ނަމަދަކީ ދީނުގެ ތަބެއެވެ
ނަމަދަކީ ދީނުގެ ތަބެއެވެ
ދުނިޔަވީ މަސައްކަތްތަކުގައި މަސްއޫލުވެ، ނަމާދު ވަގުތުން ބޭރުވެ، އެންމެ ފަހު ވަގުތަށް ނަމާދު ފަސްކުރުމަކީ މިއަދު އަޅުގަނޑުމެންގެ ތެރޭގައި ވަރަށް އާންމުވެފައިވާ ކަމެކެވެ. ނަމަވެސް، މިފަދަ އިހުމާލުވުމުގެ ސަބަބުން އާޚިރަތް ދުވަހު ކުރިމަތިވެދާނެ ބިރުވެރިކަމުގެ މައްޗަށް ވިސްނާލުން މުހިންމެވެ.

ދާދިފަހުން މީސްމީޑިއާގައި ދައުރުވަމުންދާ ހިތްވަރުގަދަ ވާހަކައަކުން ފެނިގެންދަނީ، ވަރުބަލިކަމާއެކު މަޣުރިބު ނަމާދު އެންމެ ފަހު ވަގުތު ކުރަން ހުރި މީހަކަށް ސަޖިދައިގައި އޮއްވާ ފެނުނު ބިރުވެރި ހުވަފެނެކެވެ. އޭނާއަށް ހުވަފެނުގައި ފެނުނީ އާޚިރަތުގެ މައިދާނުގައި ހިސާބުބެއްލެވޭ ވަގުތެވެ. އޭނާ ދުނިޔޭގައި ކުރި ހެޔޮ އަމަލުތަކާއި ދެއްކި ދީނީ ވާހަކަތަކުން އެދުވަހު އެއްވެސް މަންފާއެއް ނުކޮށް، ނަރަކައަށް އެއްލާލެވޭ ވަގުތު ސަލާމަތްކުރަން އައީ އޭނާގެ "ނަމާދު" އެވެ.

ނަމަވެސް އެ ނަމާދު އައީ ވަރަށް ބަލިކަށި މުސްކުޅިއެއްގެ ސިފައިގައި، އެންމެ ފަހު ސިކުންތުގައެވެ. ސަބަބަކީ އޭނާވެސް ދުނިޔޭގައި ނަމާދު ކުރަނީ އެންމެ ފަހު ވަގުތަށް ވުމުންނެވެ.

މި ހާދިސާއިން ދޭހަކޮށްދެނީ، އަޅުގަނޑުމެން ކުރާ ހެޔޮ އަމަލުތަކާއި، ފަތުރާ ދީނީ މެސެޖުތަކުގެ އިތުރުން، އިސްލާމްދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ނަމާދަށް ދެވޭ ސަމާލުކަމުގެ ބޮޑުކަމެވެ.

މީހަކު ދުވާލަކު ފަސް ފަހަރު ފެންވަރާނަމަ ހަށިގަނޑު ސާފުވާ ފަދައިން، ފަސް ވަގުތު ނަމާދުކުރުމަކީ ފާފަތަކުން އިންސާނާ ތާހިރުކޮށްދޭނެ ކަމެކެވެ. ނަމަވެސް އެ ނަމާދަކީ ފަރުވާތެރިކަމާއެކު، ވަގުތުން ވަގުތަށް ކުރެވޭ އަޅުކަމަކަށް ވާންޖެހެއެވެ.

ޢިޝާ ނަމާދުގެ ބަންގީގެ އަޑަށް ސަޖިދައިން ހޭލެވުނު މި މީހާއަށް ލިބުނު އެންމެ ބޮޑު ފިލާވަޅަކީ، އާޚިރަތުގެ ކާމިޔާބީ ގުޅިފައިވަނީ ހަމައެކަނި އަމަލުކުރުމެއް ނޫން ކަމާއި، އެ އަމަލުތައް އިޚްލާޞްތެރިކަމާއެކު ވަގުތަށް އަދާކުރުން ކަމެވެ.

ވީމާ، މިއީ ހަމަ ކޮންމެ މުސްލިމަކުވެސް ފުންކޮށް ވިސްނާލަންޖެހޭ ކަމެކެވެ. ދުނިޔޭގެ ވަގުތީ އުފަލާއި މަސައްކަތުގައި ޖެހި، އަޅުގަނޑުމެންގެ ނަމާދުތައް އެންމެ ފަހު ވަގުތަށް ފަސްކުރެވޭނަމަ، މާދަމާ ގިޔާމަތް ދުވަހު އެ ނަމާދު އަޅުގަނޑުމެން ސަލާމަތްކުރަން އަންނާނީވެސް ހަމަ އެފަދަ ލަސް ދުވެއްޔެއްގައެވެ.

ނަމާދަށް ރައްކާތެރިވުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގެވެ. ﷲ އަޅުގަނޑުމެން އެންމެންނަށް ހެޔޮ ތައުފީޤު ދެއްވައި، ނަމާދު ގާއިމުކުރާ ބައެއްގެ ގޮތުގައި ލައްވާށިއެވެ. އާމީން.



ކިޔުންތެރިންގެ ހިޔާލު