މަރްޔަމް ނަހްދާ ވަޙީދު   27 އޭޕްރީލު 2026 - 21:42
ފުލުހުން އަދަދު ނޫހުގެ އޮފީސް ފާސްކުރަނީ-
ފުލުހުން އަދަދު ނޫހުގެ އޮފީސް ފާސްކުރަނީ-
ކޯޓު އަމުރެއްގެ ދަށުން ދިވެހި ފުލުހުންގެ ހިދުމަތުން ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ 'އަދަދު' ނޫހުގެ އޮފީހަށް ވަދެ، އެތަން ބަލައި ފާސްކުރަން ފަށައިފިއެވެ.

ފުލުހުން ބުނިގޮތުގައި 'އަދަދު' ނޫހުގެ އޮފީސް ބަލައި ފާސްކުރަމުން ދަނީ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކޯޓުން ހޯދާފައިވާ އަމުރެއްގެ ދަށުންނެވެ. ނަމަވެސް، މި ތަހުގީގާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުންގެ އިދާރާއިން އަދި ހާމައެއް ނުކުރެއެވެ.

މިކަމާ ގުޅިގެން 'އަދަދު' ނޫހުން ގެނެސްދިން ލައިވް ކަވަރޭޖެއްގައި ބުނެފައިވަނީ، ފުލުހުން އެ ނޫހުގެ އޮފީހަށް ވަދެފައިވަނީ އެ ނޫހުން ދާދިފަހުން އާންމުކުރި "އައިޝާ" ޑޮކިއުމެންޓްރީއާ ގުޅިގެން ކަމަށެވެ. މި ޑޮކިއުމެންޓްރީއަކީ ރަމަޟާން މަހުގެ ތެރޭގައި އެ ނޫހުން އާންމުކުރި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް އަމާޒުކޮށް ސީރިއަސް ތުހުމަތުތަކެއް ކޮށްފައިވާ ވީޑިއޯއެކެވެ.

ފުލުހުން މި ފިޔަވަޅު އަޅާފައި މިވަނީ، އެ ޑޮކިއުމެންޓްރީގައި ހިމެނޭ ވާހަކަތަކަކީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް ވިދާޅުވެ، އެ މައްސަލަ ތަހުގީގު ކޮށްދިނުމަށް ރައީސް މުއިއްޒު ކަމާބެހޭ އިދާރާތަކުގައި އެދިވަޑައިގެންފައިވާ ދަނޑިވަޅެއްގައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި 'އަދަދު' ނޫހުގެ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް މުއިއްޒު ވަނީ އެ ވީޑިއޯގައިވާ ހުރިހާ ވާހަކަތަކެއް ކަނޑައެޅިގެން ދޮގުކުރައްވާފައެވެ. ރައީސް ވިދާޅުވީ އެއީ ހަގީގަތާ ހިލާފު ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ދޮގު މައުލޫމާތު ފަތުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އެޅުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"ކަނޑައެޅިގެން ދޮގު ވާހަކައެއް ތިއީ. 'އަދަދު' ނޫހުން ތިވިދާޅުވީ ތިބޭފުޅުން ހެއްދެވި ވީޑިއޯއެއްގެ ވާހަކަ. އެނގިވަޑައިގަންނަވާނެ ކަނޑައެޅިގެން ދޮގު ވާހަކަ ހިމެނޭގޮތަށް ތިބޭފުޅުން ވީޑިއޯއެއް ހެއްދެވި ހެއްދެވުމަށް ތި އިއުތިރާފުވެ ވަޑައިގެންނެވީ. މިފަދަ ދޮގު ވާހަކަ ދެއްކި ހުރިހާ ފަރާތްތަކާ ދެކޮޅަށް ދައުވާކުރަން އަޅުގަނޑު އެދެން ކަމާބެހޭ ހުރިހާ ފަރާތްތަކުގެ ކިބައިން،" ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު