ތުއްތު ނޯރީ
ތުއްތު ނޯރީ
މާލެ ހޮބީއިސްޓް ސަރަހައްދުގައި އެކަނިވެރިކޮށް ދޫކޮށްލާފައި އޮއްވާ ފެނުނު ކުޑަ ބުޅަލެއް ކަމަށްވާ "ނޯރީ" ގެ ފުރާނަ ސަލާމަތްކުރުމަށް އާންމުންގެ އެހީތެރިކަމަށް އެދިއްޖެއެވެ.

މި ބުޅަލަށް މިހާރު ފަރުވާދެމުންދަނީ ފޮސްޓާ ކެއާގެ ދަށުންނެވެ. ނޯރީގެ ހާލަތު ބަޔާންކޮށް، އޭނާއަށް ބޭނުންވާ ޑޮކްޓަރީ ފަރުވާއާއި މެޑިކަލް ކޮންސަލްޓޭޝަންތަކުގެ ހަރަދު ބެލެހެއްޓުމަށް އަމީނަތު ޒައިން އަހުމަދު ވަނީ މީސްމީޑިއާގައި އެހީއަށް އެދި އިލްތިމާސްކޮށްފައެވެ.





ޒޫފިލިސްޓް ސޮސައިޓީ އޮފް މޯލްޑިވްސްއިން ފޭސްބުކްގައި ހިއްސާކޮށްފައިވާ މި މައުލޫމާތުގައި ބުނެފައިވަނީ، ނޯރީއަށް ފަރުވާ ދިނުމަށް ކިތަންމެ ކުޑަ މިންވަރެއްގެ އެހީއެއްވެސް މުހިންމު ކަމަށެވެ. މިކަމަށް އެހީތެރިވާން ބޭނުންވާ ފަރާތްތަކުން 7730000422666 ނަންބަރު އެކައުންޓަށް ފައިސާ ޖަމާކުރުމަށް ވަނީ އެދިފައެވެ.

މީގެ އިތުރުން، މާލީ ގޮތުން އެހީތެރިވެވެން ނެތް ފަރާތްތަކުންވެސް، މި ޕޯސްޓް ޝެއާކޮށްދީގެން އެހީތެރިވެދޭނެ ފަރާތެއް ހޯދުމަށް މަގުފަހިކޮށްދިނުމަކީ ނޯރީގެ ފުރާނަ ސަލާމަތްކުރުމަށް ކުރެވޭނެ މުހިންމު މަސައްކަތެއް ކަމަށް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

ނޯރީއަކީ އެކަނިވެރިކޮށް މަގުމައްޗަށް ދޫކޮށްލާފައިވާ ބުޅަލެއް ނަމަވެސް، އޭނާއަށް އޯގާތެރިވާނެ ބަޔަކު މިހާރު ވަނީ ފެނިފައެވެ.

މި ވަގުތަކީ ނޯރީގެ ހާލަތު ރަނގަޅުކޮށް، އޭނާއަށް އާ ފުރުސަތެއް ހޯދައިދިނުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް އާއިލާއިންނާއި އެހީތެރިވާ ފަރާތްތަކުން ގޮވާލައެވެ.



ކިޔުންތެރިންގެ ހިޔާލު