މިއަދު ހެނދުނު ކަނޑުމަތީގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި، ލޯންޗުގައި ޖެހުނު ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 6:30 ހާއިރު، ދެ މީހުންނާއެކު ދަތުރުކުރި "ޓުއާ ގާޑް" ނަމަކަށް ކިޔާ ލޯންޗެއްގައެވެ. ފުލުހުން ބުނި ގޮތުގައި، މިހާތަނަށް ހިންގި ތަހުގީގުން އެ ލޯންޗުގައި ޖެހުނު އުޅަނދު މިހާރު ވަނީ ދެނެގަނެވިފައެވެ. އެއީ ސަޕްލައި ދޯންޏެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ނަމަވެސް، އެކްސިޑެންޓަށްފަހު އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި އެ ދޯނި މަޑުނުކޮށް ދިޔަ މައްސަލަ ފުލުހުން ދަނީ ވަކި މައްސަލައެއްގެ ގޮތުގައި ވަރަށް ސީރިއަސްކޮށް ބަލަމުންނެވެ.

މި ހާދިސާގައި ލޯންޗުގައި ތިބި ދެ ފަޅުވެރިންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. އެމްއެންޑީއެފުން ބުނި ގޮތުގައި، އަނިޔާވި 38 އަހަރުގެ ދިވެހި ފިރިހެނަކަށާއި 30 އަހަރުގެ ބިދޭސީ ފިރިހެނަކަށް އައިޖީއެމްއެޗްގައި ވަނީ ފަރުވާ ދީފައެވެ. ހޮސްޕިޓަލާ ހަވާލާދީ ފުލުހުން އެންމެ ފަހުން މައުލޫމާތު ދިން ގޮތުގައި، އެ ދެ މީހުންގެ ހާލަތު މިހާރު ރަނގަޅެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު