ރިބާޙު ހުސައިން
ރިބާޙު ހުސައިން
މިއަހަރުގެ ބޮޑު އީދާ ދިމާކޮށް ނެރުނު ފޯރިގަދަ ލަވަ "އީދު ގޮއްޔެ" އަށް އާންމުންގެ ފަރާތުން ބޮޑު ތަރުހީބެއް ލިބި، ގިނަ ބައެއްގެ ސަމާލުކަން ހޯދައިފިއެވެ.

މި ލަވައިގެ ޅެމަކީ އުމުރުން އެންމެ 23 އަހަރުގެ ހުނަރުވެރި ޅެންވެރިޔާ ރިބާޙު ހުސައިން، ނުވަތަ އާންމު ނަމުން ނަމަ "ލިޔަން ސޮރަ" ގެ ހިތްގައިމު އުފެއްދުމެކެވެ.

ހޭވައްލާ ބޮޑުބެރު ގުރޫޕާއި ކްރިއޭޓިވް ނެޓްވޯކް ގުޅިގެން ނެރުނު މި ލަވައަށް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. ލަވައިގެ ކަޑިތަކުގެ ފުރިހަމަކަމާއި، އީދުގެ އުފާވެރި މާހައުލާ ގުޅޭގޮތަށް ޅެމުގެ ބަސްމަގު ހުރި ގޮތުން ގިނަ ބަޔަކު މި ލަވައަށް ވަނީ ހިތްކިޔާފައެވެ. ލަވަ ނެރުނުތާ އެންމެ 4 ދުވަސް ތެރޭގައި އެއްލައްކައަށްވުރެ ގިނަ މީހުން މި ލަވަ ބަލާފައިވުމީ، މި ލަވައިގެ މަގުބޫލުކަން ހާމަކޮށްދޭ އަލިގަދަ ހެކިތަކެވެ.

"ލިޔަން ސޮރަ" މި ނަމަކީ ރިބާހު އުފަން ރަށް، ލ. ގަމުގެ ބަހުރުވައިން "ލިޔާ މީހާ" ނުވަތަ "ލިޔާ ސޮރު" އެވެ. ޅެންވެރިކަމުގެ ދާއިރާގައި 8 އަހަރު ހޭދަކޮށްފައިވާ ރިބާހު "ރަސް އޮންލައިން" އަށް ދިން ބަސްދީގަތުމެއްގައި ވިދާޅުވީ، ކުރިން އޭނާ ލިޔަމުން އައީ ކޮޕީ ރާގުތަކަށް ކަމަށެވެ.

ނަމަވެސް 2025 ވަނަ އަހަރު އަމިއްލަ ރާގަކަށް ޅެމެއް ލިޔަން ލިބުނު ފުރަތަމަ ފުރުސަތުގައި ލިޔުނު "އާދަނާ" ލަވައަކީ މިހާރު ރާއްޖޭގެ ގިނަ ބޮޑުބެރު ގުރޫޕުތަކުން ކިޔަމުންދާ ވަރަށް މަގުބޫލު ލަވައެކެވެ.

މީގެ އިތުރުން، ހަމަ އެ އަހަރުގެ ފަހުކޮޅު ރިބާހު ލިޔުނު "މާ ލިލީ" ލަވައަކީވެސް އާންމުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދި ލަވައެކެވެ. މި ލަވަ މިހާރު ވަނީ މިލިއަނަކާ ގާތްކުރާ އަދަދަކަށް މީހުން ބަލާފައެވެ.



ޒުވާން ޅެންވެރިޔާ ރިބާހުގެ މި ފުރިހަމަ އުފެއްދުންތަކާއެކު، އޭނާ އަކީ ދިވެހި ޅެންވެރިކަމުގެ އުދަރެހުން ފެންނަމުންދާ އުންމީދީ އަދި ހުނަރުވެރި ތަރިއެއްކަން ވަނީ ސާބިތުކޮށްދީފައެވެ. އީދު ފޯރިއާއެކު "އީދު ގޮއްޔެ" މުޅި ރާއްޖޭގައި މިހާރު ވަނީ ގުގުމާލާފައެވެ.



ކިޔުންތެރިންގެ ހިޔާލު