އެޗްއާރްސީއެމްގެ ކުރީގެ މެމްބަރު ޝިފާތު، ފޮޓޯ: އެޗްއާރްސީއެމް
އެޗްއާރްސީއެމްގެ ކުރީގެ މެމްބަރު ޝިފާތު، ފޮޓޯ: އެޗްއާރްސީއެމް
ދަނާލުގައި ނިޔާވި ދަރިވަރު ނަފްސާނީ ހެލްޕްލައިންއަށް ފޮނުވި މެސެޖުތައް ނޫސްވެރިންނާ ހިއްސާ ކުރުމާ ގުޅިގެން، ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ކުރީގެ މެމްބަރު ޝިފާތު ރައްޒާގު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝިފާތު ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ނަފްސާނީ ޚިދުމަތެއް ހޯދާ ފަރާތަކާއި، އެ ޚިދުމަތް ފޯރުކޮށްދޭ ފަންނީ ފަރާތަކާ ދެމެދު ބަދަލުކުރެވޭ މަޢުލޫމާތު ދައުލަތުން ޢާންމުކުރުމަކީ ކޮންމެ ގޮތަކުން ބެލިކަމުގައި ވިޔަސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އޭނާ މި ޕޯސްޓް ހިއްސާ ކުރެއްވީ، ދަނާލުގައި ދާދިފަހުން ނިޔާވި ދަރިވަރަކު ނަފްސާނީ ކަންކަމާ ގުޅޭ ހެލްޕްލައިންއަށް ފޮނުވި މެސެޖުތަކާއި، ހެލްޕްލައިންއިން ދިން ރައްދުތަކުގެ ތަފްސީލީ ޓައިމްލައިން، ހޯމް މިނިސްޓަރ އަލީ އިހުސާން، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރެއްވުމާ ގުޅިގެންނެވެ.

ޝިފާތު ވިދާޅުވީ، ނަފްސާނީ އަދި އިޖްތިމާއީ ދާއިރާގެ ފަންނީ މާހިރުންނަށް ސިއްރު ހިފެހެއްޓުމުގެ އުސޫލުތަކަށް ތަބާވުން ލާޒިމް ކަމަށެވެ. ދައުލަތުގެ ފަރާތުން، ހާލުގައި ޖެހިފައިވާ ފަރާތެއްގެ އެންމެ ނާޒުކު ވަގުތުތަކުގެ ވާހަކަ ޢާންމު ޓީވީ ޗެނަލްތަކުން ފަތުރާ ހިނދު، ދެން ހެލްޕްލައިންތަކަށް ގުޅައި ކެރިގެން ކަންބޮޑުވުންތައް ހިއްސާ ކުރާނެ ފަރާތެއް ނޯންނާނެ ކަމަށް ވެސް ޝިފާތު ވިދާޅުވިއެވެ.



އެޗްއާރްސީއެމްގެ ކުރީގެ މެމްބަރު ޝިފާތު ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓު


"ދައުލަތް މި ޚިދުމަތްތައް ޤާއިމުކުރަނީ ހަމަ ހިލޭ ސާބަހަށް ނިކަމެތި ފަރާތްތައް ރައްކާތެރިކޮށް ހިމާޔަތް ދިނުމަށް ހެއްޔެވެ؟ ނުވަތަ ސަރުކާރުގެ ތަސްވީރު ރީތިކޮށް ދެމެހެއްޓުމަށް ހެއްޔެވެ؟" ޝިފާތު ސުވާލުކުރެއްވިއެވެ.

ޝިފާތު ވިދާޅުވީ، ދައުލަތުގެ ފަރާތުން ހިނގި މި ކަންތައްތަކަކީ ސިކުނޑިއަށް ޤަބޫލުކުރަން ދަތި އަދި ވަރަށް ހައިރާންކުރުވަނިވި ކަންތައްތަކެއް ކަމަށެވެ. ޝިފާތު ވަނީ އެ ކުއްޖާއާ ގުޅޭ މި މެސެޖުތަކާއި މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާ ނުކުރުމަށް ޢާންމު ރައްޔިތުންނަށް ވެސް ނަސޭހަތްތެރި ވެފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ހެލްޕްލައިންތަކަށް ގުޅައި ކަންބޮޑުވުންތައް ހިއްސާ ކުރާ ފަރާތްތަކުގެ ސިއްރު ހިފެހެއްޓުމަކީ، ނަފްސާނީ ޞިއްޙަތުގެ ދާއިރާގައި ބައިނަލްއަޤްވާމީ ފެންވަރުގައި ވެސް ހިފެހެއްޓިގެން ހިނގާ އެންމެ އަސާސީ އެއް އުސޫލެވެ.



ކިޔުންތެރިންގެ ހިޔާލު