ހޯމް މިނިސްޓަރު އަލީ އިހުސާން
ހޯމް މިނިސްޓަރު އަލީ އިހުސާން
ޖަލުތަކުގައި "ލޭޓް ނައިޓް ރެއިޑް" ނުވަތަ ދަންވަރު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގުމަކީ ދުނިޔޭގެ ހުރިހާ ޖަލެއްގައިވެސް އަމަލުކުރާ އުސޫލު ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ކްރިމިނަލް ކޯޓުގެ އަމުރަކާ ހިލާފުވެގެން ޖަލަށްލާފައިވާ 'އަދަދު' ނޫހުގެ ނޫސްވެރިޔާ މުހައްމަދު ޝަހްޒާން އޮތް ގޮޅީގެ އަށީގައި ބިރުދެއްކުމުގެ ގޮތުން މުގުރުން ތެޅި ކަމަށް ބުނާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި ޖަލުގައި ތިބޭ ކޮންމެ މީހަކާ މެދުވެސް އަމަލުކުރާނީ އެއީ "ގައިދީއެއް" ކަމަށް ބަލައިގެންނެވެ.

މި މައްސަލައާ ގުޅޭ ތަފްސީލު ދެއްވަމުން އިހުސާން ވިދާޅުވީ، 15 މެއި 2024 ވީ ދުވަހުގެ ރޭގަނޑު 19:35 ހާއިރު، އާންމު ފަރާތަކުން ލިބުނު މައުލޫމާތަކާ ގުޅިގެން ކަރެކްޝަންސްގެ އޮފިސަރުން ވަނީ ޝަހުޒާން އާއި ލީވާން ބަންދުކޮށްފައި ތިބި ގޮޅި ފާސްކޮށްފައެވެ. އަދި އެ ދެ މީހުންގެ ހާޒިރުގައި ގޮޅީގެ ކަބަޑުތެރެ ބެލިއިރު، އަންނައުނުތަކުގެ ތެރެއިން މޮބައިލް ފޯނެއް ފެނިފައިވާ ކަމަށް މިނިސްޓަރު ހާމަކުރެއްވިއެވެ.

ނަމަވެސް، މި ވާހަކަތަކާ ގުޅިގެން "އަދަދު" ނޫހުން ވަނީ ޝަހުޒާން އޮތް ގޮޅީގެ އަށީގައި މަރުތެޔޮ ހިފައިގެން ތެޅުން މިނިސްޓަރު ދިފާއުކުރެއްވި ކަމަށް ބުނެ ހަބަރު ފަތުރާފައެވެ. އެކަމަށް ރައްދު ދެއްވަމުން އިހުސާން ވިދާޅުވީ، ޖަލަށް ހުކުމް ތަންފީޒު ކުރަން ދިއުމަށްފަހު އެމީހަކީ ކުރިން ކޮން މަގާމެއްގައި ހުރި މީހެއްތޯ ނުވަތަ ކުރިން ކުރީ ކޮން މަސައްކަތެއްތޯ ބެލުމެއް ނޯންނާނެ ކަމަށެވެ. އަދި ކޮންމެ މީހަކާ މެދުވެސް އަމަލުކުރާނީ ކަނޑައެޅިފައިވާ ގަވާއިދުތަކުގެ ތެރެއިން "ގައިދީއެއް"ގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި މަނާ ތަކެތި (ކޮންޓްރަބޭންޑް) ހޯދުމަށް ހިންގާ މިފަދަ ކުއްލި އޮޕަރޭޝަންތަކަކީ ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ އާންމު އުސޫލުތަކެކެވެ.



ކިޔުންތެރިންގެ ހިޔާލު