މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މިއީ އޭއި ބޭނުންކޮށްގެން ބަދަލު ގެނެސްފައިވާ ފޮޓޯއެއް | ރަސް އޮންލައިން
މާލޭގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދައި، އެ މައްސަލައާ ގުޅުންހުރި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މިދިޔަ އަންގާރަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މި މަހުގެ 4 ވަނަ ދުވަހު ރާއްޖެއަށް އައި ފްލައިޓަކުން އެތެރެކުރި 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރުމާ ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއް ކަމަށެވެ. މި މައްސަލައިގެ ތަހުގީގުގައި ފުލުހުން ވަނީ، ތުހުމަތުކުރެވޭ މީހުން ހޯދުމަށް ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން "ކޮންޓްރޯލް ޑެލިވަރީ" އޮޕަރޭޝަނެއް ހިންގާފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދިވެއްސަކާއި ބަންގްލަދޭޝްގެ ދެ މީހުންނެވެ. އެއީ އަބްދުﷲ ރާއިފް (27އ)، ލ. ކަލައިދޫ / ހިޔާވަހި އާއި، އެމްޑީ ޖޯޝިމް އުއްޑިން (43އ)، ބަންގްލަދޭޝްގެ އިތުރުބް މަމުން ދަލި (32އ)، ބަންގްލަދޭޝް އެވެ.

ފުލުހުން ބުނީ މި އޮޕަރޭޝަންގައި މާލޭގެ ދެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ހޯދާފައިވާ ކަމަށެވެ. ކަސްޓަމްސްއިން އަތުލައިގަތް 7 ކިލޯގެ ތަކެއްޗާއެކު މި އޮޕަރޭޝަންގައި ޖުމުލަ 21 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އަބްދުﷲ ރާއިފަށް 3 ދުވަހުގެ މުއްދަތެއް ދީފައިވާއިރު، ބަންގްލަދޭޝްގެ ދެ މީހުންނަށް ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ޖަހައިދީފައެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު