އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އަޙްމަދު މުޙައްމަދު ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަނުކުރައްވައިފިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދަކީ ދިވެހި ފުލުހުންގެ ޚިދުމަތުގައި ވަރަށް ދިގު އަދި ފާހަގަކޮށްލެވޭ ފަޚުރުވެރި މާޒީއެއް އޮތް ބޭފުޅެކެވެ. އޭނާ ފުލުހުންގެ ޚިދު

މަތާ ގުޅިވަޑައިގަތީ 1995 ވަނަ އަހަރުއެވެ. ފާއިތުވި 30 ވަރަކަށް އަހަރުގެ ދިގު މުއްދަތުގައި، ފުލުހުންގެ މުއައްސަސާގެ ހިންގުމުގެ އެކި ދާއިރާތަކާއި، އޮޕަރޭޝަނަލް އަދި ތަހުގީގީ ދާއިރާތަކުގައި އޭނާ ވަނީ މުހިންމު ޒިންމާތަކެއް އުފުއްލަވައި، ނަތީޖާ ދައްކަވާފައެވެ.

އަލަށް އައްޔަންކުރެވުނު ސީޕީ އަޙްމަދު މުޙައްމަދު މީގެކުރިން ފުރުއްވާފައިވާ މުހިންމު މަގާމުތަކުގެ ތެރޭގައި އޮޕަރޭޝަނަލް، ތަހުގީގީ، އަދި އެޑްމިނިސްޓްރޭޓިވް އެންޑް ސަޕޯޓް ދާއިރާގެ އިސް މަގާމުތައް ހިމެނެއެވެ. ކޮމިޝަނަރުގެ މަގާމަށް އައްޔަންކުރެއްވުމާ ހަމައަށް އޭނާ ހުންނެވީ ހެޑް އޮފް ސެންޓްރަލް އިންވެސްޓިގޭޝަން ކޮމާންޑްގެ މަގާމުގައެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމަށް ބޭފުޅަކު އައްޔަނުކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން ފެބްރުއަރީ 18 ވަނަ ދުވަހު ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔާކުރެއްވުމާ ގުޅިގެންނެވެ.



ކިޔުންތެރިންގެ ހިޔާލު