ޕެންޝަން އޮފީސް
ޕެންޝަން އޮފީސް
ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު، އިންތިހާބީ މަގާމެއް ނުވަތަ އައްޔަންކުރާ މަގާމެއް ނުވަތަ ދައުލަތުގެ ކުންފުންޏެއްގެ މަގާމެއް އަދާކުރާނަމަ، އެ މަގާމެއް އަދާކުރާ މުއްދަތުގައި ރިޓަޔާމެންޓު ޕެންޝަން ނުލިބޭ ގޮތަށް ސިވިލް ސާވިސްގެ އުސޫލުތައް ބަދަލުކޮށް މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކޮށްފިއެވެ.

މިއީ އާންމުންގެ ވަރަށް ގިނަ ބަޔަކު އެދެމުންދިޔަ ކަމަކަށް ވާއިރު، މިއަދު އާންމުކުރި އައު އުސޫލުގައިވާ ގޮތުން ދައުލަތުގެ ވަޒީފާއަކުން މުސްކުޅިކުރުމުން ލިބޭ އިނާޔަތް ލިބޭ މީހަކު އަލުން ދައުލަތުގެ އެއްވެސް މަގާމަކާ ހަވާލުވެއްޖެނަމަ، އެ މުއްދަތުގައި ޕެންޝަން ފައިސާ ދޫކުރުން މެދުކަނޑާ ލެވޭނެއެވެ. އަދި ކުރިން ލިބެމުންދިޔަ މުސްކުޅިކުރުމުގެ އިނާޔަތުގެ ފައިސާ އަލުން ދޫކުރަން ފަށާނީ، ފަހުން އަދާކުރި ވަޒީފާއިން ވަކިވާ މަހާއި ޖެހިގެން އަންނަ މަހުން ފެށިގެން ކަމަށްވެސް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

އައު އުސޫލުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުން، ދައުލަތުގެ ވަޒީފާއަކުން ރިޓަޔާކުރުމަށްފަހު އިންތިހާބީ މަގާމެއް ނުވަތަ ސަރުކާރު ކުންފުންޏެއްގެ މަގާމެއް ފަދަ ވަޒީފާއަކާ ހަވާލުވާނަމަ، އެކަން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހަށް އަންގަން ޖެހެއެވެ. އެގޮތަށް ނާންގައި އޮތުމުގެ ސަބަބުން، ވަޒީފާގައި ހުރި މުއްދަތުގައި އިނާޔަތް ދޫކުރެވިފައިވާނަމަ، އެ ފައިސާ އަނބުރާ ދައްކަން ޖެހޭނެއެވެ.

މި ފަހަކަށް އައިސް ދައުލަތުގެ ވަޒީފާތަކުން ރިޓަޔާކުރުމަށްފަހު، ބޮޑެތި މުސާރަ ލިބޭ ސަރުކާރުގެ އިސް މަގާމުތަކަށް ބޭފުޅުން ވަޑައިގަތުން ވަނީ އިތުރުވެފައެވެ. މިފަދަ ބޭފުޅުންނަށް ބޮޑު މުސާރައިގެ އިތުރުން ޕެންޝަން ފައިސާގެ ގޮތުގައިވެސް ބޮޑު އަދަދެއް ލިބެމުންދާތީ، އާންމުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ.

މީގެ އިތުރުން، އުމުރުން ދުވަސްވީ މީހުންނަށް ދޭ އަސާސީ ޕެންޝަނަށްވުރެ ބޮޑު އާމްދަނީއެއް ލިބޭނަމަ އަސާސީ ޕެންޝަން ނުލިބޭނެ ގޮތަށްވެސް މިހާރު ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިންތިޚާބީ މަގާމެއްގައި ނުވަތަ ސަރުކާރު ކުންފުންޏެއްގެ ވަޒީފާގައި ހުރެގެން ލިބޭ އާމްދަނީ ބޮޑުނަމަ، ދައުލަތުން ދޭ އަސާސީ ޕެންޝަންވެސް އެ ބޭފުޅުންނަށް ދެން ނުލިބޭނެއެވެ.

މި ބަދަލަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި، އިންސާފުވެރި ނިޒާމެއް ގާއިމުކުރުމަށް ސަރުކާރުން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު