ގަނާކުރުން ނުވަތަ ބުލީކުރުމަކީ މިއަދު އަޅުގަނޑުމެންގެ ކުޑަކުޑަ ދިވެހި މުޖުތަމައުގައި ކަންބޮޑުވާންޖެހޭ މިންވަރަކަށް އިތުރުވެފައިވާ ނުރައްކާތެރި ވަބާއެކެވެ. މިއީ ހަމައެކަނި ކުޑަކުދިންގެ މެދުގައި ހިނގާ ކަމެއްގެ ގޮތުގައި ކުރިން ބެލެވުނު ނަމަވެސް، މިއަދުގެ ހަގީގަތަކީ މިއީ އިޖުތިމާއީ ބޮޑު ބައްޔަކަށް ވެފައިވާ ކަމެވެ. ބަހުގެ ހަމަލާތަކުން ފެށިގެން ޖިސްމާނީ އަނިޔާއާ ހަމައަށް ފެތުރިފައިވާ މި ނުބައި އާދައިގެ ސަބަބުން، އެތައް ބައެއްގެ ދިރިއުޅުން ވަނީ ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފައެވެ.

ގަނާކުރުމުގެ އަމަލުތައް މިއަދު ފެންނަމުންދަނީ ހަމައެކަނި ސްކޫލުތަކުގެ ގޯތިތެރެއަކުން ނޫނެވެ. ތައުލީމީ މަރުކަޒުތަކާއި، ޔުނިވާސިޓީތަކާއި، ވަޒީފާ އަދާކުރާ މާހައުލުތަކުގެ އިތުރުން އަމިއްލަ ގޭތެރެއަކީވެސް މިކަމުގެ ހާލިތަކަކަށް މިއަދު ވަނީ ވެފައެވެ. ސްކޫލުތަކުގައި ކުދިންގެ މެދުގައި ހިނގާ ފުރައްސާރައާއި، ވަޒީފާގެ މާހައުލުގައި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ދަށު މުވައްޒަފުންނަށް ކުރާ އިހާނެތި ކަންކަމަކީ ކޮންމެ ދުވަހަކު އިވޭ އަޑުތަކެވެ. އަދި ހިތާމައަކީ، ރައްކާތެރިކަން ލިބެންޖެހޭ އާއިލީ މާހައުލުގެ ތެރެއިންވެސް ބައެއް ފަރާތްތަކަށް މިފަދަ ނަފްސާނީ އަނިޔާތަކާ ކުރިމަތިލާން ޖެހުމެވެ.

ގިނަ ފަހަރަށް ގަނާކުރުން ފެށިގެން އަންނަނީ ވަރަށް އާދައިގެ ސަމާސާ އެއްގެ ސިފައިގައެވެ. ނަމަވެސް، އެކަން ހުއްޓުވުމުގެ ބަދަލުގައި އެއީ މަޖާ ކަމެއްގެ ގޮތުގައި ބަލައިގަނެވުމުން، ގަނާކުރާ މީހާގެ ހިތްވަރު ގަދަވެ، އަމަލުތައް މިއަށްވުރެ މުރަނަވެގެންދެއެވެ. ފުރަތަމަ ކުޑަ ބަަހެއްގެ ހަމަލާއަކުން ފެށޭ ކަންތައް، ފަހުން ބާކީކުރުމަށާއި، ދޮގު ވާހަކަ ފެތުރުމަށާއި، އަދި ސޯޝަލް މީޑިއާގެ ޒަރީއާއިން "ސައިބަރ ބުލީ" ކުރުމަށް ބަދަލުވެގެންދެއެވެ. މިކަން ޕްރޮގްރެސް ވަމުންދާ ވަރަކަށް، ޝިކާރައަކަށްވާ މީހާގެ ދިފާއީ ނިޒާމު ބަލިކަށިވެ، އޭނާ އެކަނިވެރިވެގެންދެއެވެ.

ގަނާގެ ޝިކާރައަކަށްވާ މީހާގެ ކިބައިން ފެންނަ އެންމެ ބޮޑު އެއް މައްސަލައަކީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލުމެވެ. އެހެން މީހުންގެ ކުރިމަތީގައި ތިމާއަކީ އެއްވެސް އަގެއް ނެތް މީހެއްކަމުގެ އިހުސާސް އޭނާއަށް ކުރެވެން ފަށައެވެ. މީގެ ސަބަބުން އިޖުތިމާއީ ގުޅުންތަކުން ދުރުވެ، އެކަނިވެރިކަން އިހުސާސްކުރަން ޖެހެއެވެ.

ދެވަނަ ކަމަކަށް، މެދުކެނޑުމެއްނެތި ދެވޭ އަނިޔާގެ ސަބަބުން "އެންޒައިޓީ" ނުވަތަ މާބޮޑަށް ފިކުރުބޮޑުވުމުގެ މައްސަލަ ކުރިމަތިވެއެވެ. މީހުން އެއްވެ އުޅޭ ތަންތަނަށް ދާން ބިރުގަތުމާއި، އަބަދުވެސް ކޮންމެވެސް ގޯސް ކަމެއް ވެދާނެ ކަމުގެ ބިރުވެރިކަމެއްގެ ތެރޭގައި އުޅެންޖެހުމަކީ ދިރިއުޅުމުގެ އުފާވެރިކަން މުޅިން ނަގާލާ ކަމެކެވެ.

މީގެ އިތުރުން، "ޑިޕްރެޝަން" ނުވަތަ މާޔޫސްވުމުގެ ބައްޔަކީ ގަނާކުރުމުގެ ސަބަބުން ވަރަށް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. ދިރިއުޅުމުގެ އެއްވެސް ކަމަކަށް ޝައުގުވެރިކަން ނެތުމާއި، ނިދި ނައުމާއި، އަދި އަބަދުވެސް ހިތާމަވެރި މޫޑެއްގައި ހުންނަން ޖެހުމަކީ އޭނާގެ މުޅި ދުވަހުގެ މަސައްކަތްތަކަށް ހުރަސްއަޅާ ކަމެކެވެ.

ގަނާކުރުމުގެ ސަބަބުން ދިމާވާ ވޭނަށް ކެތްނުކުރެވިގެން، ބައެއް ފަރާތްތަކުން އަމިއްލަ ނަފްސަށް ގެއްލުންދިނުމާއި، އަމިއްލައަށް މަރުވުމުގެ ވިސްނުންތައް ގެންގުޅެފައިވެއެވެ. ރާއްޖޭގައި ދާދި ފަހުންވެސް މިފަދަ ހިތާމަވެރި ހާދިސާއެއް ވަނީ ހިނގާފައެވެ. ޒުވާން އުމުރުގެ ކުދިންނާއި ބޮޑެތި މީހުންވެސް، މި ހިތްދަތިކަމުން ސަލާމަތްވާނެ އެހެން މަގެއް ނުފެނިގެން، އެންމެ ފަހުން ހަޔާތުން އުއްމީދު ކަނޑާލާ ހިސާބަށް ކަންތައްތައް ގޮސްފައި އެބަހުއްޓެވެ.

މި ނުބައި އާދައިން މުޖުތަމައު ސަލާމަތް ކުރެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެންނެވެ. މިއީ ހަމައެކަނި ފަރުދީ ޒިންމާއެއް ނޫނެވެ. ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ގަނާކުރުމާ ދެކޮޅަށް ހަރުދަނާ ގާނޫނުތަކާއި ގަވާއިދުތައް ހަދައި، އެކަން ތަންފީޒު ކުރަންޖެހެއެވެ. ސްކޫލުތަކާއި އޮފީސްތަކަކީ "ޒީރޯ ޓޮލަރެންސް" އޮންނަ ތަންތަނަށް ހަދަންޖެހެއެވެ. އަދި ދީނީ ގޮތުންނާއި އަހުލާގީ ގޮތުން މީހުން ހޭލުންތެރިކުރުވައި، އަނެކާއަށް އިހުތިރާމު ކުރުމުގެ ސިފަ އަށަގަންނުވަން ޖެހެއެވެ.

ގަނާކުރުމަކީ މީހެއްގެ މުޅި ދިރިއުޅުން ބަރުބާދުކޮށްލާ ފަދަ ނުރައްކާތެރި އަމަލެކެވެ. މިއަދު އަޅުގަނޑުމެން ކޮންމެ މީހަކީވެސް މިކަމާ ދެކޮޅަށް އަޑުއުފުލާ، ޝިކާރައަކަށްވާ މީހުންނަށް އެހީތެރިކަމުގެ އަތެއް ދިއްކުރާ މީހަކަށް ވާންޖެހެއެވެ. ކޮންމެ އިންސާނަކީވެސް ކަރާމާތާއި އިހުތިރާމާއެކު ދިރިއުޅުމުގެ ހައްގު ލިބިގެންވާ މީހެކެވެ. އެ ހައްގު ނިގުޅައިގަތުމުގެ ފުރުސަތު އެއްވެސް މީހަކަށް ދީގެން ނުވާނެއެވެ.



ކިޔުންތެރިންގެ ހިޔާލު