ށ. މިލަންދޫ، ނަބްހާން (23އ)
ށ. މިލަންދޫ، ނަބްހާން (23އ)
ޑެންގީ ހުން ޖެހިގެން ހާލަތު ވަރަށް ބޮޑަށް ގޯސްވެ، އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުންދިޔަ އުމުރުން 23 އަހަރުގެ ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ.

މި ބަލީގައި ނިޔާވެފައިވަނީ ށ. މިލަންދޫ، ނަބްހާން (23އ) އެވެ. ނަބްހާން ފުރަތަމަ ހުން އައިސްގެން ފަރުވާ ހޯދަން ފެށީ ށ. މިލަންދޫ ސިއްހީ މަރުކަޒުންނެވެ. ނަމަވެސް ބަލީގެ ހާލަތު އިތުރަށް ގޯސްވަމުން ދިއުމުގެ ސަބަބުން ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ބަދަލުކޮށް ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އިއްޔެގެ ވަގުތެއްގައި ވަނީ މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފައެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިލަންދޫގައި މިދުވަސްވަރު ޑެންގީ ހުން ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެގޮތުން ވޭތުވެދިޔަ ނޮވެމްބަރު މަހުން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް 30 ކޭސް ރިޕޯޓުކޮށްފައިވާއިރު، ނިމިދިޔަ ރަމަޟާން މަހު އެކަނިވެސް 15 ކޭސް ވަނީ ފެނިފައެވެ. އަދި ހިނގަމުންދާ އޭޕްރީލް މަހުގެ މިހާތަނަށް 5 ކޭސް ރިޕޯޓުކޮށްފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރު ރާއްޖޭގައި ޑެންގީ ޖެހޭ މިންވަރު ވަނީ އާދަޔާ ޚިލާފަށް އިތުރުވެފައެވެ. އެގޮތުން މިދިޔަ މަހު އެކަނިވެސް 535 ކޭސް ރިޕޯޓުކޮށްފައިވާއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ރިޕޯޓުކޮށްފައިވަނީ އެންމެ 60 ކޭސްއެވެ. އަދި ފެބްރުއަރީ މަހު 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގައެވެ.

އެހެންކަމުން ޑެންގީ ހުން ފަދަ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތައް އިތުރުވަމުންދާތީ، މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ ތަކުރާރުކޮށް އިލްތިމާސްކޮށްފައެވެ. ޚާއްޞަކޮށް ހުން އަންނަ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ސިއްހީ މާހިރުންގެ އިރުޝާދުތަކަށް ބޯލެނބުމަށް އެ އިދާރާއިން ވަނީ ހަނދާންކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު