މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ބޮޑު ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ މެދުގައި ނެގުނު ފެންނަ ނުފެންނަ ވޯޓުގައި، ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތަކުން "ނޫނެކޭ" ބުނުމަކީ ސަރުކާރުގެ ސިޔާސަތުތަކަށް ރައްޔިތުން އިންތިހާއަށް ނުރުހުންވެފައިވާ ކަމުގެ ހެއްކެއް ކަމަށް ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއް ސުއޫދު ވިދާޅުވެއްޖެއެވެ.

މި ވޯޓުގެ ނަތީޖާއާ ގުޅޭގޮތުން ރާއްޖޭގެ މީޑިއާއެއްގައި ސުޢޫދު ވިދާޅުވެފައިވަނީ، ރައްޔިތުން މި ނިންމުން ނިންމުމުގައި ތަފާތު ގިނަ ސަބަބުތަކެއް އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި، ޤާނޫނުއަސާސީއަށް ރައްޔިތުން ބޭނުންވާ މުހިންމު ބަދަލުތައް "ގުދަނުގައި" ބެހެއްޓުމަށްފަހު، ރައްޔިތުންނަށް މުހިންމު ނޫން އިސްލާހެއް ކުއްލިއަކަށް ގެންނަން ސަރުކާރުން މަސައްކަތްކުރުން ހިމެނޭކަން ސުއޫދު ފާހަގަ ކުރެއްވިއެވެ. ސުޢޫދު ވިދާޅުވީ އިންތިޚާބުން ސަރުކާރު ބަލިވުމުގެ މައިގަނޑު ސަބަބަކީ ގަވަނަންސް މައްސަލަތައް ކަމަށެވެ.

ހަމައެއާއެކު، ސަރުކާރުން ރޭވުންތެރިކަމާއެކު ހިންގަމުންދާ ކޮރަޕްޝަނަށް ރައްޔިތުން ދެކޮޅުހަދާކަން މި ވޯޓުން ސަރުކާރަށް އަންގައިދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޤާނޫނުއަސާސީގެ 115 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭރުން ސިޔާސީ މުވައްޒަފުން އައްޔަންކޮށް، އަމިއްލަ ސިޔާސީ މަންފާއަށް އެ މާއްދާގެ ބޭނުން ނަހަމަގޮތުގައި ހިފަމުންދާ ކަމުގެ ތުހުމަތުވެސް ސުޢޫދު ކުރެއްވިއެވެ.

އޭގެއިތުރުން ސުޢޫދު ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހާއި ސުޕްރީމް ކޯޓުގެ މިނިވަންކަން ނަގާލައި، މިނިވަން މުއައްސަސާތައް "ޖޯކަރު ކާޑުތަކަކަށް" ބަދަލުކުރުމާއި، އަތޮޅު ކައުންސިލުތައް އުވާލައި، މާލޭގައި ހުންނަ މިނިސްޓްރީއަކުން އަތޮޅުތައް ހިންގާ ގޮތަށް ބަދަލުކުރުމާއި، އެއްވެސް ޕްލޭނެއް ނެތި، ފަންނީ މަޝްވަރާއާ ނުލައި ތަރައްޤީގެ މަޝްރޫޢުތައް އިޢުލާންކުރުމާއި، ދައުލަތުގެ ކުންފުނިތައް ސިޔާސީ ކެމްޕޭނު ކުރާ އުނދުޅިތަކަކަށް ހެދުން ހިމެނެއެވެ.

ސުޢޫދު ވިދާޅުވީ، މި ވޯޓުގެ ނަތީޖާއިން ފެނިގެންދިޔައީ ރައްޔިތުންގެ ވަކީލުން (މަޖިލިސް މެންބަރުން) ނިންމި ނިންމުމާއި ރައްޔިތުންގެ ޚިޔާލު އުޑާއި ބިމާހާ ތަފާތުވެފައިވާ މިންވަރު ކަމަށެވެ. މީގެ ސަބަބަކީ މަޖިލީހުގެ މެންބަރުން ސަރުކާރުގެ މަޖުބޫރީއެއްގެ ތެރޭގައި ތިބެ، ރައީސް ދެއްވާ އިތުރު އެލަވަންސްތަކަށް ހެއްލި، ރައްޔިތުންގެ އަމާނާތަށް ޚިޔާނާތްތެރިވުން ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.

މި ހާލަތާ ގުޅިގެން، ޤާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، އެކަމަށްޓަކައި 2004 ވަނަ އަހަރު އޮތް ފަދަ "ރައްޔިތުންގެ ޚާއްޞަ މަޖިލީހެއް" އެކުލަވާލަން ޖެހޭ ކަމަށް ސުޢޫދު ހުށަހެޅުއްވިއެވެ. އޭނާ ހުށަހެޅުއްވި ބައެއް އިސްލާހުތަކުގެ ތެރޭގައި ބަރުލަމާނީ ނިޒާމަކަށް ބަދަލުވުމާ މެދު މަޝްވަރާކުރުމާއި، މަޖިލިސް މެންބަރުންގެ އަދަދު 60 އަށް މަދުކޮށް، 40 މެންބަރުންގެ ސެނެޓެއް އުފެއްދުމާއި، ރިކޯލް ވޯޓަކުން ވެރިން ވަކިކުރެވޭނެ ގޮތް ހެދުން ހިމެނެއެވެ.

ހަމައެހެންމެ ސިޔާސީ މަޤާމުތައް 200 އަށްވުރެ އިތުރުނުކުރެވޭ ގޮތް ހެދުމާއި، މަޖިލިސް މެންބަރުން ވިޔަފާރިކުރުން މަނާކުރުމާއި، ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލުކުރުމަށްވެސް އެނާ ހުށައެޅުއްވިއެވެ.

ސުޢޫދުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވީ، މިހާރު މިއޮތް މުއައްސަސާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިފައިވާތީ، ދައުލަތް ހިންގުމުގެ ނިޒާމު އިޞްލާޙު ކުރުމަކީ ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު