އެސްޓްރޮއިޑެއް ކަމަށްވާ 'އަޕޯފިސް'
އެސްޓްރޮއިޑެއް ކަމަށްވާ 'އަޕޯފިސް'
'

ބިޔަ އެސްޓްރޮއިޑެއް ކަމަށްވާ 'އަޕޯފިސް' ނުވަތަ އާންމު ނަމުން ނަމަ 'ގޯޑް އޮފް ކޭއޯސް' ދުނިޔެއާ ވަރަށް ކައިރިން ދަތުރުކުރާނެ ތާރީޚެއް އެމެރިކާގެ ފަޒާގެ އިދާރާ (ނާސާ) އިން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

މި އެސްޓްރޮއިޑް ދުނިޔެއާ އެންމެ ކައިރިވާނީ 2029 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 13 ވާ ހުކުރު ދުވަހުއެވެ. މި ދުވަހަކީ ބައެއް މީހުން ކޮންމެހެން ސުންޕާ ދުވަހެއްގެ ގޮތުގައި ގަބޫލުކުރާ 'ފްރައިޑޭ ދަ ތަރޓީންތް' އާ ދިމާވާ ދުވަހެކެވެ.

މި ބިޔަ ހިލަގަނޑު ދުނިޔެއާ ގާތްގަނޑަކަށް 20،000 މޭލު ކައިރިން ދަތުރުކުރާނެ ކަމަށް ލަފާކުރެވެއެވެ. މިއީ ދުނިޔެ ވަށައިގެން ދަތުރުކުރާ ބައެއް ސެޓެލައިޓްތަކަށްވުރެވެސް ކައިރި ހިސާބެކެވެ.

އަދި ހަނދާއި ދުނިޔެއާ ދެމެދު ހުންނަ ދުރުމިނަށްވުރެ ގާތްގަނޑަކަށް 12 ގުނަ ކައިރި ސަރަހައްދެކެވެ.

ފްރާންސްގެ އައިފަލް ޓަވަރަށްވުރެވެސް ބޮޑު މި އެސްޓްރޮއިޑް ދަތުރުކުރާ ވަގުތު، ދުނިޔޭގެ ބައެއް ހިސާބުތަކަށް ހުސްލޮލަށް ފެންނާނެ ކަމަށް ނާސާއިން ބުނެއެވެ.

2004 ވަނަ އަހަރު މި އެސްޓްރޮއިޑް ފުރަތަމަ ފެނުނުއިރު، މިއީ ދުނިޔޭގައި ޖެހިދާނެ އެއްޗެއްގެ ގޮތުގައި ބެލެވުނެވެ. ނަމަވެސް ވޭތުވެދިޔަ އަހަރުތަކުގައި ކުރެވުނު ދިރާސާތަކާއި ރާޑަރު އޮބްޒަވޭޝަންތަކަށް ފަހު، ކުރިއަށް އޮތް 100 އަހަރު ތެރޭގައިވެސް މިއީ ދުނިޔެއަށް ނުރައްކަލެއް އޮތް އެއްޗެއް ނޫންކަން ސައިންސްވެރިން ވަނީ ޔަގީންކޮށްދީފައެވެ.

މި އެސްޓްރޮއިޑް ދުނިޔެއާ މިހާ ކައިރިން ދަތުރުކުރުމަކީ ސައިންސްވެރިންނަށް ލިބޭ ވަރަށް ނާދިރު ފުރުސަތެކެވެ. މިކަމުގެ ސަބަބުން އެސްޓްރޮއިޑްތަކުގެ އޮނިގަނޑާއި، އެ ތަކެތި ދަތުރުކުރާ ގޮތް އިތުރަށް ދިރާސާކުރުމަށް މަގުފަހިވެގެންދާނެއެވެ. ނާސާއިން ބުނާ ގޮތުގައި މިއީ އިންސާނީ ތާރީޚުގައި މިހާ ބޮޑު އެސްޓްރޮއިޑެއް ދުނިޔެއާ މިހާ ކައިރިން ދަތުރުކުރާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު