އިސްލާމީ އަފީފް އުމުރުން 87
އިސްލާމީ އަފީފް އުމުރުން 87
ކ. މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު، ލ. އަތޮޅު އޮޅުވެލި ކައިރިން ފަރަށް އަރައި އަޑިއަށް ދިޔަ ނުރައްކާތެރި ހާދިސާގައި، އުމުރުން 87 އަހަރުގެ އިސްމާއިލް އަފީފު ދެއްކި އާދަޔާ ހިލާފު ހިތްވަރަކީ މުޅި ގައުމު ހައިރާންކޮށްލި ކަމެކެވެ.

"ރަސް" އަށް އެނގިފައިވާ ގޮތުގައި އަފީފް އަކީ ހުލްގު ހެޔޮ، އެހާމެ ދީނަށް ލޯބިކުރާ އަދި އެންމެނާއިވެސް ގުޅޭ މީހެކެވެ.

ދަންވަރު 1:25 ހާއިރު ހިނގި މި ހާދިސާގައި ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން 12 މީހަކު ވަނީ ވަގުތުން ސަލާމަތްވެފައެވެ. އޭގެ ތެރެއިން އެކަކު ފަތާފައި ރަށަށް އެރިއިރު، ބާކީ ތިބި 11 މީހުން ނަގާފައިވަނީ އެ ސަރަހައްދު ރިސޯޓެއްގެ ދޯންޏަކަށެވެ. ނަމަވެސް، އެންމެން ސަލާމަތްކުރި އިރުވެސް އަފީފު ފެންނާކަށް ނެތުމުން، އޭނާ ހޯދުމުގެ ފުޅާ އޮޕަރޭޝަނެއް އެމްއެންޑީއެފުން ކުރިއަށް ގެންދިޔައެވެ.

ގެއްލިގެން ހޯދަމުން ދަނިކޮށް، ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިން އަފީފުބޭ ސަލާމަތުން އޮތްވާ ފެނިފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުން ދިޔަ ސަޕްލައި ދޯންޏަކަށެވެ.

"ރަސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަފީފު މާލެއަށް ކުރި މި ދަތުރަކީ އޭނާގެ ގޭގައި ގެންގުޅުމަށް ގެނައި ބިދޭސީ މީހާ ބަލައި ކުރި ދަތުރެކެވެ. މި ހިތާމަވެރި ހާދިސާ ހިނގީ އެމީހާ ގޮވައިގެން އެނބުރާ ރަށަށް ދަތުރުކުރަމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި، ކަނު އަނދިރީގައި އެއްވެސް އާރެއްބާރެއް ނެތި ކަނޑުމަތީގައި އޭނާ އޮތީ ވަކަރު ޕެލެޓެއްގައި ދެއަތުން ބާރަށް ހިފަހައްޓައިގެންނެވެ. އޭނާ ފެނުނުއިރު، ބޯ ފިޔަވައި މުޅި ހަށިގަނޑު އޮތީ ލޮނުގަނޑުގެ އަޑީގައެވެ.

އަފީފު ސަލާމަތްކުރުމަށްފަހު މިހާރު ދަނީ ލ. އަތޮޅު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭނާ ކަނޑުމަތީގައި އެކަނިމާއެކަނި ގިނަ ވަގުތުތަކެއް ހޭދަކޮށްފައިވާއިރު، އެ ވަގުތުތަކުގައި އޭނާ ދެއްކި ސާބިތުކަމަކީ ޒުވާނުންނަށްވެސް ހުރި ވަރަށް ބޮޑު ނަމޫނާއެކެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި، ކޮންމެ ސިކުންތަކީވެސް ފުރާނައަށް ނުރައްކާވެދާނެ ވަގުތެއް ނަމަވެސް، އޭނާ ވަނީ ހިތްވަރާއެކު ކަނޑުގެ އޮއިވަރާ ހަނގުރާމަކޮށް ފެންމަތީގައި ހަށިގަނޑު ބޭއްވުމަށް މަސައްކަތް ކޮށްފައެވެ.

މި ހާދިސާއިން އެނގިގެންދަނީ އިންސާނާގެ ނަފްސާނީ ހިތްވަރާއި، ދިރިހުރުމަށް ކުރާ އުއްމީދުގެ ވަރުގަދަކަމެވެ. ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރޭގައި އެކަނިމާއެކަނި ހޭދަކުރި ވަގުތުތަކުގައި، އޭނާގެ ހިތުގައި އޮތް ކެތްތެރިކަމާއި މާތް ﷲ ގެ ހެޔޮ ރަޙްމަތަކީ އޭނާ ސަލާމަތްވުމުގެ މައިގަނޑު ސަބަބެވެ.

މިއީ ކޮންމެފަދަ ނުރައްކާތެރި ހާލަތެއްގައިވެސް ކެތްތެރިކަމާއި އިލާހީ މިންވަރުފުޅަށް އީމާންވުމުގެ މުހިންމުކަން އަންގައިދޭ ދިރިހުރި މިސާލެކެވެ. ކިތަންމެ ބޮޑު މުސީބާތެއް ކުރިމަތިވި ކަމުގައި ވިޔަސް، އެކަލާނގެ އިޒްނަފުޅާ ނުލައި އިންސާނާއަށް އެއްވެސް ގެއްލުމެއް ނުލިބޭނެކަން މި ހާދިސާއިން ކަށަވަރުވެގެން ހިނގައްޖެއެވެ. މިއީ އަހަރެމެންނަށް ލިބުނު ޢިބުރަތެކެވެ.



ކިޔުންތެރިންގެ ހިޔާލު