ޤާނޫނީ ވަކީލު އަލީ ހުސައިން-
ޤާނޫނީ ވަކީލު އަލީ ހުސައިން-
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) މިނިވަންނުކޮށް ރާއްޖޭގެ ޝަރުއީ ދާއިރާ މިނިވަން ނުކުރެވޭނެ ކަމަށް ވިދާޅުވެ، އެ ކޮމިޝަން މިނިވަންކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލު އަލީ ހުސައިން ގޮވާލައްވައިފިއެވެ.

އަލީ ހުސައިން މިފަދައިން ގޮވާލައްވާފައިވަނީ، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނީ ސިޔާސީ ނުފޫޒެއް ނޯންނަ ގޮތަށް ކަމަށާއި، އެ ކައުންސިލް އެކުލަވާލުމުގެ ކުރިން ޝަރުއީ ދާއިރާގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކުރާނެ ކަމަށް ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު ވިދާޅުވުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަލީ ހުސައިން ވިދާޅުވީ، ޖޭއެސްސީ މިނިވަން ނުކޮށް ޖުޑީޝަރީ މިނިވަނެއް ނުކުރެވޭނެ ކަމަށެވެ. އަދި ޖޭއެސްސީގެ ރައީސަށް އިޝާރާތް ކުރައްވައި "ހިތްވަރެއް ހުރީވިއްޔާ އެކަން ކުރެވޭތޯ ބަލާބަލަ،" މިހެން ވިދާޅުވެ އޭނާ ވަނީ ގޮންޖައްސަވާފައެވެ.

ޖުޑީޝަލް ކައުންސިލަކީ ރާއްޖޭގެ ކޯޓުތަކުގެ ގާނޫނާ އެކު 2010 ވަނަ އަހަރު ވުޖޫދުވި ކައުންސިލެކެވެ. ނަމަވެސް، 14 މާޗު 2011 ގައި ސުޕްރީމް ކޯޓުން ކުރި ހުކުމަކުން އެ ކައުންސިލް ވަނީ އުވާލާފައެވެ. މި ކައުންސިލަކީ ގާނޫނުއަސާސީގެ ދަށުން، ކޯޓުތަކުން ހަދަންޖެހޭ ގަވާއިދުތައް އެއް އުސޫލަކުން ހަދައި، ހުރިހާ ކޯޓުތަކެއްގައި އެއް މިންގަނޑުތަކެއް ހިފެހެއްޓުމަށާއި ކޯޓުތަކުގެ ހިންގުމުގެ ކަންކަން ބެލެހެއްޓުމަށް އޭރު އެކުލަވާލި މުހިންމު އިދާރާއެކެވެ.

މިދިޔަ ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ކުރިން އޮތް ގޮތަށް ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާނެކަން ހާމަކުރައްވާފައެވެ. ރައީސް ވިދާޅުވީ، މި ކައުންސިލް އުވާލުމަށްފަހު، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ޖޭއެސްސީގެ ދަށަށް ބަދަލުކޮށްފައި އޮތުމުގެ ސަބަބުން ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑުވެގެންދާ ކަމަށެވެ.

ޖޭއެސްސީގެ ރައީސް ހުސްނީ މުބާރަކު ވެސް ވަނީ މިކަމަށް ތާއީދުކުރައްވާފައެވެ. އޭނާ ވިދާޅުވީ ޑީޖޭއޭ ޖޭއެސްސީގެ ދަށުގައި އޮތުމުން ފަނޑިޔާރުންނަށް ދަތިތަކާ ކުރިމަތިވާ ކަމަށާއި، މިހާރު އޮތް ގޮތުން ޑީޖޭއޭއަށް ޖޭއެސްސީގެ ނުފޫޒު ފޯރުވޭނެ ކަމަށެވެ.

"މިހާރު އޮތް ގޮތުން ޑީޖީއޭ އޮތީ ޖޭއެސްސީގެ ނުފޫޒު ފޯރުވޭ ގޮތަށް. އެހެން ކަމަށްވާ ނަމަ، ޝަރުއީ ދާއިރާއަށް އެންމެ ހެޔޮ ގޮތުގައި އެކަން ކުރުމަށްޓަކައި ޖަވާބުދާރީވާ ޖުޑީޝަލް ކައުންސިލުން އެކުލަވާލާ ތަސައްވުރަކާ އެއްގޮތަށް އެކަން ތަންފީޒުކުރާ އިދާރާއެއްގެ ގޮތަށް ވެގެންގޮސްފި ނަމަ، ޝަރުއީ ދާއިރާގެ މިނިވަންކަން ކަށަވަރުކުރަން ފަސޭހަވެގެންދާނެ،" ހުސްނީ ވިދާޅުވިއެވެ.

ހުސްނީ އިތުރަށް ވިދާޅުވީ، ޖުޑީޝަލް ކައުންސިލް އަލުން އެކުލަވާލާއިރު އެކަން ކުރާނީ އެއްވެސް ސިޔާސީ ނުފޫޒެއް ނުފޯރުވޭ ގޮތަށް ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު