ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ޒިނޭގެ ދޮގު ތުހުމަތުތަކެއް ފެތުރި މައްސަލައިގައި، ކަމާގުޅޭ ނޫސް އިދާރާ ބަލައި ފާސްކޮށް ޖިނާއީ ތަހުގީގެއް ހިންގުމަކީ ފުލުހުންނަށް ލިބިގެންވާ ފުރިހަމަ ހައްގެއް ކަމަށާއި އެއީ ފުލުހުންގެ މައްޗަށް އޮތް ވާޖިބެއް ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އިހުސާން މިހެން ވިދާޅުވީ، "އަދަދު" ނޫހުގެ އިދާރާއަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނަކާ ގުޅިގެން، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއަޅަމުންދާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މިނިސްޓަރ އިހުސާން ވިދާޅުވީ، ގާނޫނު އަސާސީ

ގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރު ކޮށްދީފައިވީ ނަމަވެސް، އެއީ އެއްވެސް ހިފެހެއްޓުމެއް ނެތް މުތުލަގު ހައްގުތަކެއް ނޫން ކަމަށެވެ. އަދި އެ ހައްގުތަކުގެ ބޭނުން ހިފަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ހިލާފުނުވާ ގޮތަށް ޒިންމާދާރުކަމާއެކު ކަމަށާއި، ހެއްކެއް ނެތި ދޮގު ތުހުމަތު ފެތުރުމުގެ ހައްގު އެއްވެސް ފަރާތަކަށް ލިބިގެންނުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"ގައުމުގެ އެންމެ އިސްވެރިޔާއަށް ނިސްބަތްކޮށް 'ޒިނޭ' ފަދަ ބޮޑެތި ދޮގު ތުހުމަތުތައް ކުރުމަކީ ޒިންމާދާރު ނޫސްވެރިކަމެއް ނޫން. އެއީ އެމަނިކުފާނުގެ ޒާތީ ކަރާމާތާއި، އާއިލާއާއި، އަދި ފުރުއްވަމުންގެންދަވާ މަގާމަށް ދެވޭ ސީދާ ހަމަލާއެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ގާނޫނު އަސާސީގެ 33 ވަނަ މާއްދާއިން ކޮންމެ ރައްޔިތެއްގެ ވެސް އަބުރާއި ރީތި ނަން ރައްކާތެރިކުރުމުގެ ހައްގު ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި "ގަޒްފު" ފަދަ ޖިނާއީ ކުށްތަކަށް ތުހުމަތުކުރެވޭ ހާލަތްތަކުގައި އެކަންކަން ތަހުގީގު ކުރުމަކީ ނޫސްވެރިކަމަށް ދެވޭ ހަމަލާއެއް ނޫން ކަމަށާއި، އެއީ ގާނޫނު އަސާސީ ނެގެހެއްޓުމަށް ކުރެވޭ މަސައްކަތެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ހަގީގީ ނޫސްވެރިކަމުގެ މިނިވަންކަން ކުރިއަރަނީ ޖަވާބުދާރީވުމާއެކު ކަމަށް ފާހަގަކުރައްވައި، އެއްވެސް މީޑިއާއެއް ގާނޫނަށް ވުރެ މަތީގައި ނޯންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް ހައްގުވަނީ ސައްހަ މައުލޫމާތު ފޯރުކޮށްދޭ މީޑިއާތަކެއް ކަމަށާއި، ދޮގު ވާހަކަތަކުން މީހުންގެ އަބުރު ކަތިލާ މާހައުލެއް ނޫން ކަމަށް ވިދާޅުވެ މިނިސްޓަރު އިހުސާން ވަނީ ޒިންމާދާރު ނޫސްވެރިކަމަށް ބާރުއަޅުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު