ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ބިދޭސީން ރާއްޖެ ގެނައުމުގައި ގައުމުގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރާ ކުންފުނިތައް ފާހަގަކޮށް، އެ ފަރާތްތަކަށް ހާއްސަ 'ވައިޓް ލިސްޓެއް' ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވައިފިއެވެ.

މިކަން ހާމަކުރެއްވީ ހޯމް މިނިސްޓަރު ޢަލީ އިހުސާން ރޭ ދައުލަތުގެ މީޑިއާއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި މި ލިސްޓުގައި ހިމެނޭނީ ދައުލަތަށް ދައްކަންޖެހޭ ފީތައް ބަރާބަރަށް ދައްކާ، އަދި ހިއުމަން ޓްރެފިކިން ނުވަތަ އިންސާނީ ވަގުފާރީގެ އެއްވެސް މައްސަލައެއް އެކްސްޕެޓް ސިސްޓަމުން ފެންނަން ނެތް ކުންފުނިތަކެވެ. މި މަސައްކަތަކީ ރާއްޖޭގައި ބިދޭސީން ގެންގުޅުމުގެ ނިޒާމު ހަރުދަނާކޮށް، ގަވާއިދަށް އަމަލުކުރާ ފަރާތްތަކަށް ހިތްވަރު ދިނުމުގެ ގޮތުން ކުރެވޭ މަސައްކަތެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަން ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މި ރިޔާސީ ދައުރު ނިމޭއިރު، ރާއްޖެއަކީ ބައިނަލްއަގުވާމީ މިންގަނޑުތަކުން ބަލާއިރުވެސް ބިދޭސީން އެންމެ ރަނގަޅަށް ގެންގުޅޭ އެއް ގައުމަށް ވެގެންދާނެ ކަމަށެވެ.

ސަރުކާރުން ތައާރަފުކުރާ 'މޯލްޑިވްސް 2.0' ނިޒާމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މޯލްޑިވްސް ޑޭޓާ އެކްސްޗޭންޖްގެ ސަބަބުން އިދާރީ ގިނަ ދަތިތަކެއް ހައްލުވެގެންދާނެ ކަމަށެވެ. އެގޮތުން މި ނިޒާމު ފުރިހަމައަށް ތަންފީޒުވުމުން، ދައުލަތުގެ އެއް އިދާރާއަކުން ދޫކުރާ ލިޔެކިޔުމެއް އަނެއް އިދާރާއަކަށް ހުށަހަޅަން ނުޖެހޭނެ ކަމަށާއި، ހުރިހާ މުއައްސަސާތަކެއްގެ މައުލޫމާތުތައް ގުޅިލާމެހިގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން ކޮންމެ އުޅަނދަކަށް އަރާ ބިދޭސީއަކީ ކާކުކަން ވަގުތުން ދެނެގަނެވޭނެ ފަދަ ވަރުގަދަ އެންފޯސްމަންޓް ނިޒާމެއް ގާއިމުވެގެންދާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ފަށާފައިވާ 'އޮޕަރޭޝަން ކުރަނގީ' އާ ގުޅޭގޮތުން މިނިސްޓަރު ވިދާޅުވީ، މި އޮޕަރޭޝަންގެ ތިންވަނަ ފިޔަވަހީގެ ދަށުން ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދައި، މިއަހަރުގެ ނޮވެމްބަރު 17 ގެ ކުރިން ޑީޕޯޓުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ. އަދި މި އޮޕަރޭޝަންގެ ތެރެއިން މައުލޫމާތު އެއްކުރެވުނު މީހުންގެ ތެރެއިން ގަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތުވެސް ފަހިކޮށްދެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

މި އޮޕަރޭޝަންގެ މައިގަނޑު އަމާޒަކީ ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ ބަޔޯމެޓްރިކް މައުލޫމާތާއި އިނގިލީގެ ނިޝާން ނަގައި ދެނެގަތުމެވެ. އަދި ސައްހަ ވިސާއެއް ނެތި އުޅޭ މީހުންނާއި، ހުއްދަ އޮތް ނަމަވެސް ގަވާއިދާ ހިލާފަށް މަސައްކަތްކުރާ ބިދޭސީން ހޯދައި ރާއްޖެއިން ފޮނުވާލުމަކީވެސް މި މަސައްކަތުގެ މުހިންމު ބައެއް ކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު