ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މުހައްމަދު މަލީހް ޖަމާލް-
އިއްޔެ ބޭއްވުނު އިންތިޚާބުތަކަކީ ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ އޮޅުވާލުމާއި ހީލަތްތެރިކަމާ ދެކޮޅަށް ރައްޔިތުން ނިކުމެ އެޅި "ބަދަލުހިފުމުގެ ވޯޓެއް" ކަމަށް ކުރީގެ ކޮމިއުނިކޭޝަންސް މިނިސްޓަރު އަދި ޕީއެންއެފްގެ އެސްޖީ މުޙައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

މަލީހް މިހެން ވިދާޅުވީ، އިއްޔެ ބޭއްވުނު އިންތިޚާބުތަކުގެ ނަތީޖާއާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ، މި ވޯޓުން އެންމެ ސާފުވި އެއް ކަމަކީ ރައީސް މުއިއްޒުގެ އަމަލުތައް ރައްޔިތުން ބަލައިނުގަންނަކަން ކަމަށެވެ.

"ރައީސް ޔާމީނަށް އޮތް ތާއީދުގެ މަތީގައި ވެރިކަމަށް އާދެވުނީމަ މިނިކާ ބާޒެއްހެން މުޅި ވެރިކަން އަމިއްލަ ކުރުން ބަލައި ނުގަންނަކަން،" މަލީހްގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.



މީގެ އިތުރުން، ދައުލަތުގެ ތެރޭގައި އޮތް ވައްކަމާއި ކޮރަޕްޝަނަށް ރައްޔިތުން ނުރުހޭކަން މި ނަތީޖާއިން ހާމަވާކަމަށް މަލީހް ވިދާޅުވިއެވެ. އަދި ސަރުކާރު ނުހިންގާތީ ރައްޔިތުން ތިބީ ހިތްހަމަނުޖެހިފައި ކަމަށާއި، ޚާއްސަކޮށް ޕީއެންސީގެ ނަމުގައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުން، ރައީސް މުއިއްޒު ރައީސް ޔާމީނާ މެދު އަމަލުކުރާ ގޮތުން ނުހަނު ބޮޑަށް ރުޅިއައިސްފައިވާކަން މި ވޯޓުން ސާފުވެއްޖެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އިއްޔެ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންދިޔަ ވާދަވެރި ތިން އިންތިޚާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، ގިނަ ގޮނޑިތައް ކާމިޔާބު ކުރައްވާފައިވަނީ އިދިކޮޅު އެމްޑީޕީގެ ކެނޑިޑޭޓުންނެވެ. ވަކިން ޚާއްސަކޮށް، ދެ އިންތިޚާބަކާ ގުޅޭގޮތުން ނެގުނު ރިފަރަންޑަމް ވޯޓުގެ ވަގުތީ ނަތީޖާ ދައްކާގޮތުން، ވޯޓުލީ މީހުންގެ ބޮޑު އަޣުލަބިއްޔަތަކުން ވަނީ ސަރުކާރުން ހުށަހެޅި ކަންކަމާ ދެކޮޅަށް ވޯޓު ދީފައެވެ.

މި ނަތީޖާއަކީ މިހާރުގެ ސަރުކާރަށް ރައްޔިތުންގެ އޮތް އިތުބާރު ކުޑަވެފައިވާކަން ހާމަކޮށްދޭ ހެއްކެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން ދަނީ ސިފަކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު