ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭގޮތުން ކަންބޮޑުވުން ތަކެއް
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭގޮތުން ކަންބޮޑުވުން ތަކެއް
ސަރުކާރުން އަލަށް ތައާރަފުކުރި "މާލެ ޓެކްސީ ލައިން" އާ ގުޅޭގޮތުން ކަންބޮޑުވުން ހުރި ސީރިއަސް މައްސަލަތަކެއް ފެންމަތިވެ މި ޚިދުމަތް ފެށިގެން ދިޔައިރު އުއްމީދުތަކެއް އޮތް ނަމަވެސް، ޓެކްސީތަކުގެ ތެރޭގައި ސިއްރުން އަޑުއަހާ އާލާތްތަކާއި، ވީޑިއޯ ރެކޯޑު ކުރެވޭނެ ކެމެރާ ހަރުކޮށްފައި ހުރިކަން ހާމަވުމާއެކު، ސަރުކާރަށް ދަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.



މި މައްސަލައިގައި ހަމައެކަނި ދަތުރުވެރިންނެއް ނޫނެވެ؛ ޚުދު ޓެކްސީ ޑްރައިވަރުން ވެސް ދަނީ ނުތަނަވަސްކަން ފާޅުކުރަމުންނެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި މި ފިޔަވަޅަކީ އާންމު ރައްޔިތުންގެ ޒާތީ މިނިވަންކަމާއި އިންސާނީ ހައްގުތަކަށް އަރައިގަތުމުގެ އިންތިހާއެވެ.

ޓެކްސީއަކީ އާންމު ދަތުރުފަތުރުގެ ވަސީލަތަކަށް ވީނަމަވެސް، އޭގެ ތެރޭގައި ދެކެވޭ ވާހަކަތަކާއި ކުރެވޭ ކަންކަން ސަރުކާރުގެ މުއައްސަސާތަކަށް ބެލޭ ގޮތަށް ހުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އާންމުން ބުނެއެވެ.



"ޓެކްސީއަށް އަރާ މީހާ އޭނާގެ އާއިލީ ކަންކަމާއި، ސިޔާސީ ވިސްނުމާއި، އަމިއްލަ ދިރިއުޅުމުގެ ވާހަކަ ދައްކާނެ. އެކަންކަން ރެކޯޑު ކުރެވި، ބަޔަކު އަޑުއެހުމާއި ބަލަމުންދިއުމަކީ ބިރުވެރި ކަމެއް،" ކަންބޮޑުވުން ފާޅުކުރި މީހަކު ބުންޏެވެ.

​މި މައްސަލައިގެ ތެރެއިން ގިނަ ބަޔަކު ފާހަގަކުރާ އަނެއް ކަމަކީ، ކޮންމެ ކަމެއްގެ ތެރެއިން ވެސް ރައްޔިތުންގެ ޒާތީ މަޢުލޫމާތު ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެވެ.

އެގޮތުން، އައިޑީ ކާޑު ނަންބަރު ބޭނުންކޮށްގެން ގިނަ ބަޔަކު އެމީހުންނަށް ނޭނގި ޕީއެންސީގެ ދަފްތަރުގައި ޖައްސަމުންދާ މައްސަލައަކީ މީގެ ހެއްކެއް ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.

​މީގެ އިތުރުން، ސަރުކާރުން ނިންމާ މިފަދަ "ކުއްލި" ނިންމުންތަކުގެ ސަބަބުން ރައްޔިތުންނަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާކަން އާންމުން ފާހަގަކުރެއެވެ.

އެގޮތުން، ދާދި ފަހުން ވޭޕް މަނާކުރުމަށް ނިންމި ނިންމުމާއެކު، ގިނަ އަދަދެއްގެ ޒުވާނުން އަލުން ސިނގިރޭޓާއި ބިޑިއަށް އާދަވެ، ސިއްހީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ މިސާލުތައް އާންމުން ދަނީ ދައްކަމުންނެވެ. މިއީ ދުރާލާ ވިސްނުމެއް ނެތި، ކަންކަމުގެ އަސްލު ނަތީޖާއަށް ނުބަލައި ނިންމާ ނިންމުންތަކެއްގެ ގޮތުގައި ރައްޔިތުން ސިފަކުރެއެވެ.

​މާލެ ޓެކްސީ ލައިންގެ މި މައްސަލައިގައި ސަރުކާރުގެ ރަސްމީ ބަހެއް ހޯދުމަށް ކުރި މަސައްކަތް އަދި ކާމިޔާބުވެފައި ނުވާއިރު، އާންމުންގެ މެދުގައި އުފެދިފައިވާ ބިރުވެރިކަމާއި ނުތަނަވަސްކަން ދަނީ އިތުރުވަމުންނެވެ.

މިކަމުގެ ސަބަބުން ޓެކްސީ ޚިދުމަތް ބޭނުންކުރާ މީހުންގެ އަދަދު މަދުވެ، އަމިއްލަ ޓެކްސީތަކަށް އޮންނަ ޑިމާންޑް ބޮޑުވެގެން ހިނގައިދާނެ ކަމަށްވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ސަރުކާރުން މިކަމުގައި ދޭނެ ޖަވާބަކަށް މުޅި މާލެ މިހާރު އޮތީ އިންތިޒާރުގައެވެ.



ކިޔުންތެރިންގެ ހިޔާލު