ރައީސް ޔާމީން
ރައީސް ޔާމީން
ސަރުކާރުން ގެންގުޅޭ އިގްތިސާދީ އަދި މާލީ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު 35 އިންސައްތައަށް ވުރެ ބޮޑަށް ވެއްޓިފައިވާ ކަމަށް ކުރީގެ ރައީސް އަދި ޕީއެންއެފްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، ދަރަނި އަދާކުރެވޭނެ އެކަށީގެންވާ ނިޒާމެއް ނެތި އިތުރަށް ދަރަނި ނަގަމުން ދިއުމަކީ ފައިސާގެ އަގު އިތުރަށް ވެއްޓެން މެދުވެރިވާ ސަބަބެކެވެ.

ރައީސް ޔާމީން ވިދާޅުވީ، ނިމިދިޔަ ސަރުކާރުގެ ފަހު ދެ އަހަރު އަމަލުކުރި ގޮތުންނާއި މިހާރުގެ ސަރުކާރުން މާލިއްޔަތާ މެދު އަމަލުކުރަމުންދާ ގޮތުން ރައްޔިތުން ރައްކާކޮށްފައިވާ ފައިސާގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. މިސާލެއްގެ ގޮތުން، ސޭވިންގް އެކައުންޓެއްގައި ހުރި 100 ރުފިޔާގެ އަގު 65 ރުފިޔާއަށް ވެއްޓުމަކީ ރައްޔިތު މީހާގެ އެއްވެސް ކުށެއް ނެތި، ދައުލަތުގެ ފިސްކަލް ޕޮލިސީގެ ސަބަބުން އެމީހާއަށް ލިބޭ ބޮޑު ގެއްލުމެއް ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ.

މީގެ އިތުރުން، ބޭރު ފައިސާ އިތުރުކުރާނެ ޕްލޭނެއް ނެތި ދަރަނި ނަގަމުންދާ ނަމަ، ދެން ޖެހޭނީ އަނެއްކާވެސް ނޫޓު ޗާޕުކުރަން ކަމަށާއި، އޭގެ ނަތީޖާއަކަށް ވާނީ ތަކެތީގެ އަގާއި ގޭގޭގެ ކުލި އިންތިހާއަށް އުފުލިގެން ދިއުން ކަމަށް ރައީސް ޔާމީން އިންޒާރު ދެއްވިއެވެ.

އަދި މީގެ އިތުރުން، ސަރުކާރުގެ ބޭކާރު ޚަރަދުތައް ހުއްޓާލައި، އާމްދަނީ އިތުރުކުރާނެ އާ ގޮތްތަކެއް ނުހޯދައިފި ނަމަ އިގްތިސޯދަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމަށް ނުފެންނަ ކަމަށްވެސް އެމަނިކުފާނުގެ ވާހަކައިގައި ވަނީ ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު