މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ
އެމްޑީޕީގެ ޒުވާން މެމްބަރުން މިހާރު ބޭނުންވަނީ ޕާޓީގެ އިސް ސަފަށް އާ ބަދަލުތަކެއް ގެނެސް، އާ ލީޑަރޝިޕަކުން ޕާޓީ ހިންގުމަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ، އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ މަޖިލިސް މެމްބަރު މީކާއިލް ނަސީމްގެ ކެމްޕެއިނަށް އަތޮޅުތަކަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން މީޑިއާއަށް ދެއްވި ބަސްތީގަތުމެއްގަ އެވެ.

ދީދީ ފާހަގަކުރެއްވި ގޮތުގައި، ރ. އަތޮޅުން ފެށިގެން ކުރިއަށްދާ މި ދަތުރުތަކުން މީކާއިލްއަށް އޮތް ތާއީދު ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި، ޕާޓީގެ ކުރިމަގު ބައްޓަންކުރުމުގައި ޒަމާނީ ބަދަލުތަކަކާއެކު ޒުވާނުންގެ ބައިވެރިވުން އިތުރުކުރަން އެ ފަރާތްތަކުން ބޭނުންވެ އެވެ. ނަމަވެސް، ބައެއް ފަރާތްތަކުން ހަގީގަތާ ހިލާފު މަންޒަރެއް ދެއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވި އެވެ.

މީގެ އިތުރުން އަހުމަދު ދީދީ ވިދާޅުވީ، މިހާރު ކުރިއަށްދާ ޗެއަރޕަރސަންގެ އިންތިޚާބަކީ ރިޔާސީ އިންތިޚާބުގެ ޕްރައިމަރީ ކެމްޕެއިނެއްގެ ގޮތުގައި ސިފަކުރުމަށް ބަޔަކު އުޅޭ ކަމުގެ ވާހަކަތައް އާއްމުންގެ ތެރޭގައި ދެކެވެމުންދާ ކަމަށެވެ.

އެހެންކަމުން، ޕާޓީގެ ޗެއަރޕަރސަންއަކު ހޮވާއިރު މިއީ ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެއްކަން އޭނާ ފާހަގަކުރެއްވި އެވެ. އަންނަ ޖޫން މަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް އޮތީ މީކާއިލް ނަސީމް އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާ ދެމެދުގަ އެވެ.



ކިޔުންތެރިންގެ ހިޔާލު