އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާ
އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާ
ކައުންސިލް އިންތިހާބާ ގުޅިގެން އެމްޑީޕީގެ ފަރާތުން ހައިކޯޓަށް ހުށަހެޅި އިންތިހާބީ ޝަކުވާގެ ހަ މައްސަލައެއް ބަލައިގަނެވެން ނެތް ކަމަށް ނިންމައި އެ ކޯޓުން މިއަދު ބޭރުކޮށްލައިފިއެވެ.

މި މައްސަލަތަކަކީ ގއ. ކޮލަމާފުށި، ހުޅުމާލެ، މާލެ، ރ. މަޑުއްވަތި އަދި އއ. މަތިވެރީގެ ވަކިވަކި ވޯޓު ފޮށިތަކެއްގައި ބާތިލް ވޯޓު ކަނޑައެޅުމުގައި ގާނޫނާ ހިލާފު ކަންތައްތަކެއް ހުރި ކަމަށް ބުނެ، އެ ފޮށިތަކުގެ ސެކިއުރިޓީ އުރަ ކަނޑައި އަލުން ވޯޓު ގުނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްދިނުމަށް އެދި ހުށަހެޅި މައްސަލަތަކެކެވެ.

މި މައްސަލަތައް ހުށަހަޅަމުން އެމްޑީޕީން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި، ސައްހަ ވޯޓު ބާތިލްކަމަށް ކަނޑައެޅުމާއި، ދެ އިންތިހާބެއްގެ ފޮށި އެކުގައި ގުނުމުގެ ސަބަބުން ނަތީޖާއަށް އޮޅުން އަރާފައިވުން ހިމެނެއެވެ.

މީގެ އިތުރުން، ވޯޓުގެ ފަރަގު ކުޑަވުމުން އަލުން ގުނައިފިނަމަ ނަތީޖާ ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އެ ޕާޓީން ވަނީ ބުނެފައެވެ. ނަމަވެސް، ހައިކޯޓުގެ ރަޖިސްޓްރާ ނިންމެވީ މި މައްސަލަތައް ކޯޓަށް ބަލައިގަނެވެން ނެތް ކަމަށެވެ.

ކޯޓުގެ ނިންމުމުގައި ބަޔާންކޮށްފައިވަނީ، މި މައްސަލަތަކުގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ޝަކުވާތަކާ ގުޅިގެން އެ ކޮމިޝަނުން ދީފައިވާ ޖަވާބު ނުވަތަ ނިންމި ނިންމުން ގާނޫނާ ހިލާފުވާ ސީދާ ސަބަބެއް އެމްޑީޕީއަށް ބަޔާންކޮށްދެވިފައި ނުވާ ކަމަށެވެ. އެހެންކަމުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ ދަށުން މިއީ އިންތިހާބީ ޝަކުވާއެއްގެ ގޮތުގައި ކުރިއަށް ގެންދެވޭނެ މައްސަލަތަކެއް ނޫން ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ރަޖިސްޓްރާގެ މި ނިންމެވުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން މުރާޖައާ ކޮށްދިނުމަށް އެދި ހަތް ދުވަހުގެ ތެރޭގައި ހައިކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުގެ ފުރުސަތު އެމްޑީޕީއަށް އަދި އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު