަސްރަހުގެ އިސް ފަރާތްތަކުން ވަނީ ފާޅުގައި ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަން ފަށާފައެވެ. އެގޮތުން، ރައީސް މުޢިއްޒު އަށް ރައްޔިތުންގެ ބަސް އަޑު އިވިއްޖެތޯ ސުވާލު ކުރައްވައި ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ރައީސް މުއިއްޒު އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނެވުމަށް ގޮވާލައްވާފައެވެ.
"މުއިއްޒު އިސްތިއުފާ ދެއްވާ ގެއަށް ކަނޑާލާ. މަނިކުފާނަށް އަޑު އިވޭތޯ ރައްޔިތުން އިއްވި ބަސް؟" މަލީހުގެ މެސެޖުގައި ވެއެވެ.
Muizzu isthiufaa dhehvaa geyah kandaalaa. Manikufaanah adu iveythoa rayyithun ivvi bas?
— Mohamed Maleeh Jamal (@maleehjamal) April 4, 2026
ހަމައެފަދައިން މަޖިލީހުގެ ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަޙްމަދު ޝަމްހީދު ވެސް ވަނީ ހަރުކަށި އިބާރާތުން ރައީސްގެ އިސްތިއުފާއަށް ގޮވާލައްވާފައެވެ.
"ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފި. ހުރިހާ ގޮތަކުންވެސް އެންމެ ބުއްދިވެރި، އަދި ދުނިޔޭގެ ހަމައަކީ ވެރިކަމުން އިސްތިއުފާދީ، ސަރުކާރު ހިންގުން އެހެންބަޔަކާ ހަވާލް ކުރުން." އޭނާ ވިދާޅުވިއެވެ.
ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެފި. ހުރިހާ ގޮތަކުންވެސް އެންމެ ބުއްދިވެރި، އަދި ދުނިޔޭގެ ހަމައަކީ ވެރިކަމުން އިސްތިއުފާދީ، ސަރުކާރު ހިންގުން އެހެންބަޔަކާ ހަވާލް ކުރުން.
— Ahmed Shamheed (@Ashamhyd) April 4, 2026
އެމްޑީޕީގެ ކުރީގެ ނައިބު ރައީސް މުޙައްމަދު ޝިފާޒް (ޝިއްޕެ) ވެސް ވަނީ ޑިމޮކްރެޓިކް އުސޫލުތަކަށް އަލިއަޅުވާލައްވައި ވިދާޅުވެފައެވެ.
"ފެންނަ ނުފެންނަ ވޯޓެއްނެގީ ރައީސް މުއިއްޒު ބޭނުންފުޅުވެގެން. އެހެނަސް މި ފެނުނީ ރައީސުލް ޖުމުހޫރިއްޔާގެ އިތުބާރު ނެތްކަން. ޑިމޮކްރަސީ ހަމަޔަކީ ރައްޔިތުންގެ އިތުބާރު ނެތްކަން، އެ ރައްޔިތުން ނިންމީމާ އެކަމަށް އިހްތިރާމުކޮށް، މަގާމުން އިސްތިއުފާދެއްވުން." ޝިއްޕެގެ އެކްސް ޕޯސްޓުގައި ވިދާލުވެފައިވެއެވެ.
ފެންނަ ނުފެންނަ ވޯޓެއްނެގީ ރައީސް @MMuizzu ބޭނުންފުޅުވެގެން. އެހެނަސް މި ފެނުނީ ރައީސުލް ޖުމުހޫރިއްޔާގެ އިތުބާރު ނެތްކަން. ޑިމޮކްރަސީ ހަމަޔަކީ ރައްޔިތުންގެ އިތުބާރު ނެތްކަން، އެ ރައްޔިތުން ނިންމީމާ އެކަމަށް އިހްތިރާމުކޮށް، މަގާމުން އިސްތިއުފާދެއްވުން. pic.twitter.com/YMYQqB0oHo
— Mohamed Shifaz (@MDPShippe) April 4, 2026
މީގެ އިތުރުން މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ވިދާޅުވީ، ބާރުގެ ބޭނުންކޮށްގެންނާއި ފައިސާ އުކައިގެން ރައްޔިތުންގެ ލޯތްބެއް ނުލިބޭނެ ކަމަށާއި، އިތުބާރު ނެތް ވެރިކަމެއްގައި ދެމިހުރުމުގެ މާނައެއް ނެތް ކަމަށެވެ. އަދި ރައީސް މުޢިއްޒަށް އޮތް އެންމެ ރީތި ގޮތަކީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުން ކަމަށްވެސް އައްބާސްގެ އެކްސް ޕޯސްޓުގައި ލިޔުއްވާފައިވެއެވެ.
ރައީސް ޑރ.މުއިއްޒު އަށް ރީތި ގޮތަކީ އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމެވެ.
— Mohamed Abbas (@Abbasvelidhoo) April 4, 2026
ދައުލަތުގެ ހުރިހާ މިނިވަން މުއައްސަސާތަކެއް ކަސްތޮޅު އަޅުވާފައި ސަރުކާރުގެ ހުރިހާ ވަސީލަތްތަކަކާއި، ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނުފޫޒު ފޯރުވަން ކުރި ހުރިހާ މަސައްކަތެއް… pic.twitter.com/SJNB33mjRI
ސިޔާސީ ފަރާތްތަކުގެ އިތުރުން، އާންމު ރައްޔިތުންގެ މެދުގައި ވެސް އޮތީ މި ޝުއޫރެވެ. ރައީސް މުއިއްޒު އިންތިޚާބުގެ ނާކާމިޔާބީ ގަބޫލުކުރައްވައި ކުރެއްވި ޕޯސްޓަށް ލިބިފައިވާ ކޮމެންޓުތަކުން މިކަން ސާފުވެއެވެ.
"ރައްޔިތުން ބުނީ ގެއަށް ވަޑައިގަންނަވާށޭ" ކަމަށް އެއްބަޔަކު ބުނެފައިވާއިރު، އަނެއްބައި މީހުން ބުނެފައިވަނީ "ފެންނަ ނުފެންނަ ވޯޓުން ބުނީ ވެރިކަމުން ދޫނި ފައިބާށޭ" މިބީދައިންނެވެ. އަދި "ހޯ ހޯ 100 އިންތިހާބު ބޭއްވިނަމަވެސް ބުނާނީ ހަމަ ނޫނެކޭ" ކަމަށް ބުނެ ރައްޔިތުން ވަނީ އެމީހުންގެ ނިންމުން ސާފުކޮށްދީފައެވެ.

އިތުރު ކޮމެންޓުތަކުގެ ތެރޭގައި ހިމެނޭ "ވަގުތު ދެވިއްޖެ! މުއިއްޒު ހީކުރީ މުއިއްޒުހެން އެންމެން ހަރާމް ކޯރުވާނެ ކަމަށް. ދިވެހިން ނުތިބޭނެ އަޅުދާސް ވެގެން" ފަދަ ބަސްތަކުން ދޭހަވަނީ ރައްޔިތުންގެ ކެތްތެރިކަން ކޮޅުންލާފައިވާ މިންވަރެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި 70 އިންސައްތަ ރައްޔިތުން ސަރުކާރަށް "ނޫނެކޭ" ބުނުމަކީ ވެރިކަމުގައި ދެމިހުރުމުގެ ގާނޫނީ އަދި އަޚްލާގީ ހައްގު ގެއްލުން ކަމެކެވެ.
އިންތިޚާބުން ލިބުނު ބޮޑު ނާކާމިޔާބީއާ ގުޅިގެން ރައީސް މުއިއްޒު ވިދާޅުވީ ވޯޓުގެ ނަތީޖާ އިހްތިރާމާއެކު ބަލައިގަންނަ ކަމަށާއި، ރައްޔިތުންގެ ވިންދާ އެއްގޮތަށް ސަރުކާރުގެ މަސައްކަތްތައް ބައްޓަންކުރައްވާނެ ކަމަށެވެ. ނަމަވެސް، މި ހިސާބުން ސުވާލު އުފެދެނީ ހަމައެކަނި ބުނެލާ ބަހަކުން ރައްޔިތުންގެ އިތުބާރު އަލުން ހޯދިދާނެތޯއެވެ؟ ރައްޔިތުންގެ ނިންމުމަކީ ސަރުކާރުން ގެންގުޅޭ ދޯހަޅި އަދި ދެއުޅިއެއްނުވާ ސިޔާސަތުތަކަށް އޮތް ނުރުހުމުގެ ސާފު މެސެޖެކެވެ.
މި އިންތިޚާބުތަކުގެ ނަތީޖާއަށް ބަލައި ސަރުކާރުން ވަގުތުން ވަގުތަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ. އެހެން ނޫންނަމަ، ރައީސް މުއިއްޒަށް ރައްޔިތުންގެ އިތުބާރު އަނބުރާ ލިބުމަކީ ވާނެ ކަމެއް ނޫނެވެ. ރިޔާސީ ވައުދުތައް އަލުން މުރާޖައާކޮށް، ސަރުކާރުގެ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މިވަނީ މަޖުބޫރުވެފައެވެ. ފަނޑިޔާރުގެއާއި މިނިވަން މުއައްސަސާތައް ސިޔާސީ ނުފޫޒުން އެއްކިބާކޮށް، އަޅުވެތިކަން ހުއްޓުވަންވީ ވަގުތަކީ މިއެވެ. ބޭކާރު އިސްރާފުތައް ހުއްޓާލައި، ގައުމުގެ އިގްތިސާދު ހަމަ މަގަށް އަޅުވައި، ރައްޔިތުންގެ އުންމީދުތަކަށް ޚިޔާނާތްތެރިނުވެ ވެރިކަން ކުރުމަކީ މިއަދު ރައްޔިތުން އެދޭ ގޮތެވެ.
ނަމަވެސް، ސޯޝަލް މީޑީއާގެ ތަފާތު މަންސަތަކުން މިހާރު އިވެމުންދާ ގަދަ އަޑުތަކަށް ބަލާއިރު، ގިނަ ރައްޔިތުން ގަބޫލުކުރަނީ މި ސަރުކާރަށް ދެން އިތުރު ފުރުސަތެއް ދިނުމުގެ މާނައެއް ނެތް ކަމަށެވެ. ފުރުޞަތު މީގެ ކުރިންވެސް ދެފަހަރު ދީފައިވާ ކަމަށެވެ. އެއީ 2023 ވަނަ ރިޔާސީ އިންތިކާބާއި މަޖްލިސް އިންތިހާބެވެ. ރައްޔިތުން މަޖްލިސް މެޖޯރިޓީ ރައްޔިތުން ދިނީ ވަރަށް ފޮނި އުއްމީދު ތަކާއެކު ވަރަށް އިތުބާރުވެސް ކޮށްފައެވެ. ނަމަވެސް ވެލެއްވި ވަޢުދު ފުއްދުމަށް ކުރިކަމެއް ފެންނާކަށް ނެތެވެ. ކުރެއްވިހާވެސް ކަމަކީ އަމިއްލަ މަސްލަހަތު އިސްކޮށް ނުފޫޒު ބޭނުންކޮށްގެން ހިތު ހުރި ގޮތަކަށް ރައްޔިތުން މޮޔައިން ކަމަށް ހަދައި، ރައްޔިތުންނަށް އޮޅުވާލައިގެން ރައްޔިތުން ގުބޯ ހެއްދުމެވެ.
އެހެންކަމުން ގައުމުގައި މިއަދު ގުގުމަމުންދާ "އިސްތިއުފާ" ގެ އަޑަކީ، ރައްޔިތުންގެ އިތުބާރު ގެއްލިފައިވާކަމުގެ އެންމެ ވަރުގަދަ ހެއްކެވެ. ޑިމޮކްރަސީއެއްގައި އެންމެ އިސް ބަހަކީ ރައްޔިތުންގެ ބަސް ކަމަށްވާއިރު، އެ ބަހަށް އިހްތިރާމް ކުރުމަކީ ކޮންމެ ވެރިއެއްގެ މައްޗަށް އޮތް ލާޒިމު ކަމެކެވެ.
ކިޔުންތެރިންގެ ހިޔާލު