ހުޅުމާލޭ ފޭސް 2 ގެ ފްލެޓުތައް
ހުޅުމާލޭ ފޭސް 2 ގެ ފްލެޓުތައް
މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ކުރިއަށްގެންދާ "ގޯތިގެދޮރު" ޕްރޮގްރާމުގެ ދަށުން، "ބިންވެރިޔާ" ޚާއްޞަ ސްކީމުގެ ކެޓަގަރީ 3 އަށް ފޯމު ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ހައުސިން މިނިސްޓްރީން ނިންމައިފިއެވެ.

މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ކެޓަގަރީގެ ދަށުން ސިންގަލް އެޕްލިކަންޓުން ފުލެޓަށް އެދި ހުށަހެޅުމަށާއި، ޖޮއިންޓް އެޕްލިކަންޓުން ގޯއްޗާއި ފުލެޓަށް އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ފޯމު ހުށަހެޅުން ކުރިއަށްދާނީ މި އަންނަ މޭ މަހުގެ 10 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 އިން ފެށިގެންނެވެ.



މި ސްކީމަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ މޭ މަހުގެ 31 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 23:59 އެވެ. ބޯހިޔާވަހިކަމަށް އެދި ފޯމު ހުށަހަޅަންޖެހޭނީ މިނިސްޓްރީގެ "ބޯހިޔާވަހިކަން" ޕޯޓަލް މެދުވެރިކޮށެވެ.

ކެޓަގަރީ 3 ގެ ދަށުން އެޕްލިކޭޝަން ހުށަހެޅޭނީ ވަކި ޝަރުޠުތަކެއް ފުރިހަމަވާ ފަރާތްތަކަށެވެ. އެއީ:

- ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ސިންގަލް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން، ގޯތި ދޫކޮށްލުމަށްފަހު ފުލެޓަށް ބަދަލުވާން އެދޭ ފަރާތްތައް.

- ކުރިން ޖޮއިންޓް އެޕްލިކޭޝަނެއް ހުށަހަޅާފައިވާ ހުރިހާ ފަރާތްތަކުން ގޯތި ދޫކޮށްލުމަށްފަހު، ވަކިވަކިން ގޯއްޗާއި ފުލެޓަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތައް.

މި ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ގްރޭޓަރ މާލޭ ސަރަޙައްދާއި އަލަށް ތަރައްޤީކުރާ ރަސްމާލެ ހިމެނޭހެން، 1250 އަކަފޫޓުގެ ޖުމުލަ 15،000 ގޯތި ދޫކުރުމަށް ވަނީ އަމާޒު ހިފާފައެވެ. މީގެ އިތުރުން، ފްލެޓު ދޫކުރުމުގެ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން 7,900 ފުލެޓު ދޫކުރުމަށް ވެސް ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު