އެމްޖޭއޭ ގެ އިޙްތިޖާޖު
އެމްޖޭއޭ ގެ އިޙްތިޖާޖު
މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން، ރާއްޖޭގައި ނޫސްވެރިކަން ކުރާ ފަރާތްތަކަށް އޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށްޓަކައި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ސަރުކާރަށް ނުވަ ހުށަހެޅުމެއް ހުށަހަޅައިފިއެވެ.

މި ދުވަހާ ގުޅިގެން އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ވަނީ، ރިޕޯޓާސް ވިތައުޓް ބޯޑާސް (އާރުއެސްއެފް) އިން ނެރުނު 2026 ވަނަ އަހަރުގެ ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ ބޮޑުތަނުން ފަހަތަށް ސޮއްސާލާފައިވާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ ޖަމިއްޔާއިން ބުނީ، ނޫސްވެރިންނަށް ބިރުދެއްކުމާއި ނޫސް އިދާރާތަކަށް ފުލުހުން ވަދެ ހިންގާ އަމަލުތަކަކީ ޑިމޮކްރެޓިކް މުޖުތަމައުއެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެގޮތުން ނޫސްވެރިކަމުގެ މިނިވަންކަން ކަށަވަރުކުރުމަށް އެމްޖޭއޭއިން ސަރުކާރަށް ހުށަހެޅި މައިގަނޑު 9 ކަމަކީ "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން" އުވާލައި، ސެލްފް ރެގިއުލޭޓަރީ މެކޭނިޒަމެއް ގާއިމުކުރުމާއި، އަދަދު ނޫހުގެ އެޑިޓަރުން ކަމަށްވާ ހުސައިން ފިޔާޒު މޫސާ އާއި ހަސަން މުހައްމަދަށް ކުރާ ޖިނާއީ ތުހުމަތުތައް ހުއްޓާލައި، ފުލުހުން ގެންދިޔަ ތަކެތި އަނބުރާ ހަވާލުކުރުމާއި، ފުރުން މަނާކުރުމުގެ އަމުރު އުވާލުމެވެ.

ހަމައެއާއެކު ނޫސްވެރިން ޝާއިއުކުރާ ކޮންޓެންޓަކާ ގުޅިގެން ޖިނާއީ ތަހުގީގު ހިންގުން ހުއްޓާލުމާއި، ނޫސްވެރިޔާ އަހުމަދު ރިލްވާނާއި ބްލޮގަރ ޔާމީން ރަޝީދުގެ މައްސަލައިގެ ރިޕޯޓުތައް އާންމުކޮށް، މިނިވަން ޕަބްލިކް އިންކުއަރީއެއް ހިންގުމާއި، ނޫސްވެރިންނަށްދޭ އިންޒާރުތައް ބަލައި، މުޒާހަރާތައް ކަވަރުކުރާ ނޫސްވެރިންނަށް ފުލުހުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީވެސް އެ ޖަމިއްޔާއިން ހުށައަޅާފައިވާ ކަންކަމެވެ.

އޭގެއިތުރުން މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނަށް ފުރިހަމައަށް އަމަލުކުރުމާއި، ޤާނޫނުގައި ހުރި މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާތައް ބައިނަލްއަގުވާމީ މިންގަނޑަށް އިސްލާހުކުރުމާއި، ދައުލަތުގެ ބަޖެޓުން ދޭ ގްރާންޓަކީ އިންސާފުވެރިކަމާއެކު ދެވޭ އެއްޗަކަށް ހެދުމަށް މަޝްވަރާކުރުންވެސް ހުށައެޅުންތަކުގެ ތެރޭގައި ހިމެނެއެވެ.

އެމްޖޭއޭއިން އިތުރަށް ބުނީ، ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުގެ ގޮތުގައި އޮވެ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރެވޭނީ މިނިވަން މާހައުލެއް އޮވެގެން ކަމަށެވެ. އަދި ރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް އިތުރަށް ދަށަށް ދިޔަ ނުދިނުމަށްޓަކައި، މި ހުށަހެޅުންތަކަށް ސަރުކާރުން ވަގުތުން އިޖާބަދިނުމަށް އެ ޖަމިއްޔާއިން ވަނީ ގޮވާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު