އީރާނުގެ ސަރުކާރުން މުޅި ގައުމުން އިންޓަނެޓްގެ ޚިދުމަތް ކަނޑާލާފައި އޮންނަތާ ނިމިދިޔަ ހަފުތާގެ އަންގާރަ ދުވަހަށް 60 ދުވަސް ފުރިފައިވާއިރު، މީގެ ސަބަބުން އިގްތިސާދީ ގޮތުން ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ކަނޑައެޅޭ ވަކި ބަޔަކަށް ނުވަތަ ވިޔަފާރިތަކަށް އެކަނި އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިންޓަނެޓް މޮނިޓާ ކުރާ "ނެޓްބްލޮކްސް" އިން ހާމަކުރި ގޮތުގައި، މި މައްސަލަ ފެށުނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އިންޓަނެޓްގެ ސްޕީޑް އާދަޔާ ހިލާފަށް ދަށްވުމާ ގުޅިގެންނެވެ. އެ ދުވަހުން ފެށިގެން މިހާތަނަށް 1،400 އަށްވުރެ ގިނަ ގަޑިއިރު ވެފައިވާއިރު، ގިނަ ރައްޔިތުން އަދިވެސް ތިބީ ބައިނަލްއަގުވާމީ ނެޓްވޯކްތަކާ ގުޅުން ކެނޑިފައެވެ.

ނެޓްބްލޮކްސް އިން ބުނި ގޮތުގައި، މީގެ ދެމަސް ކުރިން އީރާން ވަނީ "ޑިޖިޓަލް އަނދިރިގަނޑެއްގެ" ތެރެއަށް ވެއްޓިފައެވެ. އަދި ބައެއް ޚާއްސަ ފަރާތްތަކަށް އިންޓަނެޓްގެ ޚިދުމަތް ލިބުނު ނަމަވެސް، މި މައްސަލަ އަށް އަދިވެސް ހައްލެ ލިބިފައި ނުވާތީ، އިގްތިސާދީ ގޮތުން ދުވަހުން ދުވަހަށް ލިބޭ ގެއްލުންތައް ދަނީ އިތުރުވަމުން ކަމުގައެވެ.

އީރާނުގެ ޗޭމްބަރ އޮފް ކޮމާސްގެ އަންދާޒާތަކުން ދައްކާގޮތުގައި، އިންޓަނެޓް ކަނޑާލުމުގެ ސަބަބުން ދުވާލަކު 30 އާއި 40 މިލިއަން ޑޮލަރާ ދެމެދުގެ ސީދާ ގެއްލުން ލިބެއެވެ. އަދި ނުސީދާ ގެއްލުންތަކާއެކު މި އަދަދު ދުވާލަކު 70 އާއި 80 މިލިއަން ޑޮލަރަށް އަރައެވެ.

އީރާނުގެ ކޮމިއުނިކޭޝަން މިނިސްޓަރު ސައްތާރު ހާޝިމީ ވިދާޅުވި ގޮތުގައި، މިކަމުގެ ސަބަބުން ގާތްގަނޑަކަށް 10 މިލިއަން މީހުންގެ އާމްދަނީއަށް ވަނީ ނުރައްކާވެފައެވެ. ވަކިން ޚާއްސަކޮށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ކަންތައްތަކާ ބެހޭ ނައިބު ރައީސް ޒަހްރާ ބެހްރޫޒް-އަޒަރު ވިދާޅުވީ، ގޭގައި ތިބެގެން އަމިއްލަ މަސައްކަތްކުރާ ގިނަ އަންހެނުންގެ ވިޔަފާރިތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. "މިއީ ހަނގުރާމައެއްގެ ސަބަބުން ކުރިމަތިވާ ފަދަ ހާލަތެއް، މިކަމުން ލިބޭ ގެއްލުންތަކަށް އި

ންކާރުކޮށްގެން ނުވާނެ،" އޭނާ ވިދާޅުވިއެވެ.

އެކްސްޕޯޓް ކުރާ ސިނާއަތްތަކަށް ވެސް ބައިނަލްއަގުވާމީ ގުޅުންތައް ދެމެހެއްޓުމުގައި ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. ނޭޝަނަލް ސެފްރަން ކައުންސިލްގެ ރައީސް މުހުސިން އިހްތިޝާމް ވިދާޅުވި ގޮތުގައި، ބޭރުގެ ކަސްޓަމަރުންނާ މުއާމަލާތް ކުރުމާއި މުދާ ލިބުނުކަން ޔަގީންކުރުމުގައި ދަތިތަކެއް އެބަހުއްޓެވެ. މީގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި އީރާނުގެ މަގާމު ދަށްވެ، އަފްޣާނިސްތާނު ފަދަ ވާދަވެރި ގައުމުތަކަށް ފުރުސަތުތައް ފަހިވަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިގްތިސާދީ ގެއްލުންތަކުގެ އިތުރުން، އާންމު ދިރިއުޅުމަށް ވެސް މިކަމުގެ ސަބަބުން ވަނީ ބުރޫއަރާފައެވެ. އާންމު ރައްޔިތުންނަށް އިންޓަނެޓް ބަންދުވެފައި އޮންނައިރު، ސަރުކާރާ ގުޅުން އޮންނަ ވަކި ބަޔަކަށް ޚިދުމަތް ލިބެމުންދާތީ "ޑިޖިޓަލް ތަފާތުކުރުންތަކެއް" ވަނީ އުފެދިފައެވެ. ވަކިން ޚާއްސަކޮށް ޒުވާނުންގެ ތައުލީމާއި އިޖުތިމާއީ ދިރިއުޅުމަށް މީގެ ސަބަބުން ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފައެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، އިންޓަނެޓް ކަނޑާލުމަކީ މައުލޫމާތު ހޯދައި ލިބިގަތުމަށް އޮތް ހުރަހެކެވެ. މީގެ ސަބަބުން ގައުމުގައި ހިނގާ އިންސާނީ ހައްގުތަކާ ޚިލާފު އަމަލުތައް ރިޕޯޓްކުރުމަށް ދަތިވެގެންދެއެވެ.

ސަރުކާރުން މިހާރު ދަނީ "އިންޓަނެޓް ޕްރޯ" ގެ ނަމުގައި އައު މަޝްރޫއެއް ކުރިއަށް ގެންދަން މަސައްކަތް ކުރަމުންނެވެ. މީގެ ދަށުން ވަކި ވިޔަފާރިތަކަށާއި މުއައްސަސާތަކަށް ބައިނަލްއަގުވާމީ އިންޓަނެޓްގެ ޚިދުމަތް ދިނުމަށް ވަނީ ނިންމާފައެވެ. ސަރުކާރުގެ ތަރުޖަމާނު ފާތިމާ މުހާޖިރާނީ ވިދާޅުވި ގޮތުގައި، މިއީ މިފަދަ ނާޒުކު ހާލަތެއްގައި ވިޔަފާރިތައް ކުރިއަށް ގެންދިއުމަށްޓަކައި އެޅި ފިޔަވަޅެކެވެ.

ނަމަވެސް، މި ޕްލޭނަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުގައި، އިންޓަނެޓްގެ ޚިދުމަތް ބައެއް ފަރާތްތަކަށް ވަރަށް ބޮޑު އަގުގައި ދަނީ ވިއްކަމުންނެވެ. މިކަމާ ގުޅިގެން ޖުޑީޝަރީގެ އިސްވެރިޔާ ޣުލާމްހުސައިން މުހުސިނީ އީޖާއީ ވަނީ ތަހުގީގެއް ހިންގުމަށް އަމުރުކުރައްވާފައެވެ.

އީރާނުގެ ގްރެފިކް ޑިޒައިނަރުންގެ ޖަމިއްޔާއިން ވަނީ މި ޚިދުމަތަށް އެދި ހުށަނާޅާނެ ކަމަށް ބުނެފައެވެ. އެ ޖަމިއްޔާއިން ބުނީ މިއީ ރައްޔިތުންނަށް ކުރެވޭ ފުރައްސާރައެއް ކަމަށާއި، ހުރިހާ އެންމެންނަށް ހަމަހަމަކަމާއެކު، އަގުހެޔޮކޮށް އިންޓަނެޓް ލިބެންޖެހޭނެ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު