ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީ މެންބަރުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ކަސްތަޅުން" ނެއްޓެންވީ ވަގުތު ޖެހިއްޖެ ކަމަށް އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވީ މިއީ ޕީއެންސީގެ މަޖިލިސް މެންބަރުން ރައީސް މުއިއްޒުގެ ނުފޫޒުން އެއްކިބާވެ، ރައްޔިތުންނާއެކު ތިއްބަވަންވީ ވަގުތު ކަމަށެވެ. އަދި މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލުވައި ނުލެވޭނެ ކަމުގެ ޔަގީންކަން ވެސް އަމްރު ވަނީ ދެއްވާފައެވެ.

އަމްރު މި މޭރުމުން ވާހަކަ ދައްކަވާފައި މިވަނީ، މިދިޔަ ހޮނިހިރު ދުވަހު ބޭއްވުނު ބައި-އިލެކްޝަންތަކުގައި ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ކުރިމަތިލާން ޖެހުމާ ގުޅިގެން، ސަރުކާރުގެ މަތީ ފަންތީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ކުއްލި ގޮތަކަށް ވަކިކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.

މިގޮތުން މަގާމުން ވަކިކުރެވުނު ބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ ޕީއެންސީ މެންބަރު އަސްމާ ރަޝީދުގެ އާއިލީ ބޭފުޅުން ހިމެނިވަޑައިގަންނަވާކަން ފާހަގަކުރެވެއެވެ. އޭގެ ތެރޭގައި ޔޫއޭއީގައި ހުންނަވާ ދިވެހި ސަފީރު މުހައްމަދު ހުސައިން ޝަރީފް (މުންދު) އާއި، ޖެނީވާގައި ހުންނަވާ ދާއިމީ މަންދޫބު ޑރ. ސަލްމާ ރަޝީދު ހިމެނެއެވެ. މުންދު އަކީ އަސްމާގެ ދަރިފުޅެވެ. އަދި ޑރ. ސަލްމާ އަކީ އަސްމާގެ ކޮއްކޮއެވެ.

މީގެ އިތުރުން ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އިސްވެރިން ވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އޭގެ ތެރޭގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރާއި، އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ އިތުރުން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރު ވެސް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު