އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު
ވ. އަތޮޅުގައި ފީނަން އުޅެނިކޮށް ގެއްލުނު އިޓަލީވިލާތުގެ ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފުން ކުރިއަށްގެންދާ ސާޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ޑައިވްކުރަނިކޮށް ހާލުދެރަވެ، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވުމާ ގުޅިގެން، އޭނާގެ އާއިލާއަށާއި ދިވެހި ސިފައިންނަށް އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ޢަބްދުﷲ ޝާހިދު މިއަދު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގައުމީ އަދި އިންސާނީ ޚިދުމަތުގެ ބޮޑު ވާޖިބެއް އަދާކުރަމުން ދަނިކޮށް ނިޔާވި ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ވަކިވުމަކީ ލިބުނު ފުން ހިތާމައެއް ކަމަށެވެ.

އަދި މި ބުރަ އަދި ހިތާމަވެރި ދަނޑިވަޅުގައި މަރުހޫމްގެ އާއިލާއަށާއި ދިވެހި ސިފައިންގެ އެންމެހާ މުވައްޒަފުންނަށް އިޚްލާޞްތެރިކަމާއެކު ތައުޒިޔާ ރައްދުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝާހިދުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ މާތްﷲ މަރުޙޫމްގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި، މި ހިތާމަވެރި ވަގުތުގައި އާއިލާއަށް ކެތްތެރިކަން ދެއްވުމަށް އެދި ދުޢާކުރައްވަމުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި ޖުމްލަ ފަސް މީހަކު ޑައިވަށް ދިޔައެވެ. ނަމަވެސް މިހާތަނަށް ފެނިފައިވަނީ އެ ގްރޫޕާ އެކު ދިޔަ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު އެކަންޏެވެ. ބާކީ ތިބި ހަތަރު ޑައިވަރުން ހޯދުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން ހުއްޓުމެއް ނެތި އޮޕަރޭޝަން ކުރިއަށް ގެންދާއިރު، މި މަސައްކަތުގައި އެހީތެރިވުމަށް އިޓަލީގެ މާހިރުންގެ ޓީމެއް ފޮނުވުމުގެ ހުރިހާ އިންތިޒާމްތަކެއް މިހާރު ވަނީ ފައިނަލް ކުރެވިފައެވެ.



ކިޔުންތެރިންގެ ހިޔާލު