މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް
ވެރިކަންކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ރޭ ބޭއްވި ހާއްސަ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ފިޝަރީޒް، އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސަސް އަހުމަދު ޝިޔާމް ވަނީ، އެމް.ޑީ.ޕީގެ ދެ ސަރުކާރަށް އައްޑޫ ސިޓީން ބޮޑު މެޖޯރިޓީއެއް ދިނުމުންވެސް އެ ސިޓީ ވަރަށް ބޮޑަށް އިހުމާލުކޮށްލާފައިވާ ކަމަށް ވިދާޅުވެ، އިދިކޮޅަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަދި ހާއްސަކޮށް އައްޑޫ އުތުރު ދާއިރާއަށް ނިސްބަތްވާ ސަރަހައްދުތަކުގެ އުމްރާނީ، އިޖުތިމާއީ އަދި އިގްތިސާދީ ތަރައްގީ މަޑުޖެހި، އިހުމާލުވެފައިވާ މިންވަރުގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ ސާދިގު (ސޯބޭ) ކަމަށް ޝިޔާމް ތުހުމަތު ކުރެއްވިއެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި، 2021 ވަނަ އަހަރު ބޭއްވުނު އެމް.ޑީ.ޕީގެ އެތެރޭގެ އިންތިހާބަކުން އައްޑޫގެ ރައްޔިތުން ސޯބޭއަށް "ނޫނެކޭ" ބުނެ ބަލިކޮށްލުމުންވެސް، އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ސަރުކާރުން އޭނާ އައްޔަންކުރެއްވީ ސިޔާސީ ބޮޑު މަގާމަކަށެވެ.

އެގޮތުން އައްޑޫ ސިޓީގެ ތާރީހުގައިވެސް ސިޔާސީ ބޭފުޅަކު ހުންނެވި އެންމެ ނުފޫޒުގަދަ އަދި ބޮޑު މަގާމު ކަމަށްވާ ޕްލޭނިންގް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ސޯބޭއަށް ދެއްވިއިރު، އެ ރަށުގެ އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހަގީގަތުގައިވެސް ގުޅިފައި އޮތީ އެ މިނިސްޓްރީއާއެވެ.

މިނިސްޓަރުގެ ވާހަކަފުޅުގައި، 2021 އިން ފެށިގެން އެ ސަރުކާރު ނިމެންދެން ހޭދަވި މުއްދަތަކީ ކުޑަކުއްޖަކު ބޮޑުވެ ވޯޓުލެވޭ ހިސާބަށް ދާ ފަދަ ދިގު އުމުރެއްގެ ގޮތުގައި ސިފަކުރައްވަމުން، މިއަދު މުޅި އައްޑޫ ސިޓީގެ ހާލަތަށް ވަށާޖެހޭ ގޮތަކަށް ބަލާލަންޖެހޭ ކަމަށް ވިދާޅުވިއެވެ.

އަދި އައްޑޫގެ ތަރައްގީއަށް އެހާ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔައިރުވެސް، މިއަދު ފެންނަން އޮތީ މުޅި ސިޓީއާއި ވަކިން ހާއްސަކޮށް އުތުރު ދާއިރާ ބޮޑު އިހުމާލެއްގެ ތެރޭގައި އޮތް މަންޒަރު ކަމަށާއި، ރައްޔިތުންނަށް ވީ މި ބޮޑު ދެރައާއި އިހުމާލުގެ ފުރިހަމަ ޒިންމާ އުފުލަންޖެހޭނީ ސޯބޭ ކަމަށް ޝިޔާމް ރޭގެ ޖަލްސާގައި ބާރުލައްވާފައި ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު