ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު
ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު
ރާއްޖޭގެ އޮންލައިން ނޫހެއް ކަމަށްވާ 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނާ ގުޅިގެން އިނގިރޭސި ސަފީރު ފާޅުކުރެއްވި ކަންބޮޑުވުންތަކަށް، ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަސީރު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ރާއްޖޭގައި ހުންނަވާ އިނގިރޭސި ސަފީރު ނިކް ލޯ މީސް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެ ހިންގި އޮޕަރޭޝަނަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ފުރިހަމަ ޑިމޮކްރަސީއެއްގެ އަސާސެއް ކަމަށާއި، މި އަމަލަކީ ކޮމަންވެލްތުގެ މިންގަނޑުތަކަށް އަމަލު ކުރުމަށް ރާއްޖެއިން ވެފައިވާ އިގުރާރުތަކާ ފުށުއަރާ ކަމެއް ކަމަށްވެސް ސަފީރު ފާހަގަކުރެއްވިއެވެ.

ސަފީރުގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން ޢުމަރު ނަސީރު ވިދާޅުވީ، ނޫސް އިދާރާއަކާ ދެކޮޅަށް ފިޔަވަޅު އެޅުމުން އިނގިރޭސިވިލާތުން ކަންބޮޑުވުން ފާޅުކުރާއިރު، އެ ގައުމުގެ ސަރުކާރުން ގެންގުޅޭ ދެފުށްގެއްލޭ ސިޔާސަތުތައް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ.

"ތިޔަބައިމީހުން ފޯރުކޮށްދޭ ހަތިޔާރާއި ސިޔާސީ ރައްކާތެރިކަމުގެ ހިމާޔަތުގައި، އިސްރާއީލުން ވަނީ ގައްޒާގައި 242 އަށްވުރެ ގިނަ ނޫސްވެރިން ޝަހީދުކޮށްފައެވެ. އެހެންކަމުން، ތިޔައީ މާ މާތް ނުވަތަ އިންސާފުވެރި ބައެއް ކަމަށް ދެއްކެން މަސައްކަތް ނުކުރާށެވެ." އިނގިރޭސި ސަފީރަށް ރައްދު ދެއްވަމުން ޢުމަރު ވިދާޅުވިއެވެ.

ހަމައެއާއެކު ޢުމަރު ވިދާޅުވީ، އެއްގައުމެއްގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ވާހަކަ ދައްކާއިރު، އަނެއް ގައުމެއްގައި ނޫސްވެރިން މަރަމުންދާއިރު އެކަމަށް އެހީތެރިވެ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.



ޢުމަރު މިހެން ވިދާޅުވެފައިވާއިރު، 'އަދަދު' ނޫހުގެ އޮފީހަށް ފުލުހުން ވަދެފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ. އެގޮތުން ފުލުހުން އެއޮފީހަށް ވަނީ، އެ ނޫހުން އުފެއްދި ކަމަށް ތުހުމަތު ކުރެވޭ ޑޮކިއުމެންޓްރީއަކާއި ގުޅިގެން ފުލުހުންގެ ތަހުގީގަކަށް ބޭނުންވާ ހެކި ހޯދުމަށެވެ.

މި މައްސަލައިގައި ސަރުކާރުގެ އިސް ބޭފުޅުން ވިދާޅުވަމުން ގެންދަވަނީ، ގާނޫނު ތަންފީޒު ކުރުމުގައި އެއްވެސް ފަރާތަކަށް އިސްތިސްނާއެއް ނޯންނާނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު