މަރަދޫ ދާއިރާގެ މެމްބަރު ދީދީ
މަރަދޫ ދާއިރާގެ މެމްބަރު ދީދީ
މިހާރުގެ ސަރުކާރަކީ ރައްޔިތުންނަށް ޖަވާބުދާރީވާ ސަރުކާރެއް ނޫން ކަމަށާއި، ދާދިފަހުން ބޭއްވުނު އިންތިޚާބުތަކުން ރައްޔިތުން ދިނީ މި ސަރުކާރު ކަމަކުނުދާ ކަމުގެ ވަރުގަދަ މެސެޖެއް ކަމަށް އައްޑޫ މަރަދޫ ދާއިރާގެ އެމް.ޑީ.ޕީ މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެއެވެ.

އަޙްމަދު ދީދީ ވިދާޅުވީ، ވެރިކަމަށް ދެ އަހަރާއި ބައި ވެގެން ދިޔައިރު ވެސް ރައީސް މުޢިއްޒު ވެވަޑައިގެންނެވި އެއްވެސް ވަޢުދެއް ފުއްދިފައި ނުވާ ކަމަށާއި، ސަރުކާރުން އަބަދުވެސް ދައްކަނީ ހަގީގަތެއް ނެތް އޮޅުވާލުންތަކެއް ކަމަށެވެ. އަދި މި އިންތިޚާބުން ފެނިގެންދިޔައީ ރާއްޖޭގެ ޑިމޮކްރެޓިކް ތާރީޚުގައި ސަރުކާރަކަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ ނާގާބިލުކަމަށް ފާޑުވިދާޅުވަމުން އަޙްމަދު ދީދީ ވިދާޅުވީ، ރައްޔިތުން ބޭނުންވަނީ މަޖިލީހުގެ ބާރުތައް އެގްޒެކެޓިވް ޕަވަރގެ ދަށަށް ގެންދިއުމުގެ ބަދަލުގައި، ރައްޔިތުންނަށް ވީ ވަޢުދުތައް ފުއްދައިދިނުމަށް ކަމަށެވެ.

ޚާއްޞަކޮށް ރަށްރަށުގައި ފެށިފައި ހުރި އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހުއްޓިފައި އޮތުމާއި، އިގްތިސާދީ ގޮތުން ރައްޔިތުންގެ އާމްދަނީ ދަށްވަމުން ދިއުމަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށް އޭނާ ވިދާޅުވިއެވެ. މަސްވެރިކަމުގެ ސިނާއަތަށް ބަލާއިރު ވެސް، މަސްކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ދަށްނުކުރާނެ ކަމަށް ވިދާޅުވެ، ފަހުން 16 ރުފިޔާއަށް އަގު ދަށްކުރުމަކީ މަސްވެރިންނަށް ލިބުނު ބޮޑު ލަނޑެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

މީގެ އިތުރުން، އާސަންދަ އާއި ސިއްހީ ނިޒާމުގެ ފެންވަރު ދަށްވަމުންދާ ދިއުމަށް އިޝާރާތް ކުރައްވައި އަޙްމަދު ދީދީ ވިދާޅުވީ، ސަރުކާރުގެ ވަޒީރުންނަކީ ނާގާބިލު ބައެއް ކަމަށެވެ.

ވަޒީރުން އެއް މިނިސްޓްރީން އަނެއް މިނިސްޓްރީއަށް ބަދަލުކުރުމަކީ ހައްލެއް ނޫން ކަމަށާއި، ބޭނުންވަނީ ނަތީޖާ ނެރެދޭނެ ގާބިލު ޓީމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ އިތުބާރު މިހާރު އޮތީ އެމް.ޑީ.ޕީ އަށް ކަމަށާއި، ރައްޔިތުން އެދޭ ހާލަތެއްގައި ސަރުކާރާ ހަވާލުވާން ވެސް އެމް.ޑީ.ޕީ އޮތީ ތައްޔާރަށް ކަމަށް އޭނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު