މާލޭގައި ޓޭކްސީގެ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް މިފަހަކަށް އަންނަނީ އިތުރުވަމުން
މާލޭގައި ޓޭކްސީގެ ހިދުމަތްތަކާ ގުޅޭ ޝަކުވާތައް މިފަހަކަށް އަންނަނީ އިތުރުވަމުން
ހުޅުމާލޭ ފޭސް 2 އިން މާލެއަށް ދަތުރުކުރި ބަލި މީހަކަށާއި އޭނާގެ އާއިލާއަށް ޓެކްސީ ޑްރައިވަރެއްގެ ފަރާތުން އިންތިހާއަށް އިހާނެތި އަދި އަދަބުކުޑަ އަމަލުތަކެއް ކުރިމަތިވި މައްސަލައެއް ފެންމަތިވެއްޖެއެވެ.

ސޯޝަލް މީޑިއާގައި އާންމުވި މި ހާދިސާގައި ބުނެފައިވާ ގޮތުގައި، މައިބަދައިގެ ބޮޑު އޮޕަރޭޝަނެއް ކޮށްފައިވާ އަންހެނަކު ޑޮކްޓަރަށް ދެއްކުމަށްޓަކައި ޓެކްސީއަށް އެރި ވަގުތުން ފެށިގެން ޑްރައިވަރުގެ ފަރާތުން ފެނުނީ ހަމައެކަނި އަމިއްލަ މަންފާއަށް އިސްކަންދިން ތަނެވެ.





އެގޮތުން، ކާރުގައި ބަލި މީހަކު އިންކަން އެނގި ހުރެވެސް، އެއްވެސް ސުވާލެއް ކުރުމެއް ނެތި މަގުމަތިން ފަތުރުވެރިއަކު ކާރަށް އެރުވުމުގެ އިތުރުން، ބަމްޕަރުތަކުގެ މަތިން ބާރު ދުވެލީގައި ދުއްވުމުގެ ސަބަބުން ބަލި މީހާގެ ހާލަތު އިތުރަށް ގޯސްވި ކަމަށް އާއިލާއިން ބުނެފައިވެއެވެ.

މި ހާދިސާގެ ނުރައްކާތެރިކަން އިތުރުވީ، މާލެއަށް އެރުމަށްފަހު އިތުރު މީހަކު ކާރަށް އެރުވުމަށް ޑްރައިވަރު މަސައްކަތް ކުރުމުން ބަލި މީހާ އެކަމާ ކަންބޮޑުވުން ފާޅުކުރުމުންނެވެ.

ބަލި މީހާގެ ހާލަތާއި ވަގުތުގެ ދަތިކަން ބުނެދިނުމުން، ޑްރައިވަރު ވަނީ ކާރުގައި ތިބި ފަތުރުވެރިންގެ ކުރިމަތީގައި ބަލި މީހާއާ ދިމާލަށް ހަޑިހުތުރު ބަހުން މުއާމަލާތްކޮށް، "މިއީ މަގޭ ކާރެއް" ކަމަށް ބުނެ ބާރުގަދަކަން ދައްކާފައެވެ. އަދި ކްލިނިކް ކައިރިއަށް ކާރު މަޑުކުރުމުން، ބަލި މީހާގެ އާއިލާއިން އެކަމާ ސުވާލުކުރުމުންވެސް ޑްރައިވަރު ވަނީ އަވަގުރާނަ ގޮވައި، ނުހަނު ލަދުކުޑަ ގޮތަކަށް އަމަލުކޮށްފައެވެ.

މީގެ އިތުރުން، އެ ޑްރައިވަރު ކާރުގައި ތިބި ފަތުރުވެރިންގެ އަތުން ގަވާއިދާ ހިލާފަށް ގިނަ އަދަދެއްގެ ފައިސާ ނަގަމުންދިޔަ ކަންވެސް އެއާއިލާއިން ވަނީ ފާހަގަކޮށްފައެވެ.

މި ހާދިސާގެ ސަބަބުން ބަލި މީހާ ހުރީ ނަފްސާނީ ގޮތުން ބިރުގަނެ، އިންތިހާއަށް މާޔޫސްވެފައި ކަމަށް އޭނާގެ ދަރިފުޅު ކިޔައިދީފައިވެއެވެ. ޓެކްސީ ހިދުމަތަކީ އާންމުންގެ އިތުބާރާއި ރައްކާތެރިކަން އޮންނަންޖެހޭ ހިދުމަތަކަށް ވާއިރު، މިފަދަ ނުރައްކާތެރި ޑްރައިވަރުންނާ މެދު ކަމާބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅު އެޅުމަށް އާއިލާއިން ވަނީ ގޮވާލާފައެވެ.

މިފަދަ ހާދިސާއެއް ދިމާވެއްޖެ ނަމަ، އާންމުންގެ ސަމާލުކަމަށްޓަކައި ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. ފުރަތަމަ ކަމަކަށް، ޓެކްސީގެ ނަންބަރު ނުވަތަ ޑްރައިވަރުގެ މައުލޫމާތު ނޯޓުކުރުމަށްފަހު ފުލުހުންނަށް (119) ނުވަތަ ޓްރާންސްޕޯޓް އޮތޯރިޓީއަށް ރަސްމީކޮށް ޝަކުވާ ހުށަހެޅުމަކީ މުހިންމު ކަމެކެވެ. މިއީ މުޅި މުޖުތަމައުގެ ރައްކާތެރިކަމަށްޓަކައި އެންމެންވެސް ސަމާލުވާންޖެހޭ ކަމެކެވެ.

ޕްރައިވެޓް ޓެކްސީ ޑްރައިވަރުންގެ އެތައް މައްސަލައެއް ސޯޝަލް މީޑިއާގައި އެތައް ބައެއްގެ ޝަކުވާ އިތުރުވަމުންދާއިރު އެކަށީގެންވާ ފިޔަވަޅުތަކެއް އެޅިފައެއް ނެތް ނެތެވެ. ގިނަ ބަޔަކު ތުހުމަތު ކުރާގޮތުގައި ބައެއް ޓެކްސީ ޑްރައިވަރުން މިފަދަ އަމަލުތައް އިތުރުވެފައިމިވަނީ ސަރުކާރުން އާއްމު ގަވާއިދާ ހިލާފަށް ޓެކްސީގެ ހިދުމަތްތައް ދޭންފެށުމާ ގުޅިގެންނެވެ. ނަމަވެސް މިފަދަ އަމަލުތައް ހުއްޓުވުމަށް އެފަދަ ޑްރައިވަރުންގެ ލައިސަންސް ހިފޭއްޓުމަށްވެސް ބައެއް ރައްޔިތުން ދަނީ ކަމާބެހޭ މުއަސަސާއަށް ގޮވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު