އިއްތިހާދު އެއާވޭސް
އިއްތިހާދު އެއާވޭސް
މެދުއިރުމަތީގެ މަސްރަހަށް އައިސްފައިވާ ބަދަލުތަކާއި ހަމަނުޖެހުންތަކުގެ ސަބަބުން، ދުނިޔޭގެ އޭވިއޭޝަން ދާއިރާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މިދަނޑިވަޅުގައި، އަބޫދާބީގެ އިއްތިހާދު އެއާވޭސް އިން ދަތުރުފަތުރުގެ އަގުތައް ވަރަށް ބޮޑަށް ހެޔޮކޮށްފިއެވެ. އިއްތިހާދު އެއާވޭސް އިން ނިންމާފައިވަނީ 2026 ވަނަ އަހަރުގެ މެއި އަދި ޖޫން މަހުގެ ދަތުރުތަކަށް އަމާޒުކޮށް، އެ އެއާލައިންގެ ލޯންގް ހޯލް ނެޓްވޯކްގެ އަގުތަކުން 50 އިންސައްތައާ ހަމައަށް ކުޑަކުރުމަށެވެ.

ގަލްފުގެ އެންމެ ބޮޑު އެއް އެއާލައިނުން މިފަދަ ނިންމުމެއް ނިންމާފައިވަނީ، ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ދަތުރުފަތުރުގެ ޑިމާންޑް ދަށްވަމުންދާ ވަގުތެއްގައެވެ. މި ބަދަލާއެކު، އިއްތިހާދު އެއާވޭސް އިން ވަނީ ފާއިތުވި އަހަރުތަކުގައި އެ އެއާލައިނުން ލިބިފައި ނުވާފަދަ ހެޔޮ އަގުތަކެއް ތައާރަފުކޮށްފައެވެ. އެގޮތުން ލަންޑަނުން އަބޫދާބީ މަގުން ސިޑްނީއަށް ކުރާ ދެކޮޅު ދަތުރުގެ އިކޮނޮމީ ކްލާސް ޓިކެޓެއް މިހާރު 906 ޑޮލަރަށް ލިބޭއިރު، ބިޒްނަސް ކްލާސް ޓިކެޓްގެ އަގު ވަނީ 3,250 ޑޮލަރަށް ތިރިވެފައެވެ. މި ހެޔޮ ބަދަލުތައް ސިންގަޕޫރު، ހޮންކޮންގް، ބެންކޮކް އަދި ޓޯކިޔޯ ފަދަ މަންޒިލްތަކަށް ކުރާ ދަތުރުތަކުން ވެސް ފެންނާނެ ކަމަށް އެ އެއަރލައިނުން ވަނީ ބުނެފައެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި، އިއްތިހާދުގެ މި އަގުތަކަކީ ވާދަވެރި ބްރިޓިޝް އެއާވޭސް ފަދަ ކުންފުނިތަކާ އަޅާބަލާއިރު ވަރަށް ބޮޑު ތަފާތެއް ހުރި އަގުތަކެކެވެ. އަދި ބައެއް ރޫޓުތަކުގެ އަގުތައް ކޯވިޑް-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހުރި އެންމެ ދަށް އަގުތަކަށް ވުރެ ވެސް މިހާރު ވަނީ ތިރިވެފައެވެ. މި ބަދަލު ގެންނަން ޖެހުނު މައިގަނޑު ސަބަބަކީ އެމެރިކާ، އިސްރާއީލް އަދި އީރާނާ ގުޅިގެން ހިނގަމުންދާ ހަމަނުޖެހުންތަކުގެ ސަބަބުން ވައިގެ ސަރަހައްދުތައް ބަންދުވުމާއި، ފްލައިޓްތައް ރީރޫޓް ކުރަން ޖެހުމެވެ.

މީގެ ސަބަބުން ފަސިންޖަރުންގެ ކަންބޮޑުވުންތައް އިތުރުވެ، ފްލައިޓްތައް ފުރެމުންދަނީ ކެޕޭސިޓީއަށް ވުރެ ދަށުންނެވެ. އޮޕަރޭޝަންތައް މަދުކުރުމުގެ ބަދަލުގައި އިއްތިހާދުން އިސްކަންދިނީ އަގުހެޔޮކޮށްގެން ނަމަވެސް ގޮނޑިތައް ފުރުމަށާއި، ކަސްޓަމަރުންގެ އިތުބާރު ދެމެހެއްޓުމަށެވެ. މީގެ އިތުރުން، ޒައިދު އިންޓަނޭޝަނަލް އެއާޕޯޓް މެދުވެރިކޮށް އަބޫދާބީގެ ޓްރާންސިޓް ޓޫރިޒަމް ކުރިއެރުވުމަށް ސްޓޮޕްއޮވަރ އޮފާތަކެއް ވެސް އެ އެއާލައިނުން ދަނީ ހުށަހަޅަމުންނެވެ. އިއްތިހާދުން މިފަދަ ބޮޑު ޑިސްކައުންޓެއް ދިން ނަމަވެސް، އެމިރޭޓްސް އާއި ގަތަރު އެއާވޭސް ފަދަ ވާދަވެރިން އަދި މިފަދަ ފިޔަވަޅެއް އަޅާފައެއް ނުވެއެވެ.

މި ހަމަނުޖެހުންތަކުގެ އަސަރު ގަލްފުގެ ބޭރުން ގްރީސް އާއި ސައިޕްރަސް ފަދަ ގައުމުތަކުގެ ޓޫރިޒަމަށް ވެސް ދަނީ ކުރަމުންނެވެ. އަދި އޭޖިއަން އެއާލައިންސް ފަދަ ކުންފުނިތަކަށް ތެލުގެ ހަރަދު އިތުރުވެ، ދަތުރުތައް ކުރުމުގައި ދަތިތަކާ ވަނީ ކުރިމަތިލާން ޖެހިފައެވެ. ދަތުރުވެރިންނަށް މިވަގުތަކީ އަގުހެޔޮކޮށް ދިގު ދަތުރުތައް ބުކް ކުރުމަށް ލިބޭ ރަނގަޅު ފުރުސަތަކަށް ވީނަމަވެސް، ސަލާމަތީ ކަންކަމަށް ސަމާލުވުމަށާއި، ފްލެކްސިބަލް ޓިކެޓްތަކާއި ފުރިހަމަ ޓްރެވަލް އިންޝުއަރެންސް ހޯދުމަކީ މިހާރުގެ ހާލަތަށް ބަލާއިރު ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ތަޖުރިބާކާރުން އިރުޝާދުދެއެވެ.



ކިޔުންތެރިންގެ ހިޔާލު