ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ކޮންމެ ސިކުންތަކީ ދިވެހި ޤައުމަށް އިއާދަނުކުރެވޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ވަގުތުތަކެއް ކަމަށް ވިދާޅުވެ، ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހްމަދު ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ޖަމީލް ވަނީ ސަރުކާރުގެ ސިޔާސަތުތަކަށާއި ހިންގުމުގެ ނިޒާމަށް ވަރަށް ހަރުކަށި އިބާރާތުން ފާޑުވިދާޅުވެފައެވެ. ޖަމީލް ފާހަގަކުރެއްވި ގޮތުގައި، ރައީސް މުއިއްޒުގެ ޒައާމަތުގައި ފެނިގެންދަނީ ދައުލަތުގެ މުއްސަނދިކަން ނަހަމަ ގޮތުގައި ބޭނުންކުރުމާއި، ޤައުމުގެ މުދަލާއި ފައިސާއަށް އިހުމާލުވަމުންދާ މަންޒަރެވެ.

ވަކިން ހާއްސަކޮށް، ކޮރަޕްޝަންގެ އަމަލުތައް އާލާވެ، ދައުލަތުގެ ތެރޭގައި ވައްކަމުގެ ސަގާފަތެއް ބިނާވަމުންދާ ކަމަށް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ ސަރުކާރުގެ ކުންފުނިތައް މެދުވެރިކޮށް، ހާއްސަކޮށް އެމް.އޭ.ސީ.އެލް ފަދަ ތަންތަނުން އުސޫލުން ބޭރުން ސިޔާސީ ވަޒީފާތައް އުފައްދަމުންދާ ކަމަށެވެ. މިއީ ރައްޔިތުން ނުހަނު ބުރަ މަސައްކަތުން ދައްކާ ޓެކްސް ފައިސާ ނަހަމަ ގޮތުގައި އިސްރާފުކުރުން ކަމަށާއި، މިފަދަ އަމަލުތަކުގެ ސަބަބުން އިގްތިސާދީ ގޮތުން ޤައުމު ބަނގުރޫޓުވުމުގެ ބިރު އެބައޮތް ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

މި ހުރިހާ ސަބަބުތަކަކަށްޓަކައި، ރައީސް މުއިއްޒު މިހާރުން މިހާރަށް މަގާމުން އިސްތިއުފާ ދެއްވަންޖެހޭ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް މިފަދަ ވަރުގަދަ ބަހުގެ ހަމަލާތަކެއް ސަރުކާރަށް އަމާޒުކޮށްފައި މިވަނީ، ދާދި ފަހުން ބޭއްވުނު ރިފަރަންޑަމް ވޯޓުގައި ރައްޔިތުންގެ ފަރާތުން ސަރުކާރަށް ބޮޑުތަނުން "ނޫނެކޭ" ބުނެފައިވާ ދަނޑިވަޅެއްގައެވެ. މި ވޯޓުގެ ނަތީޖާއަކީ ސަރުކާރަށް އޮތް އިތުބާރު ގެއްލިފައިވާކަމުގެ ހެއްކެއް ކަމަށް ބުނެ، އިދިކޮޅު ސިޔާސީ ލީޑަރުންނާއި ގިނަ އަދަދެއްގެ ރައްޔިތުން ދަނީ ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު