މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްޓަކައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ އިދާރާއިން މިއަދު ހުޅުވާލައިފިއެވެ.

މި މަގާމު ހުސްވެފައިވަނީ، ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި ސުޖާތާ ހަލީމް މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި އެ މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސުޖާތާ އިސްތިއުފާ ދެއްވި ފަހުން މިހާތަނަށް އެ އިދާރާ ހިންގަމުން އައީ ދާއިމީ ސީއީއޯއެއް އައްޔަނުނުކޮށެވެ.

ޕެންޝަން އޮފީހުން މިއަދު ކުރި އިއުލާނުގައި ބަޔާންކޮށްފައިވާ ގޮތުން، ފަސް އަހަރު ދުވަހުގެ މުއްދަތަކަށް އައްޔަނުކުރާ މި މަގާމަށް ޝައުގުވެރިވާ ފަރާތްތަކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތައުލީމީ ގާބިލުކަމާއި ތަޖުރިބާގެ ޝަރުތުތަކެއް ވެސް އެ އިދާރާއިން ވަނީ ކަނޑައަޅާފައެވެ.

އެގޮތުން، މަސައްކަތާ ގުޅޭ ދާއިރާއަކުން މާސްޓާސް ޑިގްރީއެއް ހާސިލުކޮށްފައިވުމާއެކު، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 8 އަހަރުގެ ތަޖުރިބާ ހުންނަންޖެހެއެވެ. އަދި ބެޗެލާސް ޑިގްރީއެއް ހާސިލުކޮށްފައިވާ ނަމަ، ސީނިއާ މެނޭޖްމަންޓް ލެވެލްގައި މަދުވެގެން 10 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން ޝަރުތުކޮށްފައިވެއެވެ.

މީގެ އިތުރުން، ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރާނެ ފަރާތްތައް ކަނޑައެޅުމުގައި ބައެއް ދާއިރާތަކަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށް ޕެންޝަން އޮފީހުން ބުނެއެވެ. އެގޮތުން ޕެންޝަން، ފައިނޭންސް، ސޯޝަލް ސެކިއުރިޓީ، އިންވެސްޓްމަންޓް، ގަވަރނަންސް އަދި ޕަބްލިކް ޕޮލިސީ ފަދަ ދާއިރާތަކުން އިސް ސަފުގައި މަސައްކަތްކޮށް ތަޖުރިބާ ހާސިލުކޮށްފައިވާ ފަރާތްތަކަށް މި މަގާމަށް އިސްކަންދެވޭނެ ކަމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު