ބަންޑާރަނައިބު އަޙްމަދު އުޝާމް - މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ބަންޑާރަނައިބު އަޙްމަދު އުޝާމް - މިއީ އޭއި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް | ރަސް އޮންލައިން
ރާއްޖޭގައި މަރުގެ އަދަބު ދިނުމާ ގުޅޭ ޚާއްސަ ޤާނޫނެއް ހެދުމުގެ ބިލު ހިމެނޭހެން، ދައުލަތުގެ މުހިންމު ދާއިރާތަކަށް އަމާޒުކޮށްފައިވާ ބިލުތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުން އަންނަކަން ބަންޑާރަނައިބު އަޙްމަދު އުޝާމް މިއަދު ހާމަކުރަށްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބަންޑާރަނައިބު އުޝާމް ވިދާޅުވީ، މަރުގެ އަދަބު ދިނުމާ ގުޅޭ ޚާއްސަ ބިލުގެ އިތުރުން އިމިގްރޭޝަން ބިލާއި، ފަޅުރަށްތަކާ ބެހޭ ޤާނޫނުތަކަށް އިސްލާހު ގެނައުމުގެ ބިލު މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

ބަންޑާރަނައިބު ވިދާޅުވީ، މި ދާއިރާތަކުގެ ޤާނޫނުތަކަށް ބަދަލު ގެންނަން ނިންމީ، މިހާރު ހުރި ޤާނޫނުތަކަކީ ވަރަށް ބޮޑަށް ދުވަސްވެފައިވާ ޤާނޫނުތަކަކަށް ވާތީ ކަމަށެވެ. އެހެންކަމުން، މިހާރުގެ ޙާލަތަށް ރިޢާޔަތްކޮށް، އެ ދާއިރާތަކަށް އައު ޤާނޫނުތަކެއް ތަޢާރަފުކުރުމަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު ހަރުދަނާކުރުމަށް ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އެކުލެވިގެންވާ ގޮތް ބަދަލުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅަކަށް ވާތީ، އެކަމަށްޓަކައި ޤާނޫނުއަސާސީއަށް ގެންނަންޖެހޭ އިސްލާހުތަކުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އުޝާމް ވިދާޅުވިއެވެ. ސަރުކާރުން އިސްކަންދޭ އެހެން ދާއިރާތަކުގެ ތެރޭގައި ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭ ޤާނޫނީ އޮނިގަނޑު ހަރުދަނާކުރުން ހިމެނޭކަން ވެސް ބަންޑާރަނައިބު ފާހަގަކުރެއްވިއެވެ.

ބަންޑާރަނައިބު އިތުރަށް ވިދާޅުވީ، މަރުގެ އަދަބު ދިނުމާ ގުޅޭ ޚާއްސަ ބިލާއި މިހާރު ތައްޔާރުކުރެވެމުންދާ ހުރިހާ އިސްލާހުތަކަކީ ރާއްޖޭގެ ޤާނޫނީ ނިޒާމު ޒަމާނީކޮށް، އިސްލާމީ އުޞޫލުތަކާއި ދިވެހިރާއްޖޭގެ އާދަކާދަތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާކުރުމަށް ކުރެވޭ މުހިންމު މަސައްކަތްތަކެއް ކަމަށެވެ.

އުޝާމް ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ވީހާވެސް އަވަހަށް މި މުހިންމު އިސްލާހުތައް ގެނެސް، ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައް އަވަސް އަދި ހަރުދަނާ ނިޒާމެއްގެ ތެރެއަށް ފެއްތުން ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު